އަށް މިލިއަން ރުފިޔާއަށް މަލީހު މާލެއިން ގެއެއް ބައްލަވައިގެންފި

ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު 8 މިލިއަން ރުފިޔާއަށް މާލެއިން ގެއެއް ބައްލަވައިގެންފި އެވެ.
މަލީހުއާއި އޭނާގެ އާއިލާގެ ތިން ބޭފުޅުން ގުޅިގެން ބައްލަވައިގެންނެވީ މއ. ޖަނާން ގޭގެ ބިމާއި އެ ތަނުގައި ހުރި އިމާރާތެެވެ. އެއީ ޖުމްލަ 1066.56 އަކަ ފޫޓުގެ ބިމެކެވެ.
އަދި އެ ގެ ވިއްކުމުގެ މުއާމަލާތުގެ ސައްހަކަށް ސާބިތުކޮށް ގޭގެ މިލްކުވެރިކަން މަލީހުއާއި އޭނާގެ އާއިލާގެ ތިން މީހުންގެ މައްޗަށް ބަދަލުކުރަން ސިވިލް ކޯޓަށް އޮތީ މައްސަލަ ހުށަހަޅައިފަ އެވެ.
ސިވިލް ކޯޓުގެ މި މަހުގެ 13 ވަނަ ދުވަހު ވަނީ އެ މުއާމަލާތުގެ ސައްހަކަން ކަނޑައަޅައި މއ. ޖަނާންގޭގެ މިލްކުވެރިކަން މަލީހުއާއި އޭނާގެ އާއިލާގެ ތިން މީހުންގެ މައްޗަށް ބަދަލުކުރަން ހުކުމްކޮށްފަ އެވެ.
މަލީހު ވަނީ ފާއިތުވި ދެ ވެރިކަމުގައި ވެސް މިނިސްޓަރުގެ މަގާމު ފުރުއްވައިފަ އެވެ. ނަމަވެސް ދެ ވެރިކަމުގައި ވެސް ވަކި ހިސާބަކުން ވަނީ މިނިސްޓަރުކަމުން ވަކިކޮށްފަ އެވެ.
އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޔޫތު މިނިސްޓަރުގެ މަގާމުން ވަކިކުރި އިރު އެމްޑީޕީގެ ވެރިކަމުގައި ޓެކްނޮލޮޖީ މިނިސްޓަރުގެ މަގާމުން ވަކިކުރީ ރައްޔިތުންގެ މަޖިލީހުގައި ނެގި އިތުބާރު ނެތްކަމުގެ ވޯޓަކުން ނެވެ.
ސައިންސް މިނިސްޓަރުގެ މަގާމުން ވަކިކުރި ފަހުން ޕީޕީއެމްގައި މަސައްކަތް ކުރެއްވުމަށް ފަހު މިހާރު މަސައްކަތް ކުރަމުން ގެންދަވަނީ ޔާމިންގެ ޕާޓީ ޕީއެންއެފްގަ އެވެ. މަލީހަކީ އެ ޕާޓީ ސެކެރެޓަރީ ޖެނެރަލް (އެސްޖީ) އެވެ.
