ޚަބަރު

ފަނޑިޔާރުން ވަކިކުރާ ބިލުގެ ކޮމިޓީގައި އަނާރާ ވޯޓު ނުދެއްވި!

އަލީ ސަމާޙް ، ދެން އޮންލައިން
ޖުޑިޝަރީ ކޮމިޓީގައި އަނާރާ ނައީމް/ ފޮޓޯ: މަޖިލީސް

ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކުރިއިރު އެ ކޮމިޓީގެ ނައިބު މުގައްރިރު އަދި ހުރާ ދާއިރާގެ ޕީއެންސީގެ މެންބަރު ޑރ. އަނާރާ ނައީމް ވޯޓު ނުދެއްވައިފި އެވެ.

Ads by STELCO

ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އަބްދުއްސައްތާރު ހުށަހެޅުއްވި އެ ބިލު ދިރާސާކުރަން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބިލުގެ ބައެއް މާއްދާތަކަށް އަނާރާ ވޯޓު ނުދެއްވަ އެވެ.

އެއީ ބިލު ގާނޫނަކަށްވެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު ފަނޑިޔާރުންގެ ނަން ޖޭއެސްސީން މަޖިލީހަށް ފޮނުވަން ޖެހޭ ކަމަށް ބަޔާންކޮށްފައިވާ މާއްދާ އެވެ.

އެ މާއްދާގައި ބަޔާންކޮށްފައިވަނީ 5 ދުވަސް ތެރޭގައި ވަކިކުރާ ފަނޑިޔާރުންގެ ނަން ޖޭއެސްސީން މަޖިލިހަށް ފޮނުވަން ޖެހޭނެ ކަމަށެވެ. އެ ހުށަހެޅުން ލިބޭތާ 7 ދުވަސް ތެރޭގައި ފަނޑިޔާރުން ވަކިކުރުމާ މެދު މަޖިލީހުން ގޮތެއް ނިންމަން ޖެހޭނެ ކަމަށްވެ އެވެ.

"އަޅުގަނޑަށް ތާއިދުކުރެވެނީ ގިނަ ވަގުތު ދޭން ޖެހޭ ކަމަށް މި މާއްދާއަށް" އަނާރާ ވިދާޅުވި އެވެ.

ކޮމިޓީގައި 8 މެންބަރަކު ބައިވެރިވެވަޑައިގެންނެވިއިރު 7 މެންބަރަކު ބިލާ އެއްކޮޅަށް ވޯޓު ދެއްވި އެވެ. ބިލާ ދެކޮޅަށް ވޯޓުދެއްވީ އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ ދެ މެންބަރުންނެވެ.

އެއީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) އާއި ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބްރާހިމް ނާޒިލް އެވެ.

އެ ދެ މެންބަރުންވެސް ކޮންމެ މާއްދާއަށް ކަހަލަ ގޮތަކަށް އިސްލާހު ހުށަހެޅުއްވި, އެކަމަކު އެއިން އެއްވެސް އިސްލާހެއް ފާހެއްނުވެ އެވެ.

ބިލު ފާސްކުރަން އަނާރަ ވޯޓެއް ނުދެ އެވެ.

ސައްތާރުގެ ބިލުގެ ހުލާސާ

މިހާރު ސުޕްރީމް ކޯޓުގެ ބެންޗުގައި 7 ފަނޑިޔާރުން ތިއްބަވަ އެވެ. މެމްބަރު ސަޓޯ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް ބަދަލުކުރުމަށެވެ.

ވަކިކުރަން ޖެހޭ ދެ ފަނޑިޔާރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަނޑައެޅުމަށް ފަހު ރައްޔިތުންގެ މަޖިލިހަށް ފޮނުވަން ޖެހޭނެ ކަމަށް ބިލުގައިވެ އެވެ.

ބިލު ގާނޫނަކަށްވެ ގާނޫނަށް އަމަލުކުރަން ފަށާތާ 5 ދުވަސް ތެރޭގައި ޖޭއެސްސީން މަޖިލިހަށް ފޮނުވަން ޖެހޭނެ ކަމަށް ބިލުގައިވެ އެވެ. ރައްޔިތުންގެ މަޖިލިހަށް އެ ހުށަހެޅުން ލިބޭތާ 7 ދުވަސް ތެރޭގައި ވަކިކުރުމާ މެދު މަޖިލިހުން ގޮތެއް ނިންމަން ޖެހޭނެ އެވެ.

މި ބިލު ހުށަހެޅިފައި މި ވަނީ، ސިޔާސީ ޕާޓީން ވަކިކުރުމުން މަޖިލިހުގެ ގޮނޑި ގެއްލޭ ގޮތަށް މަޖިލިހުން މިފަހުން ގާނޫނު އަސާސީއަށް ގެނައި ބަދަލު ބާތިލު ކުރުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައި، އެ މައްސަލަ ކުރިއަށް ގެންދަން އެ ކޯޓުން ނިންމާފައި ވަނިކޮށެވެ.

މިހާރު ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލިހުގެ ނިންމުމަކާ ދެކޮޅަށް ހުށަހަޅާފައިވާ އެ މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ 7 ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.

ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރަން ހުށަހެޅިއިރު، ބައެއް ފަނޑިޔާރުންގެ ވަކިކުރަން ސަރުކާރުން މަސައްކަތްކުރާ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ. ސަރުކާރުން އޭރު ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.