ރާއްޖެ-ސިންގަޕޫރު ގުޅުމަށް 50: ރައީސް ވިދާޅުވީ އިތުރަށް ބަދަހިވާނެ ކަމަށް

ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރޭ މުނާސަބަތުގެ ހެޔޮއެދުންތައް، ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޮންގްއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފޮނުއްވައިފި އެވެ.
ރައީސް އޮފީހުން މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ، ސިންގަޕޫރުގެ ބޮޑުވަޒީރާ އެ ގައުމުގެ ރައީސަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުތަކުގައި، ރާއްޖެ އާއި ސިންގަޕޫރާ ދެމެދު އޮތް ގާތް ގުޅުން ފާހަގަކުރައްވާ، އެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސް ވިދާޅުވި ކަމަށެވެ.
އަދި ދެ ގައުމުގެ ކުރިމަގަށް މުހިންމު އެކިއެކި ފުރުސަތުތައް ހޯދުމަށް ދެ ގައުމު ގުޅިގެން މުސްތަގުބަލުގައި މަސައްކަތް ކުރުމުގެ އުންމީދު އެމަނިކުފާނު އާކުރެއްވި އެވެ.
ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުންތަކާއި ވިޔަފާރީގެ ގުޅުމަށް އިޝާރާތް ކުރައްވާ، ރައީސް ވަނީ ރާއްޖެ އާއި ސިންގަޕޫރާ ދެމެދު އޮތް ސިޔާސީ ގުޅުން ބަދަހި ކުރުމުގައި ވޭތުވެދިޔަ އަހަރުތަކުގައި ދެ ގައުމުގެ މަތީ ފަންތީގެ މުއާމަލާތްތައް އިތުރުވެފައިވުމަކީ އެކަން ފަހިވުމަށް އެންމެ ބޮޑު ދައުރެއް އަދާކުރި ކަމެއް ކަމުގައި ފާހަގަކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައި ވަނީ 1975 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު އެވެ.