ޕީއެންއެފަށް 3000 މެންބަރުން ހަމަކޮށްފި
![](https://dhen.mv/wp-content/uploads/2025/02/6104668023077060048.jpg)
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އުފެއްދެވި ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އަށް 3000 މެންބަރުން ހަމަކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެންމެ ފަހުން ހިއްސާކުރި ސިޔާސީ ޕާޓީގެ މެންބަރުންގެ އަދަދު ދައްކާ ގޮތުން ޕީއެންއެފް ގައި ތިބީ 2822 މެންބަރުންނެވެ. ޕާޓީތަކުގެ މެންބަރުންގެ ދަފްތަރު އަޕްޑޭޓްކުރި ފަހުންވެސް އެ ޕާޓީން ފޯމުތަކެއް އީސީއަށް ހުށަހެޅި އެވެ.
އީސީގެ މެންބަރު ހަސަން ޒަަކަރިއްޔާ "ދެން އޮންލައިން" އަށް މިއަދު ވިދާޅުވީ ޕީއެންއެފުން ހުށަހެޅި ފޯމްތައް ޕްރޮސެސްކޮށް މިހާރު ނިންމާލާފައިވާ ކަމަށެވެ. އެހެންކަމުން ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3000 މެންބަރުން ޖެނުއަރީ 30 އާ ހަމަޔަށް ޕީއެންއެފްގައި ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީއެންއެފް ވުޖޫދުވީ ރިޔާސީ އިންތިހާބުގެ ތެރޭގައި ޔާމީންއާ ޕީޕީއެމް/ޕީއެންސީއާ އުފެދުނު މައްސަލައިގެ ތެރެއިންނެވެ.
އޭޕްރީލް 24، 2024 ގައި އީސީގައި ރަޖިސްޓްރީ ކުރި ޕީއެންއެފްގެ ރައީސަކީ ޔާމީންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން އެވެ. އެ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް (އެސްޖީ) އަކީ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މަލީހު ޖަމާލް އެވެ. ޕާޓީގެ ބައްދަލުވުންތައް ކޮންމެ ރެޔަކު ކަހަލަ ގޮތަކަށް ޔާމީންގެ ގެކޮޅު ހ. ހުރަފާގޭގައި ކުރިއަށްދެ އެވެ.
ޕީއެންއެފް ހިމެނޭހެން އީސީގެ ދަފްތަރުގައި 9 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީވެފައި އެބައޮތެވެ. އެންމެ މެންބަރުން ގިނައީ ސަރުކާރު ހިންގާ ޕީއެންސީގަ އެވެ. އެ ޕާޓީގެ ދަފްތަރުގައި 68،968 މެންބަރުން ރަޖިސްޓްރީވެފައިވާއިރު އިދިކޮޅު އެމްޑީޕީގައި ހިމެނޭ މެންބަރުންގެ އަދަދަކީ 43،755 އެވެ.
އެންމެ މަދު މެންބަރުންނާއެެކު ލިސްޓުގެ ފުލުގައި އޮތީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް އުފެއްދެވި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އެވެ. އެ ޕާޓީގެ މެންބަރުންގެ އަދަދަކީ 2359 އެވެ.