ޚަބަރު

ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ އަނެއްކާވެސް ފަހަތަށް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)/ ފޮޓޯ: އަވަސް

އެކި ގައުމުތަކުގައި ޕަބްލިކް ސެކްޓާގައި ކޮރަޕްޝަން އޮތް މިންވަރު ދިރާސާކޮށް ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލް އިން ނެރެމުންދާ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް(ސީޕީއައި) ގައި އަނެއްކާވެސް ރާއްޖެ ފަހަތަށް ސޮއްސާލައިފި އެވެ.

Ads by Hajj Corporation

ފާއިތުވި ނުވަ އަހަރު ސީޕީއައި އިންޑެކްސްގައި އެންމެ މަތިން ޕޮއިންޓް ލިބުނީ 2020 ވަނަ އަހަރު އެވެ. އެއީ 43 ޕޮއިންްޓްއެވެ. އޭގެ ފަހުން ޖެހިގެން އައި ކޮންމެ އަހަރަކުވެސް ލިބެމުން ދިޔަ ޕޮއިންޓް ދިޔައީ ދަށްވަމުންނެވެ.

ޓްރާންސްޕޭރަންސީން މިއަދު ނެރުނު ސީޕީއައިން ދައްކާގޮތުން ރާއްޖެއަށް މިދިޔަ އަހަރު ލިބިފައިވަނީ 38 ޕޮއިންޓެވެ. މިއީ 2023 ވަނަ އަހަރާ އަޅާ ބަލާއިރު އެއް ޕޮއިންޓް ދަށް އަދަދެކެވެ.

ރާއްޖެއަށް ލިބުނު ޕޮއިންޓް ދަށްވި އިރު ކޮރަޕްޝަން އޮތް މިންވަރު ބަލައި ގައުމުތައް ރޭންކުކޮށްފައިވާ ލިސްޓުން ވެސް ރާއްޖެ ވަނީ ފަހަތަށް ސޮއްސާލައިފަަ އެވެ. އެގޮތުން 2023 ވަނަ އަހަރުގެ ލިސްޓުގައި 93 ވަނައިގައި ރާއްޖެ އޮތް ނަމަވެސް މިދިޔަ އަހަރުގެ ރޭންކިންގައި ރާއްޖެއަށް ލިބިފައިވަނީ 96 ވަނަ އެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން އެކްސްގައި ބުނީ ސީޕީއައިގައި ރާއްޖޭގެ ރޭންކް ފަހަތަށް ސޮއްސާލުމަކީ ކޮރަޕްޝަންއާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތުގައި ކުރިއެރުން ނުލިބޭކަމުގެ ހެއްކެއް ކަމަށެވެ.

"އޭގެން އެ ފާހަގަކޮށްދެނީ ގާނޫނު ތަންފީޒުކުރުމާއި، ކޮރަޕްޝަންގެ މައްސަލަތައް ބެލުމާއި ދައުވާކުރުމުގެ ކަންކަން އިތުރަށް ހަރުދަނާކުރަން ޖެހޭކަން" ޓްރާންސްޕޭރަންސީން ބުންޏެވެ.