ޚަބަރު ސަރުކާރު

އިންސާފުވެރި ބަދަލެއް ގެނެވޭނީ އިޖުތިމާއީ ރައްކާތެރިކަން ހަރުދަނާކޮށްގެން: ރައީސް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ރަށެއްގައި ރައީސް ވާހަކަފުޅު ދައްކަވަނީ / ފޮޓޯ:ރައީސް އޮފީސް

އިޖުތިމާއީ ރައްކާތެރިކަމުގެ ހަރުދަނާ ނިޒާމެއް އުފެއްދުމަކީ އިންސާފުވެރި ބަދަލަކަށް ލާޒިމު ކަމެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ރައީސް އެހެން ވިދާޅުވީ ބައިނަލްއަގުވާމީ އިޖުތިމާއީ އަދާލަތުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގަ އެވެ.

އެމަނިކުފާނުގެ މެސެޖުގައި ވަނީ އިންސާފުވެރިކަމާއި ހަމަހަމަކަމާއި އަދާލަތު ކުރިއެރުވުމުގެ އަޒުމުގައި ހުންނެވިކަން ވިދާޅުވެފަ އެވެ. އަދި އިޖުތިމާއީ އަދާލަތާއި ދެމެހެއްޓެނިވި ވެއްޓެއްގެ މައްޗަށް އެކުލެވިގެންދާ ދުނިޔެއެއް ގާއިމުކުރުމަށް ކުރައްވާ މަސައްކަތުގައި ސާބިތު ކަންމަތީ ދެމިހުންނެވިކަން ހާމަކުރައްވާފައިވެ އެވެ.

މި އަހަރުގެ ޝިއާރު "ސްޓްރެންތެނިން އަ ޖަސްޓް ޓްރާންޒިޝަން ފޯ އަ ސަސްޓެއިނަބަލް ފިއުޗަ" އަކީ، ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ، ކުޑަ، ޖަޒީރާ ގައުމެއްގެ ގައުމީ އަހަންމިއްޔަތުތަކާއި ބައިނަލްއަގުވާމީ އުންމީދުތަކާ ގުޅިލާމެހިފައިވާ ޝިއާރެއްކަން ފާހަގަކުރެއްވި އެވެ.

އަދި އިގުތިސޯދީ ތަރައްގީގެ ހަލުވި ފިޔަވަޅުތަކާ އެއް ހަމައެއްގައި ދެމެހެއްޓެނިވި ވެއްޓެއް ކަށަވަރުކުރުމުގައި ހުރި ގޮންޖެހުންތަކަށް މި ޝިއާރުން އިޝާރާތްކުރާ ކަމަށް ރައީސް ވިދާޅުވި އެވެ.

މެސެޖުގައި ވަނީ ހުސްވި އަހަރުގެ ޖުލައި މަހު، ގްލޯބަލް ކޯލިޝަން ފޯ ސޯޝަލް ޖަސްޓިސްގެ މެމްބަރުކަން ރާއްޖެއަށް ލިބިފައިވާކަން ފާހަގަކޮށްފަ އެވެ.

އެކަމާ އެކު މަސައްކަތް ކުރާނީ، އިޖުތިމާއީ ވިލުންތެރިކަން އިތުރުކޮށް، ސެކްޓަތަކުގެ މެދުގައްޔާއި ސިޔާސަތުތައް އެކުލަވާލުމުގައި އެއްބާރުލުން އިތުރުކޮށްގެންނާއި މަޝްވަރާ އިސްކޮށްގެން އެކުގައި ކުރާ މަސައްކަތުން، އިޖުތިމާއީ އަދާލަތު ކުރިއަރުވައި ތަމަންދުން ހިއްސާކުރުމަށް ކަމަށެވެ.

ރާއްޖޭގެ ތަރައްގީގެ މިސްރާބާއި އިގުތިސޯދީ ކުރިއެރުމަށް އުންމީދު ކުރާ އިސްލާހުތަކަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ ދިރިއުޅުން ފަހިކުރުމަށް މަސައްކަތްކޮށް، މޫސުމީ ބަދަލުތަކުން މި ޖަޒީރާތަކަށް ހުރި ހިރާސް ދެނެގަނެ ތިބެގެން، ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުން ކަމުގަ އެވެ.

އެ ގޮތުން ރަސްމާލެ މަޝްރޫއު ވެގެންދާނީ ފުރަތަމަ އިކޯ-ސިޓީއަށް ކަމަށާއި އެއީ ގެދޮރުވެރިކަމާއި އިގުތިސޯދީ ފުދުންތެރިކަން އިތުރުކޮށްދިނުމުގައި ދެމެހެއްޓެނިވި މިންގަނޑުތައް ގެންގުޅުމުގެ ނަމޫނާއަކަށް ވެގެންދާނޭ ކަމަށް ވިދާޅުވި އެވެ.

ރައީސް ވަނީ ލޯ-ކާބަން އިކޮނޮމީއަކަށް ވާސިލުވާން ކުރާ މަސައްކަތްތަކަކީ އެންމެން ޝާމިލުކުރާ އަދި އެންމެންނަށް މަންފާ ލިބޭ މަސައްކަތަކަށް ވާން ޖެހޭނޭކަން ފާހަގަކުރައްވާފަ އެވެ. އެއާ އެކު ރާއްޖޭގެ އެނާޖީ ރޯޑްމެޕް 2024-2033 ގައިވާ ލަނޑުދަނޑިތަކަށް އަލިއަޅުއްވާލައްވާފައިވެ އެވެ.

އަދި މިންތީގެ ހަމަހަމަކަމާއި އިޖުތިމާއީ ބައިވެރިވުން ކަށަވަރު ކުރުމަށް އިގުތިސޯދީ، އިޖުތިމާއީ، ތައުލީމީ، މަސައްކަތްތެރިކަން އަދި ތިމާވެއްޓާ ގުޅުންހުރި ސިޔާސަތުތަކުގައި މި ވިސްނުން އިސްކުރައްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އޭގެ އިތުރުން އަންހެނުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޒުވާނުންނާއި އިސްވާރުންގެ ބައިވެރިވުން ކަށަވަރު ކޮށްދޭނެ ފުރުސަތުތައް އުފެއްދުމުގެ މުހިންމުކަން ދެނެވަޑައިގަންނަވާކަން ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ އިޖުތިމާއީ ރައްކާތެރިކަމުގެ ހަރުދަނާ ނިޒާމެއް އުފެއްދުމަކީ، އިންސާފުވެރި ބަދަލަކަށް ލާޒިމު ކަމެއް ކަމަށެވެ. ބޭރުން އަންނަ ލޮޅުންތަކާއި އިގުތިސޯދީ ހިރާސްތަކާއި މޫސުމީ ގޮންޖެހުންތަކުން މުޖުތަމައު ހިމާޔަތް ކޮށްދިނުމުގައި މިފަދަ ހަރުދަނާ ނިޒާމުތަކުން އަދާކުރާނެ ދައުރު ފާހަގަކުރެއްވި އެވެ.

ރައްޔިތުންނަށް އިސްކަންދީގެން، ރައްޔިތުންނާ ގާތުން ވެރިކަން ކުރުމަށް ސަރުކާރުން ދޭ ސަމާލުކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ އާދަކާދަތަކުން ލިބޭ އިލްމާއި ހިލްމުގެ މައްޗަށް ބަރޯސާވާ ލާމަރުކަޒީ ހައްލުތަކެއް ހުރިހާ ފެންވަރެއްގައި ބޭނުންކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.

އަދި މި މަސައްކަތް ކުރައްވާނީ ޒަމާނީ ފަންނިއްޔާތުގެ އެހީގައި ސްމާޓް އަދި ދެމެހެއްޓެނިވި ތަރައްގީ ކަށަވަރު ވާނޭ ފަދައިން، މި މުޖުތަމައަށް ޑިޖިޓަލް ބަދަލެއް ގެނެސްގެން ކަމަށް ވިދާޅުވި އެވެ.

މެސެޖުގައި ވަނީ އެންމެންނަށް އަދުލުވެރި މުސްތަގުބަލެއް ކަށަވަރު ކުރެވޭނީ އެކުގައި މަސައްކަތްކޮށްގެން ކަމުގައި ފާހަގަކޮށްފަ އެވެ. އަދި އާދަކާދައިން ފެންނަ ފަދަ އިޖުތިމާއީ ރޫހު އާލާކޮށް، މާޒީގެ ތަޖުރިބާތަކުން ދަރުސް ލިބިގަނެ، އެއިން ހިތްވަރު ހޯދައިގެން މާދަމާ އުޖާލާ ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.