ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހަޅަން ހުޅުވާލައިފި

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ގައުމީ އިނާމާބެހޭ ކޮމިޓީން ހުޅުވާލައި، އިނާމު ދިނުމުގެ އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކޮށްފި އެވެ.
މި އިނާމަކީ ދިވެހި ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހުލާސްތެރިކަމާ އެކުގައި ކޮށްފައިވާ ހިދުމަތްތަކަށާ އަދި އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރި އިނާމެވެ.
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ އައްޑަނައަކާއި ޝަރަފުގެ ބެޖަކާ އަދި ހަނދާނީ ލިޔުމެކެވެ.
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދިނުމާ ބެހޭ އުސޫލުގައި ބުނީ އެ އިނާމު ދޭނީ މުވައްޒަފުގެ ނަން އެ މުއައްސަސާއަކުން، ކުންފުންޏަކުން، އެހެން ފަރާތަކުން ނުވަތަ އެ މުވައްޒަފަކު އަމިއްލައަށް ހުށަހެޅުމުން ކަމަށެވެ. އިނާމު އާންމު ގޮތެއްގައި ދޭނީ އަހަރަކު އެއްފަހަރު، މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި ކަމަށެވެ.
ދިވެހިރާއްޖޭގެ އިއްޒަތުގެ ގާނޫނުގެ ދަށުން އިއްޒަތް ދީފައިވާ މީހުންނާއި ޝަރަފުވެރިކަމުގެ ގައުމީ އިނާމު ނުވަތަ ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދީފައިވާ މީހުންގެ ތެރެއިން އެ މީހަކު އަދާކުރި ނުވަތަ އަދާކުރާ ވަޒީފާ އާ ގުޅުންހުރި ހިދުމަތަށް އިނާމު ދީފައިވާ މީހުން މި އިނާމަށް ނަން ހުށަހެޅުމުން އިސްތިސްނާވާނެ ކަމަށެވެ.
އަދި 2008 ވަނަ އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހާ ހަމައަށް ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މީހުންގެ ތެރެއިން އެ މީހުން ކުރި ހިދުމަތްތަކުގެ އަގުވަޒަންކޮށް، އެ އަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހު ސަރުކާރުން ދިން ޝަރަފުގެ ފިލާ ލިބިފައިވާ މީހުން އިނާމަށް ހުށަހެޅުމުން އިސްތިސްނާވާނެ ކަމަށް އުސޫލުގައިވެ އެވެ.
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި ގައުމީ އިނާމަށް އެއް އަހަރެއްގެ ތެރޭގައި އެކަކު ނަން ހުށަހަޅާފައިވާ ނަމަ، އެ މީހަކަށް އެ އަހަރަކު ދޭނެ އިނާމެއް ކަނޑައަޅާނީ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ.
އިނާމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ އަންނަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ. މި އިނާމަށް ހުށަހަޅާ މީހުންގެ ނަން މި އަހަރު ހުށަހެޅޭނީ ރައީސް އޮފީހުގެ "ފޯމު ހުށަހެޅުން" މި ޕޯޓަލް މެދުވެރިކޮށް އެކަންޏެވެ.
ރައީސް އޮފީހުން ބުނީ މިދިޔަ އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް، ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ މައުލޫމާތު، ގައުމީ އިނާމާބެހޭ ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ ފޮނުއްވާފައި ކަމަށެވެ.
މި އަހަރު ފޮނުއްވީ 42 އަހަރަށް ވުރެ ގިނަ ދުވަހު ދައުލަތަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ މައުލޫމާތެވެ. އިނާމާބެހޭ ކޮމިޓީއަށް މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވީ، 43 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅުންނެވެ.