ޚަބަރު

ބޭރަށް ކުރާ ދަތުރުތައް މަދުކޮށް، ޑޮލަރުން މުސާރަ ދިނުން ހުއްޓާލަން އަންގައިފި

. ، ދެން އޮންލައިން
ޕީސީބީ ހިންގަމުން އަންނަ ފިނޭންސް އިމާރާތް / ފޮޓޯ:ދެން އިމޭޖްސް

ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުހިއްމު ފިޔަވަޅުތަކެއް އެޅުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު އަންގައިފި އެވެ.

Ads by STELCO

ޕީސީބީގެ "އެކްސް" އެކައުންޓުން އާއްމުކުރި ނޫސް ބަޔާނެއްގައި ބުނީ، ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ އަދި މާލީ ހާލަތުން އަރައިތުމަށްޓަަކައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ދައުލަތުގެ ހަރަދުތައް ހަމަ މަގަށް އެޅުވުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.

އެހެންވެ މިއަދުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި އަޅަން ނިންމި ފިޔަވަޅުތައް ހާމަކުރި އެވެ.

ފިޔަވަޅުތަކަކީ:

ދައުލަތުގެ ހަރަދު

  1. ރަސްމީ ދަތުރުތައް ފިޔަވައި ރާއްޖެ އާއި ރާއްޖެއިން ބޭރަށް ދަތުރުތައް ނުކުރުން
  2. ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް މަދުކޮށް ބައިނަލްއަގްވާމީ ސްޓޭކްހޯލްޑަރުންނާ އޮންލައިންކޮށް ބައްދަލުކުރުން
  3. ދަތުރުތަކުގައި ފަސްޓު ކްލާސް އަދި ބިޒްނަސް ކްލާހުން ދަތުރު ނުކުރުން
  4. ބޭރުގެ ފަރާތްތަކުން ދޭ ދަތުރުތަކުގައި ކުންފުނިން ކުރާ ހަރަދުތައް ކުޑަކުރުން
  5. ފެރީގެ ހިދުމަތް ލިބޭ ސަރަހައްދުތަކުގައި ފެރީން ދަތުރުކުރުން
  6. އަތޮޅު ތެރެއަށް ކުރާ ދަތުރުތަކުގައިވެސް ހަރަދުތައް ކުޑަކުރުން
  7. ބޭރުގެ މަހާސިންތަތަކާއި ފެއާތަކުގައި ބައިވެރިނުވުން

މުވައްޒަފުންގެ ހަރަދު

  1. ކޮންމެހެން ނަގަން ޖެހޭ މުވައްޒަފުން ފިޔަވައި އިތުރު މުވައްޒަފުން ނުނެގުން
  2. މުވައްޒަފުންގެ މުސާރައާއި އިނާޔަތަށް ބަދަލު ނުގެނައުން
  3. ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ނޫނީ އިތުރުގަޑީގައި މަސައްކަތް ނުކުރުން
  4. ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ޑޮލަރުން އާމްދަނީ ލިބޭ ތަންތަނުން ޑޮލަރުން މުސާރައާއި އިނާޔަތް ނުދިނުން
  5. ތަމްރީނުތައް ހިންގުމުގައި ކުންފުނީގެ ކަމާގުޅޭ މުވައްޒަފުން ބޭނުންކުރުމާއި ރާއްޖޭގެ ލިބެން ހުރި ވަސީލަތްތައް ބޭނުންކުރުން
  6. މަސައްކަތްތައް އައުޓްސޯސްކޮށްގެން ނުކުރުން
  7. މުވައްޒަފުން އިތުރުވާނަމަ ޕްރޮޖެކްޓުތަކުގައި މުވައްޒަފުން ބޭނުންކުރުން

ޕީސީބީން ބުނީ، ރާއްޖެއަށް ދިމާވެފައިވާ މާލީ ހާލަތުން އަރައިގަތުމަށްޓަކައި ދައުލަތުގެ ވިޔަފާރީގެ ހަރަދުތައް ވީހާވެސް ކުޑަކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.