ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިމެނޭ އީދު ލައިޓް ނުލިބޭ 36 ރަށަކަށް މި އަހަރުގެ ބަޖެޓުން 28 މިލިއަން ރުފިޔާ ހޭދަކުރަން ނިންމައިފި ކަމަށް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ރަށްތަކުގައި އީދު ލައިޓްގެ މަޝްރޫއު އެންމެ ފުރަތަމަ ތައާރަފުކުރެވުނީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގެ މަގާމުގައި ހުންނެވިއިރު އެވެ. އެންމެ ފުރަތަމަ ފިޔަވަހީގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މަގުތައް ޒީނަތްތެރި ކުރެވުނު މި މަޝްރޫއު މިހާރު ވަނީ ރާއްޖޭގެ އެތައް ރަށަކަށް ފުޅާކޮށްފަ އެވެ.
ލޯކަލް ގަވަމެންޓް މިނިސްޓްރީން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާދަމް ޝަރީފް ވިދާޅުވީ މި މަޝްރޫއުގެ ދަށުން ގެންނަ ލައިޓްތަކަކީ ހަމައެކަނި އީދުގެ މުނާސަބަތުގައި ބޭނުން ކޮށްފައި އަނބުރާ ރައްކާކުރާ ތަކެއްޗެއް ނޫން ކަމަށެވެ. މި ލައިޓްތައް މިނިވަން ދުވަހާއި ގައުމީ ދުވަސް ފަދަ މުހިންމު މުނާސަބަތުތަކުގައި ރަށްތައް ޒީނަތްތެރިކުރަން ބޭނުން ކުރެވޭނެކަން ފާހަގަކުރެއްވި އެވެ.
"މިއީ ދާއިމީކޮށް ބޭނުން ކުރެވޭނެ އިންވެސްޓްމަންޓެއް. އެއްފަހަރު ގަނެފައި ހުރިހާ މުނާސަބަތުތަކަށް ބޭނުން ކުރެވޭނެ ލައިޓްތަކެއް. އަޅުގަނޑުމެން ހަމައެކަނި މި ފޯކަސްކުރަނީ މިހާތަނަށް މި ވަސީލަތް ނުލިބި ތިބި 36 ރަށަށް،" ޝަރީފް ވިދާޅުވި އެވެ.
މި އަހަރު އީދުލައިޓް ފޮނުވަން ހަމަޖެހިފައި ވަނީ ކޮންމެ އަތޮޅަކުން އެންމެ އާބާދީ ބޮޑު ދެ ރަށަކަށެވެ. އެ ރަށްތަކަކީ:

މިނިސްޓަރު އިތުރަށް ހާމަކުރެއްވި ގޮތުގައި، މި ލައިޓްތަކުގެ ހާއްސަ ކަމަކީ އިސްލާމީ ޝިއާރާއި ތަކުބީރުގެ އަޑުތައް ހިމެނޭ ޒަމާނީ ލައިޓްތަކަކަށްވުމެވެ. އަދި މިފަދަ މަޝްރޫއުތަކަކީ ރައްޔިތުންގެ އުފާވެރިކަމާއި ހިތްހަމަޖެހުން އިތުރުކުރުމަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށް ވެސް ވިދާޅުވި އެވެ.
މި މަޝްރޫއުގެ މުހިންމުކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ ރަށްތަކުގައި މިފަދަ ޒީނަތްތެރިކަން ގެނައުމަކީ މުޖުތަމައުގެ އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުކޮށް، އީދު ފަދަ އުފާވެރި މުނާސަބަތުތައް ފާހަގަކުރުމުގެ ރޫހު އާލާކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ.
"ދިވެހިންނަކީ އަބަދުވެސް ޒީނަތްތެރި ކަމަށް ލޯބިކުރާ، ތަހުޒީބު ބައެއް. މާލޭގައި މި މަޝްރޫއު ތައާރަފުކުރެވުނު ފަހުން ވަރަށް ގިނަ ރަށްރަށުން ވަނީ މި ވަސީލަތް ހޯދުމަށް އެދިފައި. އެހެންކަމުން އަޅުގަނޑުމެން މި މަސައްކަތްކުރަނީ މި ހިދުމަތް ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަށް،" ޝަރީފް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ދަށުން ނިމިދިޔަ އަހަރު ލައިޓް ލިބުނު ރަށްތަކުން ވަރަށް ހިތްހަމަޖެހޭ ކަމަށާ އަދި އެ ރަށްތަކުގައި އީދުގެ އިތުރުން އެހެނިހެން މުނާސަބަތުތަކުގައި ވެސް ލައިޓްތައް ބޭނުންކުރަމުންދާ ކަމުގަ އެވެ. ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން 36 ރަށަށް ލައިޓް ފޯރުކޮށްދިނުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
ސިއްހީ ނިޒާމް ރަނގަޅުކޮށް ބަލަ ބޭކާރު ހަރަދު ނުކޮށް
ހޮސްޕިޓަލްަ އެއަރޕޮޓް ކޮބާ