ޚަބަރު ސިޔާސީ

ސުއޫދު ރައީސަށް ސިޓީ ފޮނުވީ ސިޔާސީ ބޭނުމެއްގައި ކަމަށް ޕީއެންސީން ބުނެފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ޕީއެންސީ އޮފީސް/ ފޮޓޯ: ދެން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވި ހުސްނުއްސުއޫދުގެ އިސްތިއުފާގެ ސިޓީ ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުވުމުގެ ބަދަލުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުވީ އަލުން ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ނުކުތުމުގެ ރޫހުގައި ކަމަށް ވެރިކަންކުރާ މައި ޕާޓީ ޕީޕަލް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިއަދު ބުނެފި އެވެ.

އިސްތުފާދެއްވިކަން ހާމަކޮށް ރައީސް މުއިއްޒަށް ސުއޫދު ފޮނުއްވި ސިޓީގައި ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ކަމަށް އިންތިހާބުވާ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށް ނިންމުމާ ގުޅިގެން ސަރުކާރުން ގާނޫނު އަސާސީ އާ ހިލާފަށް ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.

ގާނޫނު އަސާސީގެ މާއްދާއަކާ ހަވާލާދެއްވާ ސުއޫދު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަންނަވާ ގޮތަށް ނިންމުމަށް "ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކަމުންދާ" ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

ސުއޫދުގެ ތުހުމަތުތައް ދޮގުކޮށް ޕީއެންސީން ނެެރުނު ނޫސްބަޔާނެއްގައި ބުނީ ސުއޫދު އެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިންވެސް ގެންގުޅުއްވީ ސިޔާސީ އެކްޓިވިޒަމްގެ އުސޫލު ކަމަށެވެ.

އަދި އިސްތިއުފާގެ ސިޓީ ޖޭއެސްސީ އަށް ހުށަހެޅުމުގެ ބަދަލުގައި ރައީސް އޮފީހަށް ހުށަހަޅާފައިވަނީ ވެސް ރައީސްގެ މައްޗަށް އެއްވެސް އަސާސެއްނެތް މައްސަލެއް ތުހުމަތު ކުރަން ކަމަށް ބަޔާނުގައި ބުންޏެވެ.

ޕީއެންސީ އިން ބުނީ ސުއޫދާ އަދި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނާމެދުވެސް އަމަލުކުރެވެމުންދަނީ ގާނޫނީ އަސާސީ އާއި ގާނޫނުތަކުގައި އެކަޑައަޅާފައިވާ އޮނިގަނޑުގައި ބަޔާންކުރާ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އަދި ފަނޑިޔާރަކާއި މެދު ޖިނާއީ ތަހުގީގެއް ފެށުމުން ވަގުތީ ގޮތުން ފަނޑިޔާރު މަސައްކަތުން އެކަހެރި ކުރުމަކީ ގާނޫނު ބަޔާން ކުރާގޮތްކަމަށްވެސް ވެރިކަންކުރާ ޕީއެންސީން ބުންޏެވެ.

ވަކި ކޯޓެއްގެ ފަނޑިޔާރަކަށް ވީތީ ނުވަތަ ވަކި މައްސަލައެއް ކޯޓެއްގައި ފައިލްކުރަމުންދާތީ، ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުން އެއީ ހުއްޓެން ޖެހޭ ކަމެއް ނޫން ކަމަށް އެ ޕާޓީން ބުންޏެވެ.

ޕީއެންސީ އިން ބުނީ ތިން ބާރުގެ ތެރެއިން ޝަރުއީ ބާރަކީ ސިޔާސީ ކަންކަމާއި ދުރުން ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީ އަދުލު އިންސާފު ގާއިމުކޮށްދިނުމުގެ މަތިވެރި ޒިންމާ ހަވާލުވެފައިވާ ބާރުކަމަށްވާއިރު އެ ބާރަށް އޮންނަ އިތުބާރުގެ އެއް އަސާސަކީ ސިޔާސީ ކަންކަމުގެ ތެރެއަށް ޝަރުއީ ބާރުން ނުވަނުން ކަމަށެވެ.

ޕީއެންސީން ބުނީ ރައީސް ވަނީ މިނިވަން މުއައްސަސާތަކަށް މުސްތަގިއްލުކަމާއެކު އެ މުއައްސަސާތަކާ މަތިކުރެވިފައިވާ ދުސްތޫއީ އަދި ގާނޫނީ ޒިންމާ އަދާކުރުމުގެ ފުރުސަތު ދެއްވާފައި ކަމަށެވެ. އަދި އެ އިދާރާތަކުން ޒިންމާއެއް އަދާކުރުމަކީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނޫންކަމަށް ވެސް ޕީއެންސީއިން ފާހަގަކޮށްފައިވެ އެވެ.