ހަގީގީ ހާދިސާ: މަންމަގެ ބަދުދުޢާގެ ސަބަބުން ދަރިމައިނުވި ދަރިފުޅު
ޒަމާން ބަދަލުވިޔަސް އަދި ވެސް މުޅީން ބަދަލު ނުވާ ކަންކަން އެބަހުއްޓެވެ. މި ގޮތުން އެއްކަމަކީ މައިންބަފައިން ހިތް އެދޭ، ހިތް ރުހޭ މީހަކާ ނޫނީ ދަރިންނަށް ޒަވާޖީ ހަޔާތުގެ ގޮށް ޖަހައިލުމުގެ ފުރުސަތު ނުލިބުމެވެ. ނުވަތަ ކުޑަވުމެވެ. ހާއްސަކޮށް އަންހެން ދަރީންނަށެވެ. އެ ދަރިންގެ ހަޔާތަށް ކިތަންމެ ރަނގަޅު ހަރުދަނާ ބައިވެރިޔަކު އިހްތިޔާރު ކުރިޔަސް މެއެވެ.
ބައެއް އާއިލާތަކުން ދަރިފުޅުގެ ފޫޅުމައި ފޯމާއި އެކު އެދަރިފުޅު ބޮޑުވެގެން ކުރާނެ "ކައިވެނީގެ އެގްރީމެންޓް" ގައި ވެސް ސޮއިކޮށް ނިންމާލައެވެ. ގިނަފަހަރު ދަރިންނަށް ވެސް އެކަން އެނގެނީ މާފަހުންނެވެ. ޤަބޫލުކުރަން ދަތި ނަމަވެސް މިއީ އަދިވެސް ކޮންމެ ވެސް ވަރަކަށް ހިނގަމުންދާ ކަންކަމެވެ. ބައެއް މައިންބަފައިން ޤަބޫލުކުރާ ގޮތުގައި އެމީހުންގެ ދަރިންނަކީ މުދަލެކެވެ. އެ ދަރިންގެ ދިރިއުޅުމަކީ އޭގެން އަބަދުމެ މާއްދީ ފައިދާ ލިބިލިބި ހުންނަންޖެހޭ ވިޔަފާރިއެކެވެ.
ދެމަފިރިއެއްގެ ހުރި އެންމެ އަންހެން ދަރިއެކެވެ. ލޯބީގެ ގޮތުން ގުޅުނީ ހަރުދަނާ ރަނގަޅު ޒުވާނަކާ އެވެ. ދެ ފަރާތުން ވެސް ބޭނުންވީ އަވަހަށް ކައިވެނީގެ ގޮށް ޖެހުމަށެވެ. މި ކަންކަން އަންހެން ކުއްޖާގެ ޢާއިލާއަށް އެނގުމުން ފާޅުގައި އިންކާރު ކުރިއެވެ. އަދި އެކައިވެންޏަކި ކުރެވޭނެ ކަމެއްނޫން ކަމަށް ބުނެ އެކަން ހުއްޓާލުމަށް އަންހެން ކުއްޖާއަށް އެންގި އެވެ. ނަމަވެސް އަންހެން ކުއްޖާ ގޮތް ދޫނުކޮށް ކައިވެނި ކުރާނެ ކަމަށް ބުންޏެވެ. މިހެން ބުނުމުން އަންހެން ކުއްޖާގެ މަންމަ ބުންޏެވެ
"ތިޔަ މީހަކާ އިނދެގެން ދުވަހަކު ވެސް އުފާވެރި ދިރިއުޅުމެއް ކަލެއަކަށް ނުލިބޭނެ! ކަލޭ ކަހަލަ ބޯހަރު ގޮތް ދޫނުކުރާ ދަރިޔަކު ކަލެއަށް ނުލިބިއްޖެއްޔާ ކިތަންމެހާ ވެސް ރަނގަޅު!" ނޭނގި ނަމަވެސް މަންމަގެ ބަދު ދުޢާ އޭނާގެ މައްޗަށް އަތުވެއްޖެއެވެ.
ކޮންމެ އަކަސް ކައިވެނި ކުރެވިއްޖެއެވެ. ކޮންމެ ދެމަފިރިއެއްގެ ވެސް އެންމެ ބޮޑު ހުވަފެނަކަށް ވާނީ ލޯބި ލޯބި ދަރިޔަކު ލިބުންކަން ޔަޤީނެވެ. ކައިވެންޏަށް ފަސް އަހަރުވެގެން ދިޔައިރު ވެސް ދަރިޔަކު ލިބޭގޮތެއް ނުވިއެވެ. ކޮންމެ ފަހަރަކު ވެސް ބަލިވެއިނދެ ބައިގެން ދަނީއެވެ. މިކަމާއި ދެމަފިރިން ނިހާޔަތަށް ހިތާމަކުރެއެވެ. އެތައް ފަހަރަކު ޑަކްޓަރުންނަށް ދައްކައިގެން ވެސް މިވާ ގޮތެއް ދެނެއެއް ނުގަނެވުނެވެ. ކޮންމެ ޑަކްޓަރަކު ވެސް ދެނީ އެއްޖަވާބެކެވެ. އެއްވެސް މައްސަލައެއް ފާހަގަ ނުކުރެވޭ ކަމަށެވެ.
ނުގަބޫލުގައި ކައިވެނި ކުރެވުނެއް ކަމަކު ކައިވެންޏަށް ގިނަ ދުވަސްތަކެއް ވީފަހުން މަޑުމަޑުން މައިންބަފައިންގެ ގުޅުން ދިޔައީ ރަނގަޅުވަމުންނެވެ.
ދަރިޔަކު ނުލިބިގެން ދެމަފިރިން އެ ހިތާމައިގައި ދަރިޔަކު ދެއްވުން އެދި ދުޢާކޮށް ހަދާތާ ދެ އަހަރު ފަހުން އަންހެން ކުއްޖާއަށް އެއްރޭ ހުވަފެނެއް ފެނުނެވެ. ހުވަފެނުގައި ފެންނަނީ އަންހެން ކުއްޖާގެ މަންމަ އަންހެން ކުއްޖާ އަތުން ކުޑަ ކުއްޖަކު އަތުލާތަނެވެ. ހުވަފެނަކީ ބިލާހެކޭ ހިތަށް އަރުވާލާ އެއީ މާ ބޮޑު ކަމަކަށް ނުހަދާ އުޅެމުން ދަނިކޮށް އެ ހުވަފެން ދެވަނަ ފަހަރަށް ތަކުރާރު ވެއްޖެއެވެ. މި ހިސާބުން ކޮންމެ ވެސް ނުބައެއް އުޅޭކަމަށް ހިތް ބުނަން ފަށައިފިއެވެ. މި ވާހަކަ އަންހެން ކުއްޖާ ފިރިމީހާއަށް ވަރަށް ތަފްސީލުކޮށް ކިޔައި ދިނެވެ. ފިރިމީހާ އޭނާގެ ގާތް ދަންނަ އިތުބާރު ހިފޭ ރައްޓެހި ދީނީ އިލްމުވެރިންގެ ގާތުގައި މި ކަމާއި ބެހޭގޮތުން ލަފައެއް ހޯދާލިއެވެ. އަދި އެ ދެމަފިރިންނަށް ދަރިޔަކު ނުލިބޭ ކަމާއި ކޮންމެ ފަހަރަކު ބައިގެންދާ ވާހަކައާއި ޑަކްޓަރުންނަން ވެސް މި ވާގޮތް ނޭނގޭ ކަމުގައި ބުންޏެވެ. އިލުމްވެރިޔާ ކަނުލައި އަޑު އެހުމަށް ފަހު ފިރިހެން ކުއްޖާއަށް ބުންޏެވެ.
އިލްމުވެރިޔާ: ތި ކައިވެނި ކުރީ އާއިލާގެ ރުހުމުގައި ތަ؟
ފިރިހެންކުއްޖާ: ނޫން މައިދައިތަމެންގެ ނުގަބޫލުގައި
ޢިލްމުވެރިޔާ: ނުޤަބޫލުވާ ވަކި ސަބަބެއް ބުނިތަ؟
ފިރިހެންކުއްޖާ: އެހެން ވަކި ސަބަބެއް ނުބުނޭ ފަހަރެއްގައި އަންހެނުންނަށް ނޭނގޭ ކަމެއްވެސް ނޭނގެ!
އިލްމުވެރިޔާ: މައިދައިތަމެން ދުނިޔޭގައި އެބަތިބިތަ؟
ފިރިހެންކުއްޖާ: އާދެ!
އިލްމުވެރިޔާ: މިހާރު މައިދައިތަމެންގެ ގުޅުން ކިހިނެތް؟
ފިރިހެންކުއްޖާ: ގިނަ ދުވަސް ތަކަކަށްފަހު މިހާރު ގުޅުން ވަރަށް ރަނގަޅު!
އިލްމުވެރިޔާ: އެހެންވިއްޔާ އަނބިމީހާ ކައިރި އަޅެ ބުނެބަލަ މަންމެ ކައިރީ ބުނާށޭ ރަނގަޅު ހެޔޮލަފާ ދަރިޔަކު ދެއްވުން އެދި ދުޢާކޮށް ދޭށޭ! ލަފާކުރެވެނީ ތިޔަ ހުވަފެނުން ތިޔަ ބުނެދެނީ ދަރިފުޅަށް މަންމަ ކުރި ބަދުދުޢާހެން
ފިރިމީހާ ގެއަށް ގޮސް އަނބިމީހާ އަށް މި ވާހަކަތައް ކިޔައިދިނެވެ. ވަގުތުން އަނބިމީހާގެ ހަނދާނަށް އައީ މަންމަ އެ ދުވަހު ބުނި ޖުމުލައެވެ.
"ތިޔަ މީހަކާއި އިނދެގެން ދުވަހަކު ވެސް އުފާވެރި ދިރިއުޅުމެއް ކަލެއަކަށް ނުލިބޭނެ ކަލޭ ކަހަލަ ބޯހަރު ގޮތް ދޫނުކުރާ ދަރިޔަކު ކަލެއަށް ނުލިބިއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު!"
ޖެހިގެން އައި ދުވަހު އަންހެން ކުއްޖާ މަންމައަށް ގުޅައި އޭނާއަށް ދަރިޔަކު ދެއްވުން އެދި މަންމަ ވެސް ދުޢާ ކޮށްދިނުމަށް އެދުނެވެ. ދަރިޔަކު ނެތުމުން ދެރަވާވަރު ބުނެދިނެވެ. މަންމައަށް މާމަ ކިޔާނެ ދަރިޔަކު ވަރަށް ބޭނުންވާ ވާހަކަ ވެސް ބުންޏެވެ.
މިގޮތުގައި ހަމަސް ވޭތުވުމަށް ފަހު އަންހެންކުއްޖާ ބަލިވެ އިނދެއްޖެއެވެ. އެ ދެމަފިރިން ހީކުރި ގޮތާއި ޚިލާފަށް މި ފަހަރު މަހަކަށް ފަހު މަހެއް ދަމުން ގޮސް ދުވަސް ފުރާ ލޯބި ލޯބި އަންހެން ކުއްޖަކު ވިހައިފިއެވެ. އެ ދަރިފުޅަށް އިންތިޒާރު ކުރާތާ އެތައް އަހަރެއް ފަހުންނެވެ. އިންތިޒާރު ކުރާ ފޮނި މޭވާ ލިބިއްޖެއެވެ. ޑަކްޓަރަށް ވެސް ލިބުނީ ހައިރާން ކަމެވެ. މަންމަގެ ބަދުދުޢާއިން ދަރިމައިނުވި ދަރިފުޅު މަންމަގެ ހެޔޮދުޢާއިން ދަރިމައިވެ ވިހެއީއެވެ. ނޭނގުމެއް ތެރޭގައި ވިޔަސް އަދި އެނގިހުރެ ކަމުގައި ވިޔަސް ދަރިންނަށް ކުރާ ހެޔޮދުޢާ ވިޔަސް ބަދު ދުޢާ ވިޔަސް ސީދާ އޭގެ އަސަރު އެކި ގޮތްގޮތަށް ދަރިންނަށް ފޯރާނެއެވެ. މި ފަދަ ކަންކަމާއި މެދު ފުންކޮށް ވިސްނާލާށެވެ.
މީ ރާއްޖޭގައި ވަރަށް އާންމު ކަމެއް. މައިން ބަފައިންނަށް ނޭގި ނަމަވެސް ދަރިންނަށް ބަދު ދުޢާ ކުރުން.