އޭސީސީ އާއި އީސީއަށް ވެރިން އައްޔަންކުރަން މަޖިލިހުން ރުހުން ދީފި

އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ރައީސަކަށް މުހައްމަދު ޒާހިދު އަދި ނައިބު ރައީސަކަށް އަބްދުއްރަހްމާން ސޮލާހް ރަޝީދު އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ނައިބު ރައީސަކަށް އަބްދުﷲ ނާޝިދު އައްޔަންކުރަން ރައްޔިތުންގެ މަޖިލިހުން ރުހުން ދީފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުގެ ދަށުން އެ ކޮމިޝަނަށް ރައީސަކާއި ނައިބު ރައީސްއެއް އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނުގެ ދަށުން އެ ކޮމިޝަނަށް ނައިބު ރައީސެއް އައްޔަންކުރުމުގެ މައްސަލަ ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލިހަށް ފޮނުއްވީ މި މަހުގެ 10 ވަނަ ދުވަހު އެވެ.
އީސީގެ ރައީސަކަށް އައްޔަންކުރަން ފޮނުއްވީ ކޮމިޝަނުގެ މެމްބަރު ކަމަށް އައްޔަންކޮށްފައިވާ ޒާހިދުގެ ނަމެވެ. ނައިބު ރައީސަކަށް އައްޔަންކުރަން ފެނިވަޑައިގަންނަވާ ކަމަށް ފޮނުއްވާފައި ވަނީ ސޮލާހުގެ ނަމެވެ. އެ ދެ ބޭފުޅުން ކޮމިޝަނުގެ މެމްބަރު ކަމަށް އައްޔަންކުރެއްވީ ހުސްވި މަހު އެވެ.
އެ ދެ ބޭފުޅުންގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގައި ތިއްބަވަނީ ހަސަން ޒަކަރިއްޔާ އާއި އަބްދުލްހަސީބު އިސްމާއިލް އަދި ޑރ. މުހައްމަދު ޒާހިރެވެ.
އީސީގެ ރައީސަކަށް ޒާހިދު އަދި ނައިބު ރައީސަކަށް ސޮލާހް އައްޔަންކުރަން މަޖިލިހުން ރުހުން ދީފައި ވަނީ މިއަދު ނެގި ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. ޒާހިދަށް 68 ވޯޓު ލިބިވަޑައިގެންނެވިއިރު، ސޮލާހަށް ވޯޓު ދެއްވީ 69 މެމްބަރުންނެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނުގެ ދަށުން އެ ކޮމިޝަނުގެ ނައިބު ރައީސަކަށް އައްޔަންކުރަން ރައީސް ފޮނުއްވީ ކޮމިޝަނުގެ މެމްބަރު އަހްމަދު ނާޝިދުގެ ނަމެވެ. އެހެންނަމަވެސް ޖެހިގެން އައި ދުވަހު އޭނާގެ ބަދަލުގައި ކޮމިޝަނުގެ މެމްބަރު އަބްދުﷲ ނާޝިދުގެ ނަން މަޖިލިހަށް ފޮނުއްވި އެވެ.
ނާޝިދުގެ އިތުރުން އޭސީސީގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބަވަނީ އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލާއި އަހްމަދު ނާޝިދާއި ޝިޔާމާ މުހައްމަދު އަދި ޝަޒްނާ ހާޝިމެވެ.
އޭސީސީއަށް ނައިބު ރައީސަކަށް ނާޝިދު އައްޔަންކުރަން ރުހުން ދިނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 69 މެމްބަރުންގެ އިއްތިފާގުންނެވެ.