Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ސަރުކާރުގެ ޓެކްސީ ލައިނެއް ފެށުމުން އަމިއްލަ ފަރާތްތަކަށް ގެއްލުމެއް ނުވާނެ: އަމީން

ސަރުކާރުގެ ޓެކްސީ ލައިނެއް ފެށުމުން އަމިއްލަ ފަރާތްތަކަށް ގެއްލުމެއް ނުވާނެ: އަމީން
ސަރުކާރުން ޓެކްސީ ލައިންގެ ހިދުމަތް ފެށި ނަމަވެސް މިހާރު ހިދުމަތް ދިނުމުގައި ހަރަކާތްތެރިވަމުން އަންނަ އަމިއްލަ ފަރާތްތަކަށް ގެއްލުން ނުވާނެ ކަމުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ. މާލެ ސަރަހައްދުގައި އިލެކްޓްރޯނިކް ޓެކްސީ (އީވީ) ގެ ހިދުމަތް ދޭން އެމްޓީސީސީ އާ ހަވާލުކޮށްފައި ވަނީ މިއަދު މީރުމާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މަސައްކަތް އެ ކުންފުންޏާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އަހްމަދު ޝަމީމެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ އެވެ. ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ޓެކްސީގެ ހިދުމަތާ ގުޅޭގޮތުން ކުރި ބައެއް ދިރާސާތަކުން ހިދުމަތް ލިބިގަތުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ޓެކްސީތަކުގެ ހިދުމަތުގެ ފެންވަރު ދަށްވުމާއި ބައެއް ސަރަހައްދުތަކަށް ބޭނުންވެގެން އެދުމުން ނޫނީ ޓެކްސީ ނުލިބޭކަން ދެނެގަނެވިފައިވާ ކަމަށެވެ. އަދި މުހިންމު ބައެއް ވަގުތުތަކުގައި ޓެކްސީ ނުލިބުމާއި ޑްރައިވަރުން ބޭނުންވާ އަގުތަކުގައި ދަތުރުކުރުމާއި ބައެއް ސަރަހައްދުތަކަށް ދަތުރުނުކޮށް، ޑްރައިވަރުން ބޭނުންވާ ތަންތަނަށް އެކަނި ދަތުރުކުރުން ފަދަ ކަންކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ. ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވި ގޮތުގައި ޓެކްސީގެ ހިދުމަތް ދެމުން އަންނަތާ ތިރީހަކަށް އަހަރުވެފައިވާއިރު، ހިދުމަތް ރެގިއުލޭޓްކުރަން ގަވާއިދުތަކެއް ހެދިފައި ވިނަމަވެސް އެކަށީގެންވާ ގޮތެއްގައި އެކަން ކުރެވޭނެ ނިޒާމެއް ނެތް ކަމުގަ އެވެ.
"ކޮންމެވެސް ވަރަކަށް ރެގިއުލޭޓް ކުރެވިގެން އަސާސީ ހިދުމަތެއްގެ ގޮތުގައި ބަލައިގެން އެ ޕީކް ގަޑިތަކުގައި ނިޒާމެއްގެ ދަށުން ހިންގޭ ޓެކްސީ ލައިނެއް ހެދުމަށް ޓަކައި. ސަރުކާރުން ނިންމަވާފައި ވަނީ މި ޓެކްސީ ލައިނަކީ 100 ޕަސެންޓް ތިމާވެއްޓާ ރަށްޓެހި، އީވީ ޓެކްސީ ލައިނެއްގެ ގޮތުގައި،" އަމީން ވިދާޅުވި އެވެ.
https://twitter.com/ameen3d/status/1889589112174465049 ރައްޔިތުންނަށް ބޭނުންވާ މިފަދަ ހިދުމަތްތައް މީގެކުރިން ވެސް އެމްޓީސީސީން ދިނުމުގެ މަސައްކަތް ކުރަމުން ގެންދާކަން ފާހަގަކުރެއްވި އެވެ. އެ ހިދުމަތްތައް ދެމުން ގެންދަނީ ވިޔަފާރި އުސޫލުން ވިޔަފާރީގެ ތެރެއަށް ވަނުމަށް ކުރާ މަސައްކަތްތަކެއްގެ ގޮތުގައި ނޫން ކަމަށެވެ. އަމީން ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެމްޓީސީސީން އާރުޓީއެލް ބަހުގެ ހިދުމަތް ދެމުން ގެންދަނީ އާންމުން އެ ހިދުމަތް އެންމެ ބޮޑަށް ބޭނުންވާ "ޕީކް" ގަޑިތަކުގައި ގިނަ އުޅަނދު ބޭނުންކޮށްގެން ވަކި ނިޒާމެއްގެ ތެރެއިން ކަމަށެވެ. ޓެކްސީ ލައިނެއް ސަރުކާރުން ތައާރަފުކުރުމަކީ ރާއްޖޭގައި އަލަށް ކުރާ ކަމަށް ވިނަމަވެސް، ކުރިއަރާފައިވާ ގައުމުތަކުގައި "ކޮންޓްރޯލް" ކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ލައިންތައް އުފައްދައި އެ ހިދުމަތް އާންމުންނަށް ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިފަދަ ޓެކްސީ ލައިނެއް ހެދުމުން މިއަދު ޓެކްސީގެ ހިދުމަތުގައި ތިއްބަވާ ބޭފުޅުންނަށް މީގެން ލިބޭނެ ދަތި ކަމެއް ވެސް ނޯންނާނެ،" އަމީން ވިދާޅުވި އެވެ.
ފުލް ޓައިމްކޮށް މަސައްކަތުގައި އުޅޭ ފަރާތްތަކާ އަދި ވަޒީފާ އަދާކުރަމުން އިތުރު އާމްދަނީއެއް ހޯދަން އެކަން ކުރާ ފަރާތްތައް ޓެކްސީ ޑްރައިވަރުންގެ ތެރޭގައި އުޅެމުން އަންނަ ކަމަށެވެ. ޓެކްސީ ކޮށްގެން އާމްދަނީ ހޯދަން ބޭނުންވާ ފަރާތްތަކަށް ފުލް ޓައިމްކޮށް ނުވަތަ ޕާޓް ޓައިމްކޮށް އެކަން ކުރުމުގެ ފުރުސަތު ޓެކްސީ ލައިނުން ފަހިކޮށްދޭނެ ކަން ފާހަގަކުރެއްވި އެވެ. އިތުރަށް ވިދާޅުވި ގޮތުގައި ޓެކްސީ ލައިނުގެ ހިދުމަތުގެ ފުރަތަމަ ފޭސްގައި ހިދުމަތް ފަށާނީ މާލެ އާއި ހުޅުމާލެ އަދި ހުޅުލެ ހިމެނޭ ގޮތަށް ކަމަށެވެ. އެ ސަރަހައްދުތަކަށް ބޭނުންވާ މިންގަނޑެއްގެ ތެރެއިން ޓެކްސީގެ ހިދުމަތް ލިބޭނެ ކަމަށާއި އެކަން ކުރާނީ "އޫބާ" ނުވަތަ "ގްރޭބް" ކޮންސެޕްޓުގައި އެމްޓީސީސީން ތައްޔާރުކޮށްފައިވާ އަމިއްލަ ސޮފްޓްވެއާއެއް މެދުވެރިކޮށް ކަމުގަ އެވެ.
"ޓެކްސީ ޑްރައިވަރުންނަށް ޗޮއިސް ދިނުމުގެ ބަދަލުގައި އެ ސޮފްޓްވެއާގެ ނިޒާމުގެ ތެރެއިން އަންގާނެ މިވެނި ތަނަކަށް ދިއުމަކަށް. އަޅުގަނޑުމެން މިހާރު ހަދާފައި ހުރި ބައެއް ސްޓަޑީތަކުން ދައްކާ ގޮތުގައި ޓެކްސީގެ ހިދުމަތަށް އެދޭތާ މަދުވެގެން މިނެޓެއް ދެ މިނެޓެއް ތެރޭގައި އެ ޓެކްސީ ލިބުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮންނާނެ،" އަމީން ވިދާޅުވި އެވެ.
އެމްޓީސީސީން ދަނީ ރާއްޖޭގެ ބައެއް ސަރަހައްދުތަކާ އެކު މާލެ ސަރަހައްދުގައި އާރުޓީއެލް ބަހުގެ ހިދުމަތް ވެސް ދެމުންނެވެ. އަދި އާރުޓީއެލް ފެރީގެ ހިދުމަތް ބައެއް އަތޮޅުތަކުގައި ދެމުން އަންނައިރު، އަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅުތަކަށް ހިދުމަތް ފުޅާކުރުމުގެ މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް