ޚަބަރު

ޔޫރަޕްގެ މަތިންދާ ބޯޓުތައް މަރާމާތުކުރުމުގެ ހުއްދަ އައިލެންޑް އޭވިއޭޝަނަށް ލިބިއްޖެ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މޯލްޑިވިއަންގެ ބޯޓަކަށް ބަޔަކު އަރަނީ / ފޮޓޯ:ދެން އިމޭޖްސް

ޔޫރަޕްގެ މަތިންދާބޯޓުތައް މަރާމާތުކުރުމުގެ ހުއްދަ ގައުމީ އެއާލައިން 'މޯލްޑިވިއަން' ހިންގަ އައިލެންޑް އޭވިއޭޝަންއަށް ލިބިއްޖެ އެވެ.

Ads by Hajj Corporation

އައިލެންޑް އޭވިއޭޝަންއިން މިއަދު ބުނީ އެ ކުންފުންޏަށް ލިބުނީ ޔޫރަޕިއަން ސޭފްޓީ އޭވިއޭޝަން ސެޓްފިކެޓް އޭޖެންސީ (ޕާޓް 145 އެޕްރޫވަލް) ސެޓްފިކެޓް ކަމަށެވެ.

އެ ސެޓްފިކެޓްއާއެކު އެ ކުންފުނިން ދޭ ހިދުމަތްތައް އިތުުރުކުރެވި ޔޫރަޕްގްގައި ރަޖިސްޓްރީކޮށްފައިވާ މަތިންދާބޯޓުތަކުގެ މަރަމާތާއި މެއިންޓެނެންސްގެ ހިދުމަތް ދެވޭނެކަމަށް އައިލެންޑް އޭވިއޭޝަންއިން ބުންޏެވެ.

ރާއްޖެއަށް މިހާރުވެސް ޔޫރަޕްގެ ގިނަ އެއާލައިންތަކުން ދަނީ އުދުހެމުންނެވެ. އައިލެންޑް އޭވިއޭޝަންއިން ބުނީ އަލަށް ލިބުނު ސެޓްފިކެޓްއާއެކު ބައިނަލްއަގުވާމީ އިތުުރު އެއާލައިންތަކަށް ވެސް ދެން ހިދުމަތް ދެވޭނެ ކަމަށެވެ.

އައިލެންޑް އޭވިއޭޝަންއަށް އެ ސެޓްފިކެޓް ލިބުމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ އެ ކުންފުންޏަށް މަރުހަބާވެސް ވިދާޅުވެފަ އެވެ.

"މިއީ ގައުމީ އެއާލައިން ރިފޯމްކޮށް ޒަމާނީ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން ހޯދި ކާމިޔާބީއެއް. މި ކާމިޔާބީއާއެކު ރާއްޖޭގެ އޭވިއޭޝަން ދާއިރާ ވަރުގަދަވެގެން ދާނެ" އަމީން އެކްސްގައި ވިދާޅުވި އެވެ.

އައިލެންޑް އޭވިއޭޝަންއިން މިހާރުވެސް ދަނީ އެއާބަސް އަދި ބޮއިންގެ އެންމެ ބޮޑެތި ބޯޓުތަކަށް ހިދުމަތް ދެމުންނެވެ.