ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުން ސުއޫދު އިސްތިއުފާ ދެއްވައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު/ ފޮޓޯ: ޖޭއެސްސީ

ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ކަމަށް އިންތިހާބުވާ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަންނަވާ ގޮތަށް މައްސަލަ ނިންމުމަށް "ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކަމުންދާ" ކަމަށް ވިދާޅުވެ، އެ ކޯޓުގެ ފަނޑިޔާރުގެ މަގާމުން ހުސްނުއްސުއޫދު އިސްތިއުފާ ދެއްވައިފި އެވެ.

ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުން ސުއޫދު އިސްތިއުފާ ދެއްވާފައި މިވަނީ އޭނާ އާ ގުޅޭ މައްސަލައެއް ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ ކަމަށް ބުނެ މަގާމުން ސަސްޕެންޑްކޮށްފައި ވަނިކޮށެވެ.

ސުއޫދު، ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވިކަން އެމަނިކުފާނުގެ އަރިސް ބޭފުޅަކު ވަނީ "ދެން" އަށް ޔަގީންކޮށްދީފަ އެވެ.

ސުއޫދުގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ކަމަށް އިންތިހާބުވާ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށް ނިންމުމާ ގުޅިގެން ސަރުކާރުން ގާނޫނު އަސާސީ އާ ހިލާފަށް ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.

ގާނޫނު އަސާސީގެ މާއްދާއަކާ ހަވާލާދެއްވާ ސުއޫދު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަންނަވާ ގޮތަށް ނިންމުމަށް "ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކަމުންދާ" ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

"އެކަމާ އިހުތިޖާޖްކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މި ހިނދުން ފެށިގެން އަޅުގަނޑު އިސްތިއުފާދީފީމެވެ،" ސިޓީގައިވެ އެވެ.

މީގެ 38 އަހަރު ކުރިން އެޓާނީ ޖެނެރަލްގެ އޮފީހުގެ ލީގަލް އޮފިސަރުގެ މަގާމުން ގާނޫނީ ދާއިރާއަށް ނިކުމެވަޑައިގެންނެވި ސުއޫދު ވަނީ 2009 އިން 2010 އަށް ބަންޑާރަ ނައިބުގެ މަގާމު ފުރުއްވާފަ އެވެ. ހިއުމަން ރައިޓްސް ކޮމިޝަނުގެ ފުރަތަމަ މެމްބަރުކަން ކުރެއްވި ސުއޫދު ވަނީ ގާނޫނު އަސާސީ ޑްރާފްޓްކޮށް އެކުލަވާލުމަށް އުފެއްދި ހާއްސަ މަޖިލިހުގެ އައްޑޫ ދާއިރާގެ މެމްބަރުކަން ކުރައްވާފަ އެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން މެމްބަރުކަމާއި ލޯ ކޮމިޝަން އޮފް މޯލްޑިވްސްގެ ޗެއާމަންގެ މަގާމާ އަދި ބާ އެސޯސިއޭޝަންގެ ރައީސްކަން ވެސް އަދާކުރައްވާފައިވެ އެވެ.

ގާނޫނީ ދާއިރާއިން ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސުއޫދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަންކޮށްފައިވަނީ ޑިސެމްބަރު 8، 2019 ގަ އެވެ. އެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ސުއޫދު ހުންނެވީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރަން މިދިޔަ ސަރުކާރުން އުފެއްދި ރިޔާސީ ކޮމިޝަންގެ ޗެއާމަނަކަށެވެ.

ގާނޫނީ ދާއިރާގެ ތަޖުރިބާކާރެއްގެ އިތުރުން ސުއޫދަކީ ލިޔުންތެރިއެއް ވެސް މެ އެވެ. ގާނޫނާ ގުޅޭގޮތުން 13 ވަަރަކަށް ފޮތް އޭނާ ލިޔުއްވާފައިވެ އެވެ. އޭގެ ތެރޭގައި ދިވެހި ގާނޫނީ ރަދީފު، އިސްލާމީ ޝަރީއާގައި ތަރިކަ މުދާ ބެހުން އަދި ރާއްޖޭގެ ބިމާބެހޭ ގާނޫނުގެ ތަރުތީބުގެ ފޮތް ހިމެނެ އެވެ.