ޚަބަރު ސަރުކާރު

އިމްޕޯޓަށް ބަރޯސާވާ ގައުމަކަށްވާއިރު، އެފްޓީއޭއިން ރާއްޖެއަށް ކުރާނީ ފައިދާ: ސައީދު

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އަހާ ފޯރަމުގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ / ފޮޓޯ:ރައީސް އޮފީސް

ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށްވާއިރު، ޗައިނާ އާއެކު އަމަލުކުރަން ފަށާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) ގެ ދަށުން ބޭނުންވާ މުދާ ފަހި ގޮތަކަށް އެތެރެކުރެވޭ ގޮތް ވުމުން ވިޔަފާރިވެރިންގެ އިތުރުން އާންމުންނަށް ފައިދާކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

ދައުލަތުގެ ވަޒީރުންނަށް ރައްޔިތުންނަށް ސީދާ ސުވާލުކުރެވޭ ގޮތަށް މި ސަރުކާރުން ކުރިއަށް ގެންދާ "އަހާ" ފޯރަމުގެ ރޭ ބޭއްވި ސެޝަނުގައި، އާންމުންގެ މީހަކު ވަނީ ޗައިނާ އެފްޓީއޭ އާ ގުޅޭގޮތުން ސުވާލު ކޮށްފަ އެވެ.

ސުވާލުގެ ޖަވާބުގައި އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ ޗައިނާއަކީ ދުނިޔޭގެ އެންމެ ބޮޑު މާކެޓު ކަމަށާއި އެ މާކެޓުން ރާއްޖެ ފަދަ ކުޑަ ގައުމަކަށް ލިބޭ ފުރުސަތު ދޫކޮށްލުމަކީ ކުރަން ރަނގަޅު ނޫން ކަމެއް ކަމަށެވެ. އެ ގައުމުން ރާއްޖެއަށް ދީފައިވާ ޕެކޭޖުގެ ތެރެއިން އިގުތިސޯދީ ގޮތުން ކުރިމަތިވާ ބޮޑެތި ގޮންޖެހުންތަކުގައި ޗައިނާއިން ރާއްޖެ އާ މެދު ހާއްސަ ގޮތަކަށް ދެކޭނެ ކަމަށެވެ. އޭގެ ތެރޭގައި ފަތުރުވެރިކަން ވެސް ހިމެނޭ ކަމަށެވެ.

"މަތިންދާ ބޯޓުތައް ރާއްޖެއަށް އުދުހުމުގައި އެފްޓީއޭ ނޫން ގައުމުތަކަށް ވުރެ މާފަހި ގޮތްތައް މި އެއްބަސްވުމުގެ ތެރެއިން އަދި މި އެއްބަސްވުން އޮތުމުން ލިބިގެންދާނެ،"

ޗައިނާގެ އެޗްއެސް ކޯޑުގައި ހިމެނޭ "ސީފުޑް" 300 ބާވަތުގެ ތެރެއިން 296 ބާވަތެއް ރާއްޖެއިން އެ ގައުމަށް ސުން އިންސައްތައިގައި އެކްސްޕޯޓް ކުރުމުގެ ފުރުސަތު އެފްޓީއޭގެ ތެރެއިން ލިބިގެންދާކަން ސައީދު ވިދާޅުވި އެވެ. އެގޮތުން ރާއްޖެއަށް އިމްޕޯޓުކުރާ "ސީފުޑް" ގެ ބާވަތްތަކަށް އަގު އިތުރުކުރުމަށް ފަހު އެކްސްޕޯޓު ކުރަން ފަހިވާ ކަމަށެވެ. އެއީ ދުނިޔޭގެ އެއްވެސް ގައުމަކަށް ލިބިފައިނުވާ ފުރުސަތެއްކަން ފާހަގަކުރެއްވި އެވެ.

އެފްޓީއޭގެ ދަށުން ޗައިނާއިން ރާއްޖެއަށް އެތެރެކުރާ ގިނަ އަދަދެއްގެ ބާވަތްތަކަށް "ޑިއުޓީ ފްރީ" ވާތީ އާންމުންގެ ހުރި ކަންބޮޑުވުންތަކަށް އިޝާރަތް ކުރައްވާ މިނިސްޓަރު ވިދާޅުވި ގޮތުގައި އެ އެއްބަސްވުމުގެ ކުރިން ބައެއް ބާވަތްތަކުގެ މުދާ އެތެރެކުރެވެމުން އައީ 5-10 އިންސައްތަ އާ ދެމެދުގެ "ރޭޓް ބޭންޑް" އެއްގެ ތެރެއިން ކަމުގަ އެވެ. އެހެންނަމަވެސް އެ ބާވަތްތަކުން ނަގަމުން އައި ޑިއުޓީ އެފްޓީއޭ އާއެކު ހުއްޓާލާފައިވާ ކަމަށެވެ.

ރާއްޖެއަށް އިމްޕޯޓްކުރާ މުދަލުން ލިބޭ އާމްދަނީ އެފްޓީއޭ އާއެކު ދަށްވަމުން އަންނަ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް އަލިއަޅުއްވާލައްވައި ވިދާޅުވީ މި އަހަރުގެ މިހާތަނަށް އެއް ބިލިއަން ރުފިޔާގެ މުދާ ޗައިނާއިން ގެނެސްފައިވާ ކަމަށެވެ.

"އޭގެ ސީއައިއެފް ވެލިއު މި އަރަނީ ގާތްގަނޑަކަށް 34 މިލިއަން ރުފިޔާ. އަރާއިރުގައި އެފްޓީއޭ ބެނެފިޓް ހަމައެކަނި ލިބިފައި މި އިންނަނީ 2.3 މިލިއަން ރުފިޔާ. އެއީ ޖުމްލަ އިމްޕޯޓުގެ އެއް ޕަސެންޓް. އެހެންވީމާ އެފްޓީއޭއަކާ އެޔަކާ ގުޅުމެއް ނެތް. މި އައި ޑްރޮޕްގެ ޑިކްލައިންގެ ގުޅުމެއް އެފްޓީއޭއަކާ ނެތް،"

ސައީދު ވިދާޅުވި ގޮތުގައި ރާއްޖެއަށް އާމްދަނީ ލިބޭ ކެޓަގަރީތަކަށް ބަލާއިރު އިމްޕޯޓު ޑިއުޓީ ހިމެނެނީ ހަތަރު ވަނައިގައި ކަމުގަ އެވެ.

ރާއްޖެއަކީ މުދާ އުފައްދާ ގައުމެއް ނޫން ކަމަށާއި އިމްޕޯޓަށް ބަރޯސާވާ ގައުމެއް ކަމުގަ އެވެ. ބޭނުންވާ މުދާ ގައުމަށް ފަހި ގޮތަކަށް ގެނެވޭ ގޮތް ވުމުން ވިޔަފާރިވެރިންގެ އިތުރުން އާންމުންނަށް ފައިދާވާނެކަން ފާހަގަކުރެއްވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ އަސާސީ އެއް ވިސްނުންފުޅަކީ ރާއްޖެއަކީ ވިޔަފާރިކުރަން ފަސޭހަ، ވިޔަފާރިއަށް ލުއި ގޮތްތަކެއް ފަހިވެފައިވާ ގައުމަކަށް ހެދުން ކަމުގަ އެވެ. އަދި ރައްޔިތުން އާންމު ގޮތެއްގައި ބޭނުންކުރާ ތަކެތީގެ އަގު ބޮޑު ނުވެ އަގުތައް މެނޭޖްކުރުމާ އެކު، "ރީއެކްސްޕޯޓް" ބާޒާރެއް އުފެއްދުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!