ހިޔާގެ އެޕާޓްމެންޓަކުން ޑްރަގާ އެކު 3 މީހަކު ހައްޔަރަށް

ހުޅުމާލޭ ފޭސް 2 ހިޔާގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެއްޗާއި ބަނގުރާ ފެނުނު މައްސަލައެއްގައި 3 މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އެ މީހުން ހައްޔަރުކުރީ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ. އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް 2، ހިޔާ ޓަވަރު 9 ގެ އެޕާޓްމަންޓެއް ވަނީ ބަލައި ފާސްކޮށްފަ އެވެ.
އެ އެޕާޓްމަންޓް ބަލައި ފާސްކުރިއިރު، މަސްތުވާތަކެއްޗާއި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"މި އޮޕަރޭޝަންގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި ދަޅަކާއި 5 ރަބަރު ޕެކެޓްގެ އިތުރުން ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 500 މިލިލީޓަރުގެ ފުޅިއެއް ފެނިފައިވެ އެވެ،"
މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ:
- ލ. ގަން، ތުނޑި. މިލާނޯ، މުހައްމަދު ރިޝްފާން (28އ)
- ލ. ގަން، މަތިމަރަދޫ. ރިޔާޒު، ހުސައިން ޝިޔާން (23އ)
- ލ. ގަން، ތުނޑި. ފީނިވިލާ، ހައްވާ ސިމާނާ (29އ)
ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ރިޝްފާނާއި ޝިޔާން 15 ދުވަހުގެ މުއްދަތަށް އަދި ސިމާނާ 5 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.