ސަރުކާރުން ޓެކްސީ ފްލީޓެއް ތައާރަފުކުރަން އެމްޓީސީސީ އާ ހަވާލުކޮށްފި
![](https://dhen.mv/wp-content/uploads/2025/02/20250212_133643-850x548.jpg)
ސަރުކާރުން ޓެކްސީ ފްލީޓެއް ތައާރަފުކުރަން ނިންމައި، ތިމާވެއްޓާ ރަށްޓެހި ފްލީޓަކާ އެކު މާލެ ސަރަހައްދުގައި އެ ހިދުމަތް ފެށުމަށް އެމްޓީސީސީ އާ ހަވާލުކޮށްފި އެވެ.
މާލެ ސަރަހައްދުގައި އިލެކްޓްރޯނިކް ޓެކްސީ (އީވީ) ގެ ހިދުމަތް ދޭން އެމްޓީސީސީ އާ ހަވާލުކޮށްފައި ވަނީ މިއަދު މީރުމާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މަސައްކަތް އެ ކުންފުންޏާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އަހްމަދު ޝަމީމެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ޓެކްސީގެ ހިދުމަތަކީ އަސާސީ ހިދުމަތެއް ކަމަށެވެ. މިއަދު އިފުތިތާހުކުރި ހިދުމަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާ އެކު ޓެކްސީ ހިދުމަތާ ގުޅިގެން ކުރިމަތިވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ނިންމި ނިންމުމެއްގެ ފެށުން ކަމަށެވެ.
ޓެކްސީގެ ހިދުމަތާ ގުޅޭގޮތުން ކުރި ބައެއް ދިރާސާތަކުން ދައްކާ ގޮތުން ރައްޔިތުން ހިދުމަތް ލިބިގަތުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ މި ސާވޭއިން ބެލި ބެލުމުގައި އެބަހުރި ޓެކްސީތަކުގެ ހިދުމަތުގެ ފެންވަރު ދަށްވުމުގެ އުދަނގޫތަކާއި ހާއްސަކޮށް ބައެއް ސަރަހައްދުތަކަށް ބޭނުންވެގެން އެދުނިއްޔާ ނޫނީ ޓެކްސީ ނުލިބޭ ދަތިކަން،" އަމީން ވިދާޅުވި އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވީ އޭގެ އިތުރުން ބައެއް ވަގުތުތަކުގައި ޓެކްސީ ނުލިބުމުގެ ދަތިކަން ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ޓެކްސީގެ ހިދުމަތް ދެމުން އަންނަތާ ތިރީހަކަށް އަހަރުވެފައިވާއިރު، ހިދުމަތް ރެގިއުލޭޓްކުރަން ގަވާއިދުތަކެއް ހެދިފައި ވިނަމަވެސް އެކަށީގެންވާ ގޮތެއްގައި އެކަން ކުރެވޭނެ ނިޒާމެއް ނެތް ކަމަށެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައުދީ ވިދާޅުވި ގޮތުގައި އާ އަހަރާ އެކު އެ ކުންފުންޏާ ހަވާލުކުރެވުނީ އާ ޒިންމާއެއް ކަމުގަ އެވެ. ޓެކްސީގެ ހިދުމަތް ހޯދާ ފަރާތްތަކަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމުގަ އެވެ. ވުމާ އެކު އެމްޓީސީސީން މަސައްކަތް ކުރާނީ އެ ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިދުމަތް ހޯދާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ކަމުގަ އެވެ.
"އޮޕަރޭޝަނުގައި 24 ގަޑިއިރުދޭ ހިދުމަތަކަށް ވާތީ، ފުލް ޓައިމްކޮށް މަސައްކަތްކުރާ މުވައްޒަފުން ވެސް ތިބޭނެ. ޕާޓް ޓައިމްކޮށް، މުވައްޒަފުން ވެސް މި އޮޕަރޭޝަނުގައި ބައިވެރިވާނެ،" ސައުދީ ވިދާޅުވި އެވެ.
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ ޕާޓް ޓައިމްކޮށް ހިދުމަތް ދިނުމުގައި މަސައްކަތްކުރާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުޖޫރަ ހަފުތާއަކު ނުވަތަ ދެ ހަފުތާއިން އެއްފަހަރު ދޭ ގޮތަށް ޑިޒައިން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެމްޓީސީސީން ދަނީ ރާއްޖޭގެ ބައެއް ސަރަހައްދުތަކާ އެކު މާލެ ސަރަހައްދުގައި އާރުޓީއެލް ބަހުގެ ހިދުމަތް ވެސް ދެމުންނެވެ. އަދި އާރުޓީއެލް ފެރީގެ ހިދުމަތް ބައެއް އަތޮޅުތަކުގައި ދެމުން އަންނައިރު، އަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅުތަކަށް ހިދުމަތް ފުޅާކުރުމުގެ މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުންނެވެ.