ޚަބަރު ސިޔާސީ

ބިލަށް ވޯޓު ނުދިނީ ކެބިނެޓް މިނިސްޓަރުންނާ ވެސް މަޝްވަރާ ކުރުމަށްފަހު: އަޒާން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް މަގުފަހިކުރާ ގޮތަށް ކޯޓުތަކާބެހޭ ގާނޫނަށް ގެނައުމަށް ހުށަހެޅިފައިވާ އިސްލާހަށް ތާއީދު ނުކުރެއްވި ސަބަބު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކޮންގްރެސް ޕާޓީ މެންބަރު އަހްމަދު އަޒާން މަރުޒޫގު ހާމަކުރައްވައިފި އެވެ.

Ads by STELCO

ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ބިލު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ކޮންގްރެސް ޕާޓީ މެންބަރު އަބްދުއްސައްތާރު މުހައްމަދު (ސަޓޯ) އެވެ. ބިލުގެ ފުރަތަމަ ކިޔުން ހޯމަ ދުވަހު އިއްވާފައިވާއިރު، އިއްޔެއިން އިއްޔެއަށް ބިލު ބަހުސް ވަނީ ނިންމާލާފަ އެވެ. އަދި ރެއިން ރެއަށް ޖުޑިޝަރީ ކޮމިޓީން ވަނީ ބިލު ފާސްކޮށްފަ އެވެ.

މަޖިލީހުގެ ވޯޓުން ސިސްޓަމަށް މައްސަލަ ޖެހިފައިވާތީ މިއަދުގެ ވޯޓުލުން ކުރިއަށް ދިޔައީ މެންބަރުން އަތް ނަގައިގެންނެވެ. ވޯޓުލުމުގެ ކުރިން ނަން އިއްވައި އެމްޑީޕީގެ 3 މެންބަރަކު ވަނީ ތަޅުމުން ނެރެފަ އެވެ.

އަޒާން ވަނީ ރޯލް ކޯލް ވޯޓްގައި ނަން ގޮވަމުން ދަނިކޮށް ތަޅުން ދޫކުރައްވާ ވަޑައިގެންފަ އެވެ. ބިލު ފާސްކުރަން 68 މެންބަރުންގެ ވޯޓު ދެއްވި އެވެ. އެ ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 9 މެންބަރުންނެވެ.

އަޒާން މިއަދު "އެކްސް" ގައި އާއްމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ، ފަނޑިޔާރުންގެ އަދަދު މަދުކުރަން ހުށަހެޅުނު މި ބިލަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ހިލާފު އަދި ހާއްސަކޮށް ގާނޫނުއަސާސީގެ 75 ވަނަ މާއްދާއާ ހިލާފު ބިލެއް ކަމަށެވެ. އެ ބިލަށް ތާއީދު ނުކުރައްވަން ނިންމެވީ އެ ސަބަބާ ހުރެ ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަޅުގަނޑު ރައްޔިތުންގެ ކުރިމަތީގައި ހުރެ ދިން ޔަގީންކަމަކީ، ދާއިރާގެ ރައްޔިތުންނާއި ގައުމުގެ މަސްލަހަތު އިސްކުރާނެ ކަމުގެ ޔަގީންކަން," އަޒާން ވިދާޅުވި އެވެ.

މި ބިލާ ގުޅޭގޮތުން އަޒާން ނިންމުން ނިންމެވީ ގާނޫނީ ދާއިރާގައި މަސައްކަތްކުރައްވާ ވަކީލުންނާއި، ކުރީގެ ފަނޑިޔާރުން، ޝަރުއީ ދާއިރާގެ ތަޖުރިބާކާރުން އަދި ކެބިނެޓް މެންބަރުންގެ މަޝްވަރާގެ މައްޗަށް ބިނާކޮށް ކަމަށް ހާމަކުރެއްވި އެވެ.

އަޒާން ދެކިވަޑައިގަންނަވާ ގޮތުގައި، ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ހުރި ނަމަ ޖުޑީޝަލް ސާވިސް ކޮމިޝަން މެދުވެރިކޮށް އެ މައްސަލަ ބަލައި، މައްސަލަ ސާބިތުވާނަމަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފަނޑިޔާރުން ވަކިކުރެވިދާނެ އެވެ. ނަމަވެސް، ރައްޔިތުންގެ މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮތްއިރު، ކޯޓުތަކާބެހޭ ގާނޫނު އިސްލާހުކޮށްގެން ވަކި ދެ ފަނޑިޔާރަކު ވަކިކުރުމަށް މަސައްކަތްކުރުމަކީ ގާނޫނީ ގޮތުން ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް އަޒާން ވިދާޅުވި އެވެ.

އަޒާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބަލަމުންދަނިކޮށް މިފަދަ ކަމެއް ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ.