ޚަބަރު

ޑިއުޓީގައި ހުއްޓާ ކުއްލިއަކަށް ބަލިވެ ފަރުވާދެމުން ދަނިކޮށް މުވައްޒަފަކު ނިޔާވުމުން ޕީއެސްއެމް ހިތާމާގައި

. ، ދެން އޮންލައިން

ޑިއުޓީގައި ހުއްޓާ ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ މުވައްޒަފަކު ކުއްލި ގޮތަކަށް ބަލިވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ރޭ ނިޔާވެއްޖެ އެވެ.

ނިޔާވީ ޕީއެސްއެމްގެ ސީނިއާ މެއިންޓަނަންސް އޮފިސަރު، ފާލަންދޮށުގެ، ތ. ތިމަރަފުށި، އާގިލް ޝަމީމް (49އ) އެވެ.

ޕީއެސްއެމުން ބުނީ ޑިއުޓީގައި ހުއްޓާ ދިމާވި ސިއްހީ ކުއްލި މައްސަލައަކާ ގުޅިގެން އައިޖީއެމް ހޮސްޕިޓަލުގައި އާގިލް އެޑްމިޓްކުރީ އާދިއްތަ ދުވަހު ކަމަށެވެ.

އެ ކުންފުނިން ބުނީ އާގިލް އަކީ އޮފީހުގެ ހުރިހާ މުވައްޒަފުންނާ ގާތް ގުޅުމެއް ބާއްވާ ހިތްހެޔޮ މީހެއް ކަމަށެވެ.

ޕީއެސްއެމްގެ އެކި ޕްރޮގްރާމްތައް ޝޫޓްކުރުމަށް ސްޓޫޑިއޯތައް ތައްޔާރުކުރުމުގައިވެސް ވަރަށް ބޮޑު ދައުރެއް އޭނާ އަދާކޮށްފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އާގިލް އަކީ އޮފީހުގެ މަސައްކަތު މީހުންގެ ކަންކަމާއި އަދި އެނޫންވެސް މެއިންޓަނަންސާ ބެހޭ މަސައްކަތްތައް ވަރަށް ފަރުވާތެރިކަމާއި ޒިންމާދާރުކަމާއެކު އަދާކުރަމުންދިޔަ ހީވާގި މުވައްޒަފެކެވެ

އޭނާގެ ވަކިވުމާއެކު ޕީއެސްއެމްގެ މިހާރުގެ މުވައްޒަފުންނާއި ކުރީގެ މުވައްޒަފުން ދަނީ އެކަމާ ހިތާމަ ފާޅުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓުތައް ކުރަމުންނެވެ.

ޕީއެސްއެމްގެ ސްޕޯޓްސް ޖާނަލިސްޓު ސާއިދު ސިފަކުރި ގޮތުގައި އެ ދާއިރާގައި ކުރިއަށްދާން އާގިލްގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު ކަމަށެވެ.

"ޝަމީމް ހޮސްޕިޓަލަށް ގެންދިޔުމުގެ އެއްގަޑިއިރު ކުރިން ދިމާވިއެވެ. ސަމާސާ ކޮއްލީމެވެ. އެކަމަކު ޖަވާބެއް ނައެވެ. މަޑުމަޑުން ޖޯލީގަ އިށީންދެގެން އިނެވެ" ފޭސްބުކް ގައި ލިޔުނު ޕޯސްޓެއްގައި ސާއިދު ބުންޏެވެ.

އާގިލް ދައުލަތުގެ މީޑިއާ އަށް ހިދުމަތް ކުރަން ފެށީ މީގެ 28 އަހަރު ކުރިން ސެޕްޓެމްބަރު 9، 1996 ގަ އެވެ.

ދިވެހިރާއްޖޭގެ އަޑުގެ ވަޒީފާއިން ހިދުމަތާއި ގުޅުނު އާގިލް ވަނީ ޕީއެސްއެމް އަށް ބަދަލުވިފަހުން އެމްއެންބީސީ، އެމްބީސީގައިވެސް މަސައްކަތް ކޮށްފަ އެވެ.

އާގިލްގެ ކަށު ނަމާދު އޮންނާނީ މިއަދުގެ މެންދުރު ނަމާދަށް ފަހު މަސްޖިދު ޒައިދުބިން ތާބިތް (ހުޅުމާލެ ސަހަރާ މިސްކިތު) ގަ އެވެ.