ޕޮލިސް ފްލެޓު މައްސަލަ: އޭސީސީން އަނެއްކާވެސް ޕޮލްކޯއަށް ވަދެއްޖެ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިސްކަންދަރު ކޮށީގައި ހުންނަ ފުލުހުންގެ ވިޔަފާރި ކުންފުނި، ޕޮލްކޯގެ މައި އޮފީސް މިއަދު ބަލައި ފާސްކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ދެން" އަށް ވިދާޅުވީ އޭސީސީގެ އޮފިޝަލުން އެ އޮފީހަށް ވަދެފައިވަނީ މެންދުރުފަހު 1 ޖެހިއިރު ކަމަށެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޕޮކްލޯގެ އޮފީހަށް ވަނީ ޕޮލްކޯއަށް ތުހުމަތުކުރެވޭ ކޮރަޕްޝަނާ ގުޅިގެން ހެއްކާއި ގަރީނާ ހޯދަން ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
ފުލުހުންނަށް ހައުސިން ޔުނިޓުތަކެއް އަޅަން ޕޮލްކޯއިން ކުރިއަށްގެންދިޔަ މަޝްރޫއުގައި ހިންގާފައިވާ ކޮރަޕްޝަނުގެ އަމަލުތަކުގެ ސަބަބުން 354 މިލިއަން ރުފިޔާ ދައުލަތަށް ގެއްލިފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން މި ފަހުން އާންމުކުރި އޮޑިޓު ރިޕޯޓުން ވަނީ ހާމަވެފަ އެވެ.
ފުލުހުންގެ ފްލެޓް މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 13 ބުރީގެ 3 ޓަވަރުގެ ކޮންސްޓްރަކްޝަން މަސައްކަތް 2013 ވަނަ އަހަރު ހަވާލުކުރީ ނޫމަޑި އާ އެވެ. އެ ކުންފުންޏަށް މަސައްކަތް ނުކުރެވި ލަސްވުމުގެ ސަބަބުން ދެން ހަވާލުކުރީ ނޫމަޑީގެ ސަބްކޮންޓްރެކްޓަރު އައިލެންޑް އެކްސްޕާޓަށެވެ.
އައިލެންޑް އެކްސްޕާޓާ އެކުވި އެއްބަސްވުމަށް އެކި ފަހަރުމަތިން ބަދަލުތަކެއް ގެނެސް، އަގަށް ވެސް ބަދަލު ގެނަ އެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ފުރިހަމަ ނުކޮށްގެން ޕޮލްކޯއިން އެ އެއްބަސްވުން ވެސް އުވާލި އެވެ.
އެ ހުރިހާ އެއްބަސްވުންތަކެއް އުވާލަން ހެދި "ސެޓްލްމަންޓް އެއްބަސްވުންތަކުން" ނުނިމި ހުރި މަސައްކަތްތައް ނިންމަން މަޝްރޫއު ސަރުކާރުގެ ދަށަށް ބަދަލުކުރި އެވެ. އެއަށްފަހު އެ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ހައުސިން މިނިސްޓްރީން އަމީން ކޮންސްޓްރަކްޝަނަށް މަސައްކަތް ހަވާލުކުރި އެވެ.
އޮޑިޓު އޮފީހުން އާންމުކުރި ރިޕޯޓުގައި ބުނި ގޮތުގައި މަޝްރޫއަށް އޮޑިޓު ކުރެވުނު ތާރީހުގެ ނިޔަލަށް 1.06 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމުގަ އެވެ. އެއީ ފިނޭންސް މިނިސްޓްރީގެ ޓެންޑަ އިވެލުއޭޝަން ބޯޑުން ހޯދި މައުލޫމާތުތަކާއި އަމިއްލަ ފަރާތްތަކުގެ ކޮންސްޓްރަކްޝަން މަސައްކަތްތަކުގެ އަގުތަކަށް ބަލާއިރު، މަޝްރޫއަށް 354.7 މިލިއަން ރުފިޔާ އާއި މަދުވެގެން 240.1 މިލިއަން ރުފިޔާގެ އިތުރުވުމެއްކަން ފާހަގަކޮށްފައިވެ އެވެ.
އޮޑިޓު އޮފީހުން ބުނީ މުޅި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ކޮންޓްރެކްޓަރުންނާ އެކު ވެފައިވާ އެއްބަސްވުންތަކަށް އެކި ފަހަރު މަތިން ބަދަލުތައް ގެނެސްފައިވާ ކަމަށެވެ. އަދި ނިންމާ މަސައްކަތަށް ފައިސާ ދެއްކުމުގެ ބަދަލުގައި އެކި ނަންނަމުގައި އެ ފަރާތްތަކަށް ފައިސާ ދައްކާފައިވާތީ، މި މުއާމަލާތްތަކުގެ ތެރެއިން ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން މަސައްކަތްކޮށްފައިވާ ކަމަށް ބެލެވޭ ކަމަށެވެ.