Thursday, 29 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ސުޕްރީމް ކޯޓު ހިންގޭނެ ގޮތެއް ހޯދަން ހައިކޯޓަށް މައްސަލަ އެއް ހުށަހަޅައިފި

ސުޕްރީމް ކޯޓު ހިންގޭނެ ގޮތެއް ހޯދަން ހައިކޯޓަށް މައްސަލަ އެއް ހުށަހަޅައިފި
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުން ސަސްޕެންޑް ކުރުމަކީ އެ ކޯޓުގައި ތަޅުއެޅުވުން ކަމަށް ވިދާޅުވެ، ކޯޓު ހިންގޭނެ ގޮތެއް ހަދައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ހައިކޯޓަށް މައްސަލަ އެއް ހުށަހަޅައިފި އެވެ. ސަސްޕެންޑްކުރި ފަނޑިޔާރުންނަކީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު، ފަނޑިޔާރު ހުސްނުއްސުއޫދެވެ. "އެކްސް" ގައި މިރޭ ކުރި ޕޯސްޓެއްގައި ފެހި ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގައި ހިމެނިވަޑައިގެންނެވި އިބުރާ ވިދާޅުވީ ސުޕްރީމް ކޯޓުގައި "ތަޅު" އަޅުވާފައި އޮތުމުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިނަމަ ރައްޔިތުންގެ ހައްގުތައް ގެއްލޭނެ ކަމަށެވެ. އަދި ގާނޫނު އަސާސީގެ ބާރު އޭރުން ދިޔައީ ކަަމަށް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓު ހިންގޭނޭ ގޮތެއް ހަދައިދިނުމަށް އެދި ހައި ކޯޓަށް މައްސަލަ ހުށަހަޅައިފީމެވެ.
އިބުރާ ހުށަހެޅި މައްސަލަ އަދި މިހާތަނަށް ބަލައިގަތްކަން ކޯޓުގެ ރަޖިސްޓްރީން ނުދައްކަ އެވެ. ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުން ސަސްޕެންޑްކޮށްފައިވަނީ މަޖިލީހުގެ މެންބަރުކަމަށް އިންތިހާބުވާ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއް އެ ކޯޓުގައި ބުދަ ދުވަހު ހެނދުނު ފަށަން އެ އަޑުއެހުމަށް ގާތްވެފައި ވަނިކޮށެވެ. https://dhen.mv/272823 ޖޭއެސްސީން ފަނޑިޔާރުންނަށް ފޮނުވި ނޯޓިސްގެ ކޮޕީއެއް "ދެން" އަށް ވަނީ ލިބިފަ އެވެ. އެ ނޯޓިސްގައި ހިމެނޭ ޖުމުލަތަކުގެ އިބާރާތަކީ ހަމަ އެ ކޮމިޝަނުން އާންމުކުރި ބަޔާނުގެ ނަކަލެކޭ ބުނެވިދާނެ އެވެ. އޭގެ އިތުރަށް އެއްވެސް ކަމެއް އެ ނޯޓިސްގައި ބަޔާންކޮށްފައެއް ނުވެ އެވެ. އެންމެ ކުޑަމިނުން ފަނޑިޔާރުން ސަސްޕެންޝަނުގައި ތިބެން ޖެހޭނެ ވަކި މުއްދަތެއް ވެސް އެ ނޯޓިސްއަކުން ނޭނގެ އެވެ. ސަސްޕެންޑްކުރީ މުސާރަ ލިބޭ ގޮތަށް ކަމެއް ނުވަތަ ނުލިބޭ ގޮތަށް ކަމެއް ވެސް ނޯޓިސްގައި ބުނެފައެއް ނެތެވެ. އޭސީސީން ބަޔާނެއް ނެރެފައި ހަމައެކަނި ބުނި ވާހަކައަކީ ކޮމިޝަނުން އެ މައްސަލަތައް ބަލަނީ ނުފޫޒެއް ނެތި ކަމަށެވެ. އެ ފަނޑިޔާރުންނާ ގުޅޭ ސުލޫކީ މައްސަލައެއްވެސް ބަލަމުން އެބަދެ އެވެ. ޖޭއެސްސީން ބަލަނީ ފަނޑިޔާރު ސުއޫދު ހައިކޯޓުގެ ރަޖިސްޓްރާ އަށް ބިރުދެއްކި ކަމަށް ބުނާ މައްސަލައެކެވެ. މަހާޒުއާ އަޒްމިރަލްދާ އަށް ޖޭއެސްސީން ތުހުމަތުކުރަނީ، އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރުކުރި މައްސަލާގައި ނުފޫޒު ފޯރުވުމެވެ. އެ މައްސަލަ ޖޭއެސްސީ އަށް ހުށަހެޅީ އަމިއްލަ ފަރާތަކުންނެވެ. ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުގެ 7 ފަނޑިޔާރުންގެ ބެންޗަކުން ބަލަމުން ދަނިކޮށް ތިން ފަނޑިޔާރަކު ސަސްޕެންޑްކުރުމުން އަލީ ހުސައިނާއި އޭނާގެ ވަކީލުން ވަނީ އެ ކަމާ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ޖޭއެސްސީން ބަލަމުން ދަނީ ފަނޑިޔާރުންގެ މައްޗަށް މައްސަލައެއް އުފަން ކޮށްގެން ކަމަށާއި ސަސްޕެންޑްކުރީ ވެސް ކޮމިޝަނުގެ ގާނޫނާ ހިލާފަށް ކަމަށް އަލީ ހުސެއިން ވިދާޅުވެފައިވެ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު މިކުރީ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެންނަން މަޖިލީހުން ފާސްކޮށްފައި ވަނިކޮށެވެ. މަޖިލީހުން ފާސްކުރި ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ތަސްދީގު ނުކުރައްވަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް