އަޒާންގެ ދިފާއުގައި ނުކުތީ އޭނާއާ ވާދަކޮށް ބަލިވި ކެންޑިޑޭޓް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކޮންގްރެސް ޕާޓީ މެންބަރު އަހްމަދު އަޒާން މަރުޒޫގުގެ ދިފާއުގައި އަޒާންގެ ދާއިރާއަށް ވާދަކުރައްވައި ބަލިވި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އަދި އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ނުކުންނަަވައިފި އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް މަގުފަހިކުރާ ގޮތަށް ކޯޓުތަކާބެހޭ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލަށް އަޒާން ވޯޓެއް ނުދެއްވަ އެވެ. އެ މައްސަލައިގައި އަޒާން ވަނީ ޕީއެންސީގެ ޕީޖީ ވަޓްސްއަޕް ގްރޫޕްއިން ވެސް ބޭރުކޮށްފަ އެވެ.
އެ މައްސަލައިގައި އަޒާންގެ ދިފާއުގައި ޝުއާއު މިއަދު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ އަޒާންއާ ވާދަކުރި މަޖިލިސް އިންތިހާބުގެ ދުވަސްވަރު މާޒީވެ ގޮސްފައިވާ ކަމަށާއި އަދި މިހާރު އަޒާންއަށް ހެޔޮ ވިސްނުން ލިބިފައިވާ ކަމަށެވެ.
އަދި މާޒީގައި ހެދިފައިހުރި ގޯސްތަކުން އަރައިގަނެ އަޒާން މިހާރު އިސްކުރަމުން ދަނީ ގައުމާއި ރައްޔިތުންގެ މަަސްލަހަތު ކަމަށް އޭނާ ވިދާޅުވި އެވެ.
"ހިތަދޫ މެދު ދާއިރާގެ ރައްޔިތުން ވޯޓު ދެއްވައިގެން އިންތިޚާބުވެފައިވާ މެންބަރު އަޒާން ސްޓިއަރިން ކޮމިޓީއަކުން ނުވަތަ ރައީސް ބޭނުންވާ އިރަކު ބޭނުން ގޮތަކަށް ބަދަލުކުރަން ޖެހިއްޖެނަމަ، ސްޓިއަރިން ކޮމިޓީގެ ލަފާއާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ، އާ މެންބަރަކު އައްޔަންކުރާ ގޮތަށް ގާނޫނަށް ބަދަލު ގެނެސްގެން ވެސް ކޮށްފާނެކަމުގެ ބިރު މިހާރު އެބަ އޮތް." ޝުއާއު ވިދާޅުވި އެވެ.
އެހެންކަމުން، ޑިމޮކްރަޓިކް އުސޫލްތަކާއި ހިލާފަށް ކުރަމުންދާ ކަންތައްތައް ހުއްޓާލައި ސްޓިއަރިން ކޮމިޓީއިން އަޒާންއަށް ފުރައްސާރަކުރުމާއި، ބިރުދެއްކުން ހުއްޓާލައި، މިނިވަންކަމާއެކު މަސައްކަތް ކުރެވޭން މަގު ފަހިކޮށް ދިނުމަށް ޝުއާއު ގޮވާލެއްވި އެވެ.
އަޒާން ވިދާޅުވީ ފަނޑިޔާރުންގެ އަދަދު މަދުކުރަން ހުށަހެޅުނު ބިލަކީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ހިލާފު އަދި ހާއްސަކޮށް ގާނޫނުއަސާސީގެ 75 ވަނަ މާއްދާއާ ހިލާފު ބިލެއް ކަމަށެވެ. އެ ބިލަށް ތާއީދު ނުކުރައްވަން ނިންމެވީ އެ ސަބަބާ ހުރެ ކަމަށް ވިދާޅުވި އެވެ.