ޚަބަރު ސިޔާސީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރުމަކީ މުޅި ޖުޑިޝަރީގެ މިނިވަން ކަމަށް ދޭ ހަމަލާއެއް: ފައްޔާޒު

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައްޔާޒު ވާހަކަ ދައްކަވަނީ / ފޮޓޯ:އެމްޑީޕީ

ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަކީ މުޅި ޖުޑިޝަރީގެ މިނިވަން ކަމަށް ދޭ ހަމަލާއެއް ކަމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

Ads by STELCO

ސުޕްރީމް ކޯޓުގެ ބެންޗުގައި ތިބޭ ފަނޑިޔާރުންގެ އަދަދު 5 އަށް މަދުކުރަން ރައްޔިތުންގެ މަޖިލިހަށް ބިލެއް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު (ސަޓޯ) އެވެ.

މިހާރު ސުޕްރީމް ކޯޓުގެ ބެންޗުގައި 7 ފަނޑިޔާރުން ތިއްބަވަ އެވެ.

މެމްބަރު ސަޓޯ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް ބަދަލު ކުރުމަށެވެ.

އެކަމާ ގުޅޭގޮތުން ރޭ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ރާއްޖޭގެ ޖުޑީޝަރީ އިސްލާހު ކުރުމަށް މިހާތަނަށް އެޅުނު އެންމެ ހަރުދަނާ ފިޔަވަޅަކީ 2019 އަދި 2020 ވަނަ އަހަރު ސުޕްރީމް ކޯޓުގެ ބެންޗަށް ގެނެވުނު ބަދަލު ކަމަށެވެ.

"ފަނޑިޔާރުންގެ އަދަދު މަދުކުރަން އެ ކުރާ މަސައްކަތަކީ މުޅި ޖުޑީޝަރީގެ މިނިވަން ކަމަށް ދޭ ހަމަލާއެއް. ސަރުކާރުގެ މި ފިނޑި އަދި ހުތުރު އަމަލުގައި ބައިވެރި ނުވުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަރިހުން އެދެން،"

ފައްޔާޒު ވަނީ ސުޕްރީމް ކޯޓުގެ ބެންޗުގައި ތިބޭ ފަނޑިޔާރުންގެ އަދަދު 5 އަށް މަދުކުރަން ހުށަހަޅާފައިވާ ބިލާ ދެކޮޅަށް އިހުތިޖާޖު ކުރުމަށް މުޅި ޝަރުއީ ދާއިރާއިން ތެދުވުމަށް ގޮވާލައްވާފަ އެވެ.

ބެންޗަށް ބަދަލު ގެނައުމަށް ހުށަހަޅާފައިވާ ހުށަހެޅުމަކީ ޑިމޮކްރަސީ އާއި ޖުޑީޝަރީގެ މިނިވަން ކަމުގައި ގައުމެއްގެ ގޮތުގައި ފަހަތަށް އެޅޭ ބޮޑު ފިޔަވަޅެއް ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ ހުށަހެޅުމާ އެކު، އެ ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކައި، ފިޔަވަޅު އަޅައި، ވަކިކުރާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު މިހާރު މަސައްކަތް ކުރަނީ ފަނޑިޔާރުން މަދު ކުރުމަށް ކަމުގަ އެވެ.

"މި ސަރުކާރުގެ އަމަލުތައް ހުރީ ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނެގުމާ ހަމައަށް ކަންކަން ގެންދިޔުމަށް،" ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރަން ހުށަހަޅާފައިވާ ބިލާ ގުޅިގެން ކުރެއްވި ޕޯސްޓުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ބެންޗުގައި ތިބޭ ފަނޑިޔާރުންގެ އަދަދު 5 އަށް މަދުކުރަން ސަޓޯ ހުށަހެޅުއްވި ބިލުގައި ވަނީ ބެންޗުން އުނިކުރަން ޖެހޭ ދެ ފަނޑިޔާރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަނޑައެޅުމަށް ފަހު މަޖިލިހަށް ފޮނުވަން ޖެހޭނެ ކަމަށެވެ.

ބިލު ގާނޫނަކަށްވެ ގާނޫނަށް އަމަލުކުރަން ފަށާތާ 5 ދުވަސް ތެރޭގައި ޖޭއެސްސީން މަޖިލިހަށް ފޮނުވަން ޖެހޭނެ ކަމަށް ބިލުގައިވެ އެވެ. މަޖިލިހަށް އެ ހުށަހެޅުން ލިބޭތާ 7 ދުވަސް ތެރޭގައި ވަކިކުރުމާ މެދު މަޖިލިހުން ގޮތެއް ނިންމަން ޖެހޭނެ އެވެ.

މި ބިލު ހުށަހެޅިފައި މި ވަނީ، ސިޔާސީ ޕާޓީން ވަކިކުރުމުން ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލޭ ގޮތަށް މަޖިލިހުން މި ފަހުން ގާނޫނު އަސާސީއަށް ގެނައި ބަދަލު ބާތިލު ކުރުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައި، އެ މައްސަލަ ކުރިއަށް ގެންދަން އެ ކޯޓުން ނިންމާފައި ވަނިކޮށެވެ.

މިހާރު ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލިހުގެ ނިންމުމަކާ ދެކޮޅަށް ހުށަހަޅާފައިވާ އެ މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ 7 ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.

ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރަން ހުށަހެޅިއިރު، ބައެއް ފަނޑިޔާރުންގެ ވަކިކުރަން ސަރުކާރުން މަސައްކަތްކުރާ ކަމަށް އަޑު ފެތުރިފައި ވަނިކޮށެވެ. ސަރުކާރުން އޭރު ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

ސުޕްރީމް ކޯޓު އެންމެ ފުރަތަމަ އެކުލަވާލިއިރު ވެސް ފަނޑިޔާރުންގެ އަދަދަކީ ހަތެކެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލިހުން އެ އަދަދު ފަހަކަށް ތިރިކޮށް އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަކިކުރި އެވެ.

މި ފަހަރު ވެސް މަޖިލިހަށް ހުށަހަޅާފައިވަނީ އެފަދަ ބިލެކެވެ.

މިހާރު އޮތް ގޮތަށް އަނެއްކާވެސް 7 ފަނޑިޔާރުންނަށް ބަދަލުކުރީ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އޭރު އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލިހުންނެވެ. އޭގެ ފަހުގައި އޭރު ސުޕްރީމް ކޯޓުގައި ތިއްބެވި ހުރިހާ ފަނޑިޔާރުންގެ މައްސަލަ ބަލައި ވަކިކުރަން ޖޭއެސްސީން ނިންމައި މަޖިލިހަށް ފޮނުވައިގެން ވަކިކުރި އެވެ.

މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންނަކީ އޭރުގެ މަޖިލިހުން ރުހުން ދީ، އައްޔަންކޮށްފައިވާ ފަނޑިޔާރުންނެވެ.