ފެނަކައާ ހަވާލުކުރި ހުރިހާ އައިސްޕްލާންޓެއް މިފްކޯގެ ދަށަށް ނަގަނީ
![](https://dhen.mv/wp-content/uploads/2024/09/gahdhoo-850x548.jpg)
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެނަކައާ ހަވާލުކޮށްފައި ހުރި ހުރިހާ އައިސްޕްލާންޓުތައް މި މަސް ތެރޭގައި ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ދަށަށް ނަގާނެ ކަމަށް ފިޝަރީޒް އެންޑް އޯޝަން ރިޒޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ކުރައްވާ ސުވާލަކަށް ޖަވާބު ދެއްވުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު ޝިޔާމް ވަނީ ހާޒިރުކޮށްފަ އެވެ.
ވަޒީރާ ސުވާލުކުރުމުގެ ފުރުސަތުގައި ތުޅާދޫ ދާއިރާގެ މެންބަރު ހަންނާނު އަބޫބަކުުރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ ކުރީ ސަރުކާރުގައި އައިސް ޕްލާންޓުތައް ފެނަކައާ ހަވާލުކުރުމަކީ "ދެރަ" ކޮށް ދިމާވި ކަމެއް ކަމަށެވެ.
"ފެނަކަ ކިޔާ ކަރަންޓު ދޭ ކުންފުންޏަކަށް އައިސްޕްލާންޓު ދީފައި ހުރީ، އައިސް ޕްލާންޓާ ކުޅެން އެނގޭ މީހަކުވެސް އެތާކު ނެތް" ވިދާޅުވި އެވެ.
ފެނަކައިން އައިސް ޕްލާންޓުތައް ރަނގަޅަށް ބެލެހެއްޓިފައި ނެތުމުން ގިނަ އައިސް ޕްލާންޓުތަކުގެ އޮޕަރޭޝަންވެސް ހުއްޓިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ބައެއް ޕްލާންޓުތައް އޮޕަރޭޝަނުން ބޭރުގައިވެސް ހުރިކަން އަޅުގަނޑު ފާހަގަކުރަން އަޅުގަނޑުމެން ސަރުކާރަށް އައިއިރުގައި" އެކަމަކު މި ވަގުތު ވަރަށް ގިނަ އައިސް ޕްލާންޓުތަކެއް އޮޕަރޭޝަނަށް ގެނެވިފައިވާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ފެނަކައިގެ ބެލުމުގެ ދަށުގައި ހުރި ހުރިހާ އައިސް ޕްލާންޓެއް މިފްކޯގެ ބެލުމުގެ ދަށަށް ގެންނާނެ ކަމަށެވެ.
"ފެނަކައާ ހަވާލުކުރެވިފައި ހުރި ހުރިހާ އައިސްޕްލާންޓެއް މި މަހު 15، އެއީ އެންމެ ފަހު ތާރީހު، 15 ގައި ހުންނާނީ މިފްކޯގެ ބެލުމުގެ ދަށުގައި" މިފްކޯގެ ދަށަށް އައިސްޕްލާންޓުތައް ގެނެވުމާއެކު އައިސް ޕްލާންޓުތަކަށް ބަރޯސާވުން ނިމުމަކަށް ގެނައުމަށްޓަަކައި ދޯނިތަކުގައި އާރްއެސްޑަބްލިއު ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވިދާޅުވި އެވެ.