55 ކައުންސިލް އެޅުމުގެ މަސައްކަތް ފެށުން އެޕްރީލްގައި، 36 މިލިއަން ޑޮލަރު ހަރަދުވޭ

ހާލަތު ދަށްކޮށް ހުރި 55 ކައުންސިލް އިމާރާތް އެޅުމުގެ މަޝްރޫއަށް 36 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.
ކައުންސިލުތައް އަޅަން ޖެނުއަރީ 20، 2025 ގައި ހަވާލުކޮށްފައިވަނީ މެލޭޝިޔާގެ ހެކްސްޓާ ގްލޯބަލް ކުންފުންޏާ އެވެ. އެ މަސައްކަތް ހެކްސްޓާ އާ ހަވާލުކުރީ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުގެ ދަށުންނެވެ. އެކަމަކު އެ މަސައްކަތުގެ އަގު މިނިސްޓްރީން އޭރު ހާމައެއް ނުކުރެ އެވެ.
ލޯކަލް ގަވަމެންޓް މިނިސްޓްރީން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ނޫސްވެރިޔަކު ސުވާލު ކުރުމުން ޝަރީފް ވިދާޅުވީ ކައުންސިލު އިދާރާތައް ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލުކުރި ހެކްސްޓާ ކުންފުނީގެ ޓީމެއް މި މަހުގެ 28 ވަނަ ދުވަހު ރާއްޖެ އަންނާނެ ކަމަށެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ އެޕްރީލު މަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ.
ޝަރީފް ވިދާޅުވި ގޮތުގައި 55 ކައުންސިލުގެ ތެރެއިން 39 ކައުންސިލެއް އިމާރާތް ކުރާނީ 2 ފަންގިފިލާއަށް ކަމަށެވެ. މަދު ކައުންސިލު އިދާރާއެއް ނޫނީ އެއްކޮށް "ޑެމޮލިޝް" ނުކުރާނެ ކަމަށެވެ. ދެ އަހަރާ ބައިގެ ތެރޭގައި މުޅި މަޝްރޫއުގެ މަސައްކަތް ނިންމާނެކަން ވެސް ފާހަގަކުރެއްވި އެވެ.
މިނިސްޓަރުގެ ވާހަކައިގައި ވަނީ މަޝްރޫއުގެ މަސައްކަތް ހެކްސްޓާ އާ ހަވާލުކުރިއިރު އަމަލުކުރެވެމުން އައި އުސޫލަށް ބަދަލު ގެނެސްފައިވާކަން ފާހަގަކުރައްވާފަ އެވެ. އެ ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ލޯކަލް ގަވަމެންޓް މިނިސްޓްރީން ޕްރޮޕޯސަލް އިވެލުއޭޓްކުރި އެވެ. އަދި އިކޮނޮމިކް ކައުންސިލުން ވެސް ވަނީ އެ މަސައްކަތް ކުރިއަށް ގެންގޮސްފަ އެވެ.
ޝަރީފް ވިދާޅުވީ ހެކްސްޓާގެ ފައިސާ އާ ތަކެތީގައި މަސައްކަތް ކުރާއިރު، ފައިސާ ދައްކަން ފަށަން ޖެހޭނީ ކައުންސިލް އިމާރާތުގެ މަސައްކަތް ނިމޭތާ 6 މަސް ދުވަސް ފަހުން ކަމަށެވެ.
މުޅި މަޝްރޫއަށް 36 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ވިދާޅުވި އެވެ. މި ދައުރުގެ ތެރޭގައި މަޝްރޫއަށް ފައިސާ ދައްކާ ނިމޭނެކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.