ބާޒާރުގައި ކަރާގެ އަގު ބޮޑުވާން ފަށައިފި

ރޯދަ މަހުގެ ފުރަތަމަ ހަތަރު ދުވަހާ އަޅާބަލާއިރު ބާޒާރުގައި ކަރާ ކިލޯއެއްގެ އަގު އުފުލެން ފަށައިފި އެވެ.
އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތައް ބާޒާރުގައި ވިއްކަން ހުރި އަގުތައް ދަށަށް ދިޔައިރު، ކަރާ ވިއްކަމުން އައި އަގު ވަނީ މަތިވެފަ އެވެ.
ރޯދަ މަހުގެ ފުރަތަމަ ދުވަހު ކަރާ ކިލޯއެއް ވިއްކަން ހުރީ 15 އާއި 20 ރުފިޔާ އާ ދެމެދުގެ އަގަކަށެވެ. ދެ ވަނަ ދުވަހު 25 އާއި 30 ރުފިޔާއަށް ހުރިއިރު، މިދިޔަ ދެ ދުވަހު ކަރާ ކިލޯއެއް ވިއްކަމުން އައީ 15 އާއި 25 ރުފިޔާ އާ ދެމެދުގެ އަގަކަށެވެ. ބާޒާރުގައި ކަރާ ތިޔާގި ނަމަވެސް ކިލޯއެއް ވިއްކަމުން އަންނަ އަގު މިއަދު ވަނީ 25 ރުފިޔާއަށް އުފުލިފަ އެވެ.
ކަރާގެ އިތުރުން ބާޒާރުގައި އެންމެ ގިނައިން ފެންނަން ހުރީ ލ. އަތޮޅުންނާއި ތ. ކަނޑޫދޫން ގެނައި މިރުހުގެ ބާވަތްތަކެވެ. މިރުސް ކިލޯއެއްގެ އަގު މިދިޔަ ހަތަރު ދުވަހު 150 އާއި 300 ރުފިޔާ އާ ދެމެދު ހުރިއިރު، މިރުސް ކިލޯއެއްގެ އަގު ވަނީ 20 ރުފިޔާއަށް ތިރިވެފަ އެވެ.
މާރުކޭޓުގައި މިއަދު ތަކެތީގެ އަގުތައް:
- ލުނބޯ: 40 ރުފިޔާއަށް ކިލޯއެއް
- އަނބު: 70 އާއި 90 ރުފިޔާ އާ ދޭތެރޭ ކިލޯއެއް
- ލެޓިއުސް: 80 ރުފިޔާއަށް ކިލޯއެއް
- މެލަން: 50 ރުފިޔާއަށް ކިލޯއެއް
ކަރާގެ އަގު އުފުލެމުންދާއިރު، ބާޒާރަށް އެންމެ ގިނަ އަދަދަކަށް ކަރާ ނެރޭ އއ. ތޮއްޑޫގެ ދަނޑުވެރިން ބުނާ ގޮތުގައި އެ ރަށުގައި ކަރާ ކިލޯއެއް ވިއްކަމުން ދަނީ 15 އާއި 18 ރުފިޔާ އާ ދެމެދުގެ އަގަކަށް ކަމުގަ އެވެ.
ރޯދަ އާ ދިމާކޮށް އެ ރަށުގެ 100 އަށް ވުރެ ގިނަ ދަނޑުގައި ކަރާ ހެއްދިއިރު، އެ ދަނޑުތަކުން 600 ޓަނާ ހަމައަށް ކަރާ ނެރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ދަނޑުވެރިން ބުނެ އެވެ.
ކަރާގެ އަގުތަކަށް ބަދަލު އަންނައިރު، ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ރާއްޖޭން ބޭރުން ވެސް ގިނަ އަދަދަކަށް ކަރާ އެތެރެކުރެ އެވެ.