ޚަބަރު

އިގްތިސާދު ރަނގަޅު ނުވާ ތަނުގައި ހަރަދުތައް ކުޑަކުރާތަނެއްވެސް ނުފެނޭ: ނާޒިމް

އަލީ ސަމާޙް ، ދެން އޮންލައިން
ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް/ ފޮޓޯ: މަޖިލީސް

ރާއްޖޭގެ އިގްތިސޯދީ ހާލަތު ރަނގަޅުވާ ތަން ނުފެންނަ ކަމަށާއި އަދި ދައުލަތުގެ ހަރަދުކުޑަކުރެވޭ ތަންވެސް ނުފެންނަ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

Ads by Hajj Corporation

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ކޮމިޓީގައި އިންނަވާ ނާޒިމް ވިދާޅުވީ، ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭ އަދަދު ދުވަހެއް ދުވަހަކަށް ދަށަށް ދާއިރު، ހަރަދުތައް ވަނީ އިތުރު ކަމަށެވެ.

މިސާލެއްގެ ގޮތުން މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނު 34 ބިލިއަން ރުފިޔާއިން އާސަންދަ އަށް އެކަނިވެސް 3 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ނާޒިމް ފާހަގަކުރެއްވި އެވެ. އެއީ އާމްދަނީގެ 10 ޕަސެންޓެވެ.

"އަޅުގަނޑުމެންނަށް އިގްތިސާދު ރަނގަޅުވަމުންދާތަނެއް ނުވެއް ފެނޭ، ފެނިގެން ނުދާ ތަނުގައި ހަރަދުތައް ކުޑަކުރެވޭތީވެސް ނުފެނޭ" ނާޒިމް ވިދާޅުވި އެވެ.

މެންބަރު ނާޒިމް ވިދާޅުވީ އާމްދަނީން އެހާ ބޮޑު އަދަދެއް ދަށްވާ ސަބަބު އެއްވެސް އިދާރާއަކުން ތަފްސީލާ އެކު ކިޔައިދެވިފައިނުވި ނަމަވެސް ދައުލަތުގެ އާމްދަނީ ދަށަށް ދިޔަ މައިގަނޑު ސަބަބަކީ ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރުމުގެ ކުރިން ގިނަ އަދަދެއްގެ ސިނގިރޭޓް ރާއްޖެ އެތެރެކޮށް ސްޓޮކް ކޮށްފައި ހުރުމުން ކަމަށެވެ. އެހެންވެ އެ ތަކެތި އިމްޕޯޓްކުރާ މިންވަރު މިހާރު ދަށަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިތުރު ކުއާޓާއެއްގައި ދައުލަތުގެ އާމްދަނީ އެހާ ދަށަށް ދިޔުމަކީ މައްސަލައެކެވެ. އަދި އޭރުން ހަރަދުކުޑަކުރަން މަޖޫބުރުވާނެ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.

ކޮންމެ އަހަރަކުވެސް ފެށޭއިރު އެއް ވާހަކަ ނިމޭއިރު އެއް ވާހަކަ ދައްކަ ދައްކާ އަޅުގަނޑުމެން މި ތިބެނީ ވަށަބުރަކަށް އެނބުރި އެނބުރި ގައުމުގެ އެއްވެސް ކަމެއް އިސްލާހެއް ނުވޭ

އިގްތިސާދީ ގޮތުން ކިތަންމެ ހަރުކަށި ފިޔަވަޅެއް އެޅިޔަސް ހަރަދުކުޑަނުކޮށް ކަންކަން ރަނގަޅުވާނެ ގޮތެއް ހަމަ ނެތް ކަމަށް ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!