ގޮނޑި ގެއްލޭ އިސްލާހު: މިހާރު ތިބި މެމްބަރުން ވަކިނުކުރެވޭނެ ގޮތް ހަދައިދޭން އެދިއްޖެ

ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވާ ޕާޓީން ވަކިކުރުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭ އިސްލާހާ އެކު ގާނޫނު އަސާސީއަށް ގެނައި އިސްލާހުތައް ބާތިލު ކުރުމަށާ އަދި އިސްލާހު ދެމިއޮންނަ މުއްދަތުގައި މިހާރު މަޖިލިހުގައި ތިއްބެވި މެމްބަރުންގެ މައްޗަށް އިސްލާހު ނުހިނގާނެ ކަމަށް ނިންމައިދިނުމަށް މައްސަލަ ހުށަހެޅުއްވި ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން އެދިވަޑައިގެންފި އެވެ.
އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް އޭނާ މައްސަލަ ހުށަހެޅުއްވީ މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ. މައްސަލައަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ވަނީ ތަދައްހުލުވެފަ އެވެ.
ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗަކުން ބަލާ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި އަލީ ހުސައިންގެ ފަރާތުން ވަކާލާތު ކުރައްވަމުން ގާނޫނީ ވަކީލު މަހްފޫޒް ސައީދު މިއަދު ވަނީ ގާނޫނު އަސާސީއަށް 6 ވަނަ އިސްލާހު ގެނެސްފައި ވަނީ ގާނޫނު އަސާސީގެ 75 ވަނަ މާއްދާ އާއި 90 ވަނަ މާއްދާ އާ ފުށުއަރާ ގޮތަށް އަދި ތިން ބާރު ވަކިވާ ގޮތަށް އަސާސްތައް ބައްޓަންވެފައިވާ ރިޔާސީ ނިޒާމު ގަޑުބަޑުވާ ގޮތަށް ކަމުގައި ފާހަގަކުރައްވާފަ އެވެ. ވުމާ އެކު ގާނޫނު އަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިސްލާހު ބާތިލުކޮށްދޭން އެދިވަޑައިގެންނެވި އެވެ. އަދި އެ އިސްލާހު ދެމިއޮންނަ މުއްދަތުގައި 20 ވަނަ މަޖިލިހުގެ މެމްބަރުންގެ މައްޗަށް އިސްލާހުގެ އެއްވެސް މާއްދާއެއް ނުހިނގާނެ ގޮތަށް ކަނޑައަޅައިދިނުމަށެވެ.
"އިސްލާހު މިހާރު ދިރިދިރި އެބައޮތް. އޮތްއިރުގައި މި އިސްލާހު އެއްގޮތަކަށް ވެސް ހިނގައިގެން ނުވާނެ ކަމަށް އިއްޒަތްތެރި ފަނޑިޔާރުން ކަނޑައަޅައިދެއްވުން މިގޮތަށް ދިރިދިރި އޮންނަ މުއްދަތުގައި ވެސް ރައްޔިތުންގެ މަޖިލިހުގައި މިހާރު އިންތިހާބުވެފައި ތިބި މެމްބަރުންގެ މައްޗަށް މި އުސޫލު ހިނގައިގެން ނުވާނެ ކަމަށް،"
މަހްފޫޒު ވިދާޅުވި ގޮތުގައި މެމްބަރުން އިންތިހާބަށް ކުރިމަތިލިއިރު ތަސައްވުރު ކުރެވިފައިވާ އިސްލާހަކަށް ނުވާތީ، މަޖިލިހަށް މެމްބަރުން ހޮވާފައި ވަނީ ފަސް އަހަރު ދުވަހަށް ރައްޔިތުން ތަމްސީލުކުރާ މެމްބަރެއްގެ ގޮތުގައި އޭނާ އިންނާނެ ކަމަށް ބަލައިގެން ކަމުގަ އެވެ. ވުމާ އެކު މެމްބަރު މަޖިލިހަށް އިންތިހާބުވުމަށް ފަހުގައި ގެނައި ބަދަލެއްގެ އަސަރު އޭނާގެ މައްޗަށް ހިނގައިގެން ނުވާނެ ކަމުގަ އެވެ.
އިސްލާހުގެ ސަބަބުން ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ބާރު ހަނިވާކަން ވެސް ވަކީލު ފާހަގަކުރެއްވި އެވެ.
އިސްލާހު ހުށަހެޅުއްވުމަށް ފަހު، އަލީ ހުސައިން މީގެކުރިން ވިދާޅުވެފައި ވަނީ ގާނޫނު އަސާސީއަށް 6 ވަނަ އިސްލާހު ގެނެސްފައި ވަނީ ގާނޫނު އަސާސީގެ 4، 8، 26، 75، އަދި 90 ވަނަ މާއްދާ އާ ހިލާފަށް ކަމަށެވެ. އަދި އެ އިސްލާހަކީ ގާނޫނު އަސާސީގެ އަސާސީ އޮނިގަނޑާ ވެސް ހިލާފު އިސްލާހެއް ކަމަށެވެ. އެގޮތުން އޭނާ ފާހަގަކުރައްވާފައި ވަނީ:
ގާނޫނު އަސާސީގެ 4 މާއްދާ: އެ މާއްދާގައި ބުނަނީ، ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށެވެ.
ގާނޫނު އަސާސީގެ 8 މާއްދާ: ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިންގަން ވާނީ އެ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ކަމަށް އެ މާއްދާގައިވެ އެވެ.
ގާނޫނު އަސާސީގެ 26 ވަނަ މާއްދާ: ގާނޫނު އަސާސީގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު އުމުރުން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް އެ މާއްދާގެ ހ،ށ،ނ ގައިވާ ހައްގުތައް ލިބިގެންވެ އެވެ.
ގާނޫނު އަސާސީގެ 75 ވަނަ މާއްދާ: ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމަލުކުރަންވާނީ، ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެންނެވެ. އަދި އެއްވެސް މެންބަރަކު އެމީހެއްގެ ނުވަތަ އެ މީހަކާ ހާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެނެއް ނުވާނެ އެވެ. އަދި އެބަޔަކު އިންތިހާބުވި ދާއިރާތައް ތަމްސީލުކުރުމުގައި، މުޅި ގައުމާއި ހުރިހާ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިއާޔަތްކުރަންވާނެ އެވެ.
ގާނޫނު އަސާސީގެ 90 ވަނަ މާއްދާ: އެ މައްދާގެ ހ ގައިވާ ގޮތުން މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ އެ މަޖިލީހުގެ ކޮމިޓީއެއްގައި މަޖިލީހުގެ މެންބަރަކު ނުވަތަ އެ ނޫންވެސް މީހަކު އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާގޮތުގެ މަތީން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓު ދިނުމުގައި އަމަލުކުރި ގޮތުގެ ސަބަބުން، ކޯޓަކަށް އެ މީހަކު ހާޒިރުކޮށް ނުވަތަ އެމީހަކާމެދު އެއްވެސް ތަހުގީގެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެމީހަކާމެދު ދައުވާއެއްކޮށް ހަދައިގެނެއް ނުވާނެ އެވެ.
ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. އެކަމާ ގުޅޭގޮތުން ރައީސް ވިދާޅުވެފައި ވަނީ އެ ބަދަލުތަކުގެ ސަބަބުން ރައްޔިތުންގެ ބާރުވެރިކަން އިތުރުކުރެވިފައިވާކަން، ސިޔާސީ ތައައްސުބުތަކުން އެއްކިބާވެ ވިސްނައިފި ކޮންމެ ރައްޔިތަކަށް ފަހުމުވާނެ ކަމަށެވެ.