ރައީސްގެ އިގުތިސޯދީ އިސްލާހީ އެޖެންޑާއަށް މަޖިލީހުގެ ރުހުން ހޯދަން ފޮނުވައިފި
![](https://dhen.mv/wp-content/uploads/2025/02/WhatsApp-Image-2025-02-09-at-20.57.46_f60a85cc-850x548.jpg)
ރައީސް މުހައްމަދު މުއިއްޒު ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް ދައުލަތުގެ ހަރަދު ކުޑަކުރުމުގެ މަގުސަދުގައި އެކުލަވާލައްވާ އިގުތިސޯދީ އިސްލާހީ އެޖެންޑާއަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ފޮނުވި މައްސަލަ މާދަމާ ބާއްވާ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
މާދަމާ ހެނދުނު ނުވައެއް ޖަހާއިރު ފަށާ ޖަލްސާގެ އެޖެންޑާގައި އޮތީ ރައީސް މުއިއްޒު ފޮނުއްވި މައްސަލަ ދާއިމީ ކޮމިޓީއަކަށް ފޮނުވުމެވެ. ނަމަވެސް ރައީސްގެ ސިޓީ އެނގޭނީ މާދަމާ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ އަމީންއާންމު ސިޓީ އިއްވުމުންނެވެ.
މީގެ ކުރިން ސަރުކާރުން ވަނީ ހަރަދު ކުޑަކުރުމުގެ ބައެއް ފިޔަވަޅުތައް އާންމުކޮށްފަ އެވެ. އޭގައި ހިމެނެނީ ސިޔާސީ މުވައްޒަފުންނާއި މަޖިލީހުގެ މެންބަރުންނާއި، ޝަރުއީ ދާއިރާއާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓް އުނި ކުރުމެވެ.
އޭގެ އިތުރަށް ރައީސްގެ މުސާރައިން 50 ޕަސެންޓް އުނިކުރުމަށް ވެސް އެމަނިކުފާނުގެ ނިންމަވާފައިވެ އެވެ. ރައީސްގެ މުސާރައަކީ މަހަކު 100،000 ރުފިޔާ އެވެ. ދެން ރައީސަށް ލިބިވަޑައިގަންނަވާނީ 50،000 ރުފިޔާ އެވެ.
ބައެއް ކުންފުނިތަކުގެ މުސާރަ އޮނިގަނޑު އޮތް ގޮތުން އެ ކުންފުނިތަކުގެ ވެރިންނަށް 100،000 ރުފިޔާއަށް މަތިން ކުރިން ލިބެ އެވެ. ނަމަވެސް ކުންފުނިތަކުގެ ވެރީންނަށް މުސާރައިގެ ގޮތުގައި ދެން ދޭނީ އެންމެ ގިނަވެގެން 90،000 ރުފިޔާ ކަަމަށް ވެސް ރައީސް ނިންމެވި އެވެ.
މުސާރަ ކުޑަކުޑާއިރު 12،000 ރުފިޔާއިން ދަށުން މުސާރަ ލިބޭ ފަރާތްތައް އިސްތިސްނާކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.