ޚަބަރު

ސިޔާސީ އޮއިވަރެއްގައި ޖެހި ސުޕްރީމް ކޯޓުން ދެނީ ނުރައްކާތެރި ސިގްނަލެއް: ނާޒިމް

އަލީ ސަމާޙް ، ދެން އޮންލައިން
Dhiggaru MP Nazim
މަޖިލިހުގެ ޖަލްސާއެއްގައި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް ވާހަކަ ދައްކަވަނީ / ފޮޓޯ:މަޖިލިސް

ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސިޔާސީ އޮއިވަރެއްގައި ޖެހިއްޖެ ކަމަށް ވިދާޅުވެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފަހަކަށް މަދުކުރާ ބިލާ އެއްކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް މިއަދު ވާހަކަ ދައްކަވައިފި އެވެ.

Ads by STELCO

އެ ބިލު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު (ސަޓޯ) އެވެ. ސައްތާރު، ބިލު ހުށަހެޅުއްވީ އަމިއްލަ ހައިސިއްޔަތުންނެވެ.

މެންބަރު ސައްތާރު ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް ބަދަލުކުރުމަށެވެ.

އުނިކުރަން ޖެހޭ ދެ ފަނޑިޔާރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަނޑައެޅުމަށް ފަހު ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖެހޭނެ ކަމަށް ވެސް ބިލުގައިވެ އެވެ.

ބިލު ގާނޫނަކަށްވެ ގާނޫނަށް އަމަލުކުރަން ފަށާތާ 5 ދުވަސް ތެރޭގައި ޖޭއެސްސީން މަޖިލީހަށް ފޮނުވަން ޖެހޭނެ ކަމަށް ބިލުގައިވެ އެވެ. މަޖިލީހަށް އެ ހުށަހެޅުން ލިބޭތާ 7 ދުވަސް ތެރޭގައި ވަކިކުރުމާ މެދު މަޖިލީހުން ގޮތެއް ނިންމަން ޖެހޭނެ އެވެ.

މެންބަރުކަމުގެ ގޮނޑި ގެއްލުނު ކަމަށް ނިންމައި ސުޕްރީމް ކޯޓުން 25 އަހަރުގެ ޖަލު ހުކުމެއް އިއްވި ނާޒިމް ބިލުގެ ބަހުސް ގައި ވިދާޅުވީ މަޖިލީހުގެ އިމްތިޔާޒުތަކާ މެދު ސުޕްރީމް ކޯޓުން ސުވާލު އުފައްދަމުންދާ ކަމަށެވެ.

ނާޒިމްގެ ބަހުގެ ހަމަލާ އެ ފޮނުއްވީ އޭނާގެ ކުރީގެ ވަކީލަކަށް ހުންނެވި ސުޕްރީމް ކޯޓުގެ މިހާރުގެ ފަނޑިޔާރު ހުސްނުއްސުއޫދަށެވެ.

"ގާނޫނު އަސާސީގައި ރާއްޖޭގެ ދީނަކީ އިސްލާމްދީން ކަމަށް ބަޔާންކޮށްފައި ވަނިކޮށް ރާއްޖޭގެ ދީނަކީ އިސްލާމްދީން ނޫން ކަމަށް މަޖިލީހުން ނިންމަފިިއްޔާ ދެންވެސް އެ މައްސަލަ ސުޕްރީމް ކޯޓަށް ބެލޭނެތޯ" މަޖިލިހަށް އިންތިހާބުވާ ޕާޓީން ވަކިކުރުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ދައުލަތާ ފަނޑިޔާރު ސުއޫދު ސުވާލު ކުރައްވާފައިވެ އެވެ.

އެކަމަށް އިޝާރާތް ކުރައްވާ ނާޒިމް ވިދާޅުވީ ސުޕްރީމު ކޯޓުގެ ނިޔަތާ މެދު ސުވާލު އުފެދޭ ކަމަށެވެ.

ދެ ފަނޑިޔާރުން މަދުކުރަން ހުށަހަޅަން މިއީ އެންމެ މުނާސަބަތު ވަގުތު ނޫން ކަމަށް ޕީއެންސީގެ ބައެއް މެންބަރުން ދައްކަވާ ވާހަކައަށް އިޝާރާތް ކުރައްވާ ނާޒިމް ވިދާޅުވީ މަޖިލީހަށް މެންބަރުން އިންތިހާބުކޮށްފައި ތިބީ ނުރައްކަލުގެ ރަނގަބީލު ޖަހަން ފެށުމުން އެކަން އިސްލާހުކުރަން ކަމަށެވެ.

''މިއަދު މި ފެންނަނީ ސިޔާސީ އޮއިވަރުގައި ޖެހިގެން ނުވާނެ ބަޔަކު [ސުޕްރީމް ކޯޓުގެ ފަނޑިޔާރުން] ސިޔާސީ އޮއިވަރަށް ލެބިގެންދާތަން. އަދި ސިޔާސީ ވެރިން ޖަހާ ބެރުތަކަށް ނެށުމަށް ތައްޔާރަށް ތިބިކަމުގެ ސިގްނަލް ދޭތަން" ދިއްގަރު ދާއިރާގެ މެންބަރު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން ނިންމާ ނިންމުމުގެ ސަބަބުން މުޖުރިމުން މިނިވަންވެ ގޭގައި ޖަލްސާތައް ބާއްވަމުންދާ ކަމަށް ވިދާޅުވެ ނާޒިމް ވަނީ އޭނާގެ ކުރީގެ އެންމެ ގާތް އެކުވެރިޔާ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިޝާރާތްކޮށް ނުސީދާކޮށް ފާޑުވިދާޅުވެފަ އެވެ.

"ކުށްވެރިން ދޫވޭ، ހުކުމް ނުކުރާ މީހުން ޖަލަށްލެވި އަދި ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެ ސިޔާސީ ހުކުމްތައް ކުރާ ހިސާބަށް ދިޔާމަ މަޖިލީހުގެ އިމްތިޔާޒާ މެންބަރުންގެ ހައްގުތަކާ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރެވޭ ބައެއްގެ ހައިސިއްޔަތުން ފިޔަވަޅުތައް އަޅަން ފަސްޖެހިގެން ނުވާނެ" އޭނާ ވިދާޅުވި އެވެ.