ހުޅުމާލޭ ކަންނެލި ޕެކިން ފެކްޓްރީ އަންނަ އަހަރު ނިމޭނެ: ޝިޔާމް

ހުޅުމާލޭގައި ސަރުކާރުން ތަރައްގީކުރަން ނިންމާފައިވާ ކަންނެލި ޕެކިން ފެކްޓްރީގެ މަޝްރޫއު މި އަހަރުގެ މެދަކާ ހިސާބުގައި ފަށައި، އަންނަ އަހަރުގެ މެދު ތެރެއަށް އެ މަސައްކަތް ނިމޭނެ ކަމަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޝިޔާމް އެހެން ވިދާޅުވީ މަސްވެރިންގެ މެދުގައި ތަފާތުކުރުން ގެންގުޅޭ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފު ޒާކިރު (މަޓޭ) ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބާ ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ޝިޔާމް ވިދާޅުވީ ބޮޑު ކަންނެލީގެ މަސްވެރިކަން ކުރަމުން އަންނަ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މަސްވެރިންގެ އަތުން 80 ރުފިޔާއަށް މަސް ގަތުމުގެ ވައުދު ފުއްދުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވި އެވެ.
ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ބޮޑު ކަންނެލި ގަންނަމުން ނުދާ ކަމަށާއި އެކަން ކުރަމުން ދަނީ އަމިއްލަ ކުންފުނިތަކުން ކަމަށެވެ. ކަނޑުއޮތްގިރިއަކީ ބޮޑު ކަންނެލި މަސްވެރިންނަށް ހާއްސަކޮށްގެން ހިންގަމުން އައި ރަށެއް ނަމަވެސް އެ ރަށުގެ ބަނދަރުގެ މައްސަލައަށް ހޯދިފައި ނުވުމުން މިހާތަނަށް އެކަން އޮތީ އެދެވޭ ގޮތެއްގައި ނުކުރެވި ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"މި ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ އަމާން ބަނދަރަކަށް ބޮޑު ކަންނެލި މަސްވެރިންގެ މަސް ކިރުމަށް ޓަކައި. އެއީ ހުޅުމާލެ ބަނދަރު. ހުޅުމާލެ ބަނދަރުގައި އެންމެ މަގަތުން އެ އޮތީ 25،000 އަކަފޫޓުގެ ޖާގައެއް ބޮޑު ކަންނެލީގެ މަސްވެރިންނަށް މަސް ޕެކް ކުރުމަށް ޓަކައި ކަނޑައެޅިފައި،"
މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމުގަ އެވެ. މަޝްރޫއާ އެކު ކުދި ވިޔަފާރިތަކަށާއި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) ފަދަ ޖަމިއްޔާތަކަށް ވެސް "ކޯޕެކް" ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމުގަ އެވެ.
އެ ފުރުސަތާ އެކު ކަންނެލި މަސްވެރިންގެ އަތުން ބޭނުންވާ އަގެއްގައި މަސް ގަތުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމުގައި ފާހަގަކުރެއްވި އެވެ.
ޝިޔާމުގެ އެ ޖަވާބާ ގުޅިގެން ކުޑޫ ވަނީ ކަންނެލި ޕެކިން ފެކްޓްރީގެ އަމަލީ މަސައްކަތް ފެށޭނެ އަދި މަޝްރޫއު ނިމޭނެ ތާރީހަކާ ގުޅޭގޮތުން ސުވާލު ކުރައްވާފަ އެވެ.
ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އައިއެސްޑީބީ މެދުވެރިކޮށް އެ ފެސިލިޓީއަށް ބޭނުންވާ ފަންޑު ހަމަޖެހިފައިވާއިރު، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި މަޝްރޫއު އިއުލާނުކުރާނެ ކަމަށެވެ.
"އިއުލާނުކޮށް މަސައްކަތް އަޅުގަނޑުމެން އަންދާޒާ މި ކުރަނީ މި އަހަރުގެ ހަމަ މެދު ތެރޭގައި މަސައްކަތް ފެށިގެންދާނެ ކަމަށް. މިއީ އެހާ ބޮޑު ފެސިލިޓީއަކަށް ނުވާތީ އަޅުގަނޑުމެން މި އަންދާޒާ ކުރަނީ މި އަންނަ އަހަރުގެ މެދު ތެރެއަށް މި މަސައްކަތް އަޅުގަނޑުމެންނަށް ނިންމާލެވޭނެ ކަމަށް"
ފެސިލިޓީ އާއެކު ކަންނެލި މަސްވެރިންނަށް އެ މަސައްކަތް ކުރިއަރުވަން ހުރި ގޮންޖެހުންތަކަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެކަން ޝިޔާމް ފާހަގަކުރެއްވި އެވެ.
