ޚަބަރު

އައްޑޫގައި މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި 5 މީހަކު ހައްޔަރުކޮށްފި

އަލީ ސަމާޙް ، ދެން އޮންލައިން
އައްޑޫ ހިތަދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް.. ފޮޓޯ/ޓައިމްސް އޮފް އައްޑޫ

އައްޑޫ ސިޓީ ހިތަދޫގައި މީހަކު ރަހީނުކޮށް އެ މީހާއަށް އަނިޔާކުރި މައްސަލައެއްގައި 5 މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

Ads by STELCO

ފުލުހުންގެ މީޑިއާ އޮފިޝަލް "ދެން" އަށް ވިދާޅުވީ ރޭ މެންދަމު 1:35 ހާއިރު ސ. ހިތަދޫ މައިލޯ ދަނޑު ސަރަހައްދުން ވެހިކަލެއްގައި ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް އެ ސަރަހައްދުގައި ތިބި ބަޔަކު ފިލަން މަސައްކަތްކުރި މަންޒަރު ފެނިފައިވާ ކަމަށެވެ.

އެހެންވެ އެ މީހުން ފިލަން މަސައްކަތްކުރި ސަބަބު އިތުރަށް ބެލުމުން މީހަކު ރަހީނުކޮށްފައިވާކަން އެނގުނު ކަމަށް ފުލުހުން ބުންޏެވެ.

"އިތުރަށް ބެލި ބެލުމުން އެ ސަރަހައްދުގައި ހުރި ޖޯއްޔެއްގައި މީހަކު ބަނދެ ބޮލުން ބައެއް ބާލައި އަނިޔާކޮށްފައި ހުއްޓާ ފެނިފައިވޭ" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އަނިޔާކޮށްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 15 އަހަރުގެ ކުއްޖަކާއި 20 އަހަރުގެ ދެ މީހުންނާ 21 އަހަރުގެ މީހެއްގެ އިތުރުން 22 އަހަރުގެ މީހެއް ކަމަށެވެ.

ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެ އެވެ.