ފައިދާ ހާސިލުކުރެވޭނީ އަންގަވާފައިވާ ގޮތަށް ރޯދަ ހިފައިގެން: ހުތުބާ

ރޯދަ ފަރުޟުކުރެއްވުނު ހިކުމަތާއި އޭގެ ފައިދާ ހާސިލުކުރެވޭނީ މާތް ﷲ އެންގެވި ގޮތަށް ރޯދަ ހިފައިގެން ކަމަށާއި ރޯދަ ހިފުމުގައި ކީރިތި ރަސޫލާގެ ސުންނަތަށް ތަބައަވެގެން ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
ރޯދައިގެ ހިކުމަތުގެ މައްޗަށް އަލިއަޅުވާލައި ހުތުބާގައި ބުނީ ﷲ އެކަލާނގެ ޒާތުފުޅަށް ނިސްބަތް ކުރައްވާފައިވާ ސިފަފުޅުތަކުގެ ތެރެއިން އެއް ސިފަފުޅަކީ، ހިކުމަތްވަންތަކަން ކަމަށެވެ. އެންމެހާ ހުކުމްތަކެއް ވަނީ އެކަލާނގެއަށް ކަމަށެވެ. އެކަލާނގެ އެންމެހާ ހުކުމްފުޅުތަކެއް ކަނޑައަޅުއްވާފައި ވަނީ މަތިވެރިވެގެންވާ ހިކުމަތާ އެކު ނުހަނު ފުރިހަމަ ގޮތުގައި ކަމަށެވެ.
މާތް ﷲ ޝަރުއުކުރައްވާފައިވާ ބައެއް އަޅުކަންތަކުގެ ހިކުމަތް ސަރީހަކޮށް ބަޔާންކުރައްވާފައިވާއިރު، އަނެއް ބައި އަޅުކަންތަކުގެ ހިކުމަތް ބަޔާންނުކުރައްވައި ދޫކޮށްލައްވާފައިވާ ކަމަށެވެ. ނަމަވެސް ﷲ އެއްވެސް އަޅުކަމެއް ބޮޑުވެގެންވާ ހިކުމަތަކަށް މެނުވީ ޝަރުއުކުރައްވާފައި ނުވާ ކަމަށެވެ. އެކަލާނގެ ރޯދަ ފަރުޟުކުރެއްވި ހިކުމަތް ސަރީހަކޮށް ބަޔާން ކުރައްވާފައިވާ ކަމަށެވެ.
އެކަލާނގެ ވަހީކުރެއްވި ބަސްފުޅެއްގެ މާނަގައިވެ އެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟުކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށް ވެސް ރޯދަ ފަރުޟު ކުރައްވައިފި އެވެ. (އެއީ) ތިޔަބައިމީހުން ތަޤުވާވެރިވުމަށް ޓަކަ އެވެ."
ރޯދަ ފަރުޟުކުރައްވާފައި ވަނީ ތަޤުވާވެރިވެރިކަން ހާސިލުކުރުމަށް ކަން، އެ އާޔަތުން ވަރަށް ސަރީހަކޮށް އެނގޭ ކަމުގައި ހުތުބާގައި ބުންޏެވެ. ރޯދައަކީ ﷲ ގެ އަމުރުފުޅުތައް ގާއިމުކޮށް، އެކަލާނގެއަށް ކިޔަމަންތެރިވުމާއި އެކަލާނގެ ނަހީކުރެއްވި ކަންތައްތަކާ ދުރުހެލިވުމަށް އެންމެ ބޮޑަށް އެހީވެދޭ އެއް އަޅުކަން ކަމަށެވެ.
ހުކުރު ހުތުބާގައި ބުނި ގޮތުގައި ރޯދައިގެ ހިކުމަތްތަކުގެ ތެރޭގައި އެތައް ކަމެއް އިލްމުވެރީން ބަޔާންކުރައްވާފައިވާ ކަމުގަ އެވެ. އެ ހުރިހާ ކަންކަމަކީ ވެސް، ތަޤުވާވެރިކަން ހާސިލުކޮށްދޭ ކަންކަން ކަމުގަ އެވެ.
އޭގެ ތެރޭގައި ﷲ ދެއްވި ނިއުމަތްތަކަށް ޝުކުރުވެރިވާން ދަސްކޮށްދިނުމާއި ކެއިންބުއިމާއި އެންމެހާ ޝަހުވާނީ އެދުންތަކުން ނަފުސު ހިފަހައްޓާ ކަމުގަ އެވެ. މާތް ﷲ ހުއްދަކުރައްވާފައިވާ ބައެއް ނިއުމަތްތަކާ ކުޑަ ވަގުތުކޮޅަކަށް ވިޔަސް ދުރުހެލިވުމުން، އެ ނިއުމަތްތަކުގެ އަގު ވަޒަންކުރަން ދަސްވާ ކަމުގަ އެވެ. ނަތީޖާއެއްގެ ގޮތުން ރޯދަވެރިޔާގެ ކިބައިގައި، އަވަށްޓެރީންނަށް ކަމޭހިތުމާއި ނިކަމެތީންނަށް ހެޔޮފޯރުވުމާއި ފަގީރުންގެ ހާލު ބަލައި އުޅުމުގެ މަތިވެރި އާދަ އަށަގަންނަ ކަމުގަ އެވެ.
ރޯދައިގެ ހިކުމަތްތަކުގެ ތެރޭގައި ހަރާމް ކަންތައްތަކާ ރޯދަވެރިޔާ ދުރުހެލިކުރުވުން ހިމެނޭ ކަމަށް ހުތުބާގައި ބުންޏެވެ. މާތް ﷲ ގެ ރުހިވޮޑިގަތުން ހޯދުމަށާއި އެކަލާނގެ އަޒާބުން މިންޖުވުމަށް ހަލާލު ކާބޯތަކެއްޗާއި ހަލާލު ކުރައްވާފައިވާ އަނބިފިރިކަމުގެ ގުޅުމާ އެކަހެރިވެ ހުންނަ ހުރުމުން ﷲ ހަރާމްކުރައްވާފައިވާ ކަންކަމުން ދުރުހެލިވެ އުޅުމަށް ވަރުގަދަ ތަމްރީނެއް ލިބޭ ކަމަށެވެ.
ރޯދައަކީ އިންސާނާގެ ނަފުސު ހެޔޮ ކަންކަމަށް ހާނުވައިދޭ ތަރުބަވީ އަޅުކަމެއް ކަމަށެވެ. ރޯދައިގެ ހިކުމަތްތަކުގެ ތެރޭގައި ނަފުސު އެދޭ އެދުންތަކުގެ މައްޗަށް ގަދަވެގަތުމުގެ ބާރު ލިބުން ހިމެނޭ ކަމަށެވެ. ރޯދަ ހިފުމަކީ ހަވާ ނަފުސުގެ އެދުންތަކާ ދުރުހެލިވުމަށާ އަދި ކެތްތެރިވުމަށް މަގުފަހިކޮށްދޭ އަޅުކަމެއް ކަމަށެވެ.
ރޯދައިގެ އިތުރު ހިކުމަތްތަކުގެ ތެރޭގައި ރޯދަވެރިޔާގެ ކިބައިގައި ރަހުމާއި ކުލުނު އުފެދުން ހިމެނޭ ކަމަށެވެ. ރޯދައަށް ހުންނަ ހިނދު އިހްސާސްވާ ކަރުހިއްކުމާއި ބަނޑުހައިހޫނުކަމުގެ ސަބަބުން މުޅި އަހަރު ހައިހޫނުކަމުގައި އުޅޭ ނިކަމެތި ފަގީރުންނާ އަދި މިސްކީނުންގެ އިގްސާސްތައް ދެނެގަނެވޭނެ ކަމަށެވެ. އަދި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން އޭނާގެ ނަފުސު އެދި ގޮވާނެ ކަމަށެވެ. އެ ރިވެތި އަހްލާގީ ސިފަތަކުގެ ސަބަބުން ރޯދަވެރިޔާގެ ނަފުސު ތާހިރުކޮށް ޒީނަތްތެރިކޮށްދޭ ކަމަށެވެ. ހަމަ އެގޮތަށް ދޮގުހެދުމާއި ޒުވާބުކުރުމާއި ހަޑިހުތުރު ބަސްތަކުން މީހުންނާ މުހާތަބުކުރުމާ އޭނާ އެއްކިބާކުރުވާ ކަމަށެވެ.
ހުތުބާގައި ބުނި ގޮތުގައި މިއަދު މާބޮޑު ކަމެއްގެ ގޮތުގައި ނުދެކި އަރައިގަނެވޭ އެންމެ ބޮޑު އެއް ފާފައަކީ ދެބައޮޑުވުމާއި ޣީބަބުނުމާއި ދޮގު ވާހަކަތަކާއި ހަޑިހުތުރު ބަސްތަކުން މީހުންގެ އަބުރަށް އަރައިގަނެ އުނދަގޫ ކުރުން ކަމުގަ އެވެ. ހާއްސަކޮށް މީސްމީޑިޔާގެ މަންސަތަކުގައި މިއަދު އެ ކަންކަން ކުރަނީ ފާޅުކަން ބޮޑު ގޮތެއްގައި އެއްވެސް ޖެހިލުމެއްނެތި ކަމުގަ އެވެ. އެއީ މާތް ﷲ ހަރާމްކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމުގަ އެވެ.
ރޯދައިގެ ހިކުމަތްތަކުގެ ތެރޭގައި ހިމެނޭ އަނެއް ކަމަކީ ޝައިތާނާ ނިކަމެތިކޮށް ބަލިކަށިކޮށްލުން ކަމުގަ އެވެ. ނަތީޖާއެއްގެ ގޮތުން ޝައިތާނާގެ ވަސްވާސްތަކާ މީހާ ދުރުކޮށްދޭ ކަމަށެވެ. ހެޔޮ އަމަލުތަކުގައި މީހާ މަޝްޣޫލުކުރުވައި ނުބައި އަމަލުތަކާ ދުރުހެލިކުރުވާ ކަމުގަ އެވެ.
ރޯދައިގެ ހިކުމަތްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ ސިއްރާއި ފާޅުގައި ކުރާ އަމަލުތައް މާތް ﷲ ބައްލަވައިވޮޑިގެންވާކަން ދަނެ، ނަފުސު ތަހުޒީބުކުރުން ކަމަށެވެ. ރޯދައަކީ ރޯދަވެރިޔާ އާއި އޭނާގެ ވެރި ރަސްކަލާނގެ އާ ދެމެދުގައިވާ ސިއްރަކަށްވާއިރު، ރޯދަވެރިޔާ ރޯދަ ގެއްލޭ ކަންތައްތަކުން ދުރުހެލިވެ ހުންނަނީ ﷲ ގެ ރުހިވޮޑިގަތުން ލިބިގަތުމަށް ކަމަށެވެ. ރޯދައަށް ހުރެ ސިއްރިޔާތުގައި ކައިބޮއި އުޅުނަސް، މީހަކަށް އެ ކަމެއް ނޭނގޭނެ ކަމަށެވެ. ރޯދަވެރިޔާއަށް އޭގެ މިންވަރު ނޭނގޭ ގިނަގުނަ ދަރުމަ ދެއްވުމަށް ﷲ ވައުދުވެވޮޑިގެންފައި ވަނީ މި އަޅުކަމުގައި ހުރި އިހްލާސްތެރިކަމުގެ ބޮޑުކަމުން ކަމަށް ވެސް ހުތުބާގައި ބުންޏެވެ.
ރޯދަ ފަރުޟުކުރެއްވުނު ހިކުމަތާއި އޭގެ ފައިދާ ހާސިލުކުރެވޭނީ މާތް ﷲ އެންގެވި ގޮތަށް ރޯދަ ހިފައިގެން ކަމަށާއި ރޯދަ ހިފުމުގައި ކީރިތި ރަސޫލާގެ ސުންނަތަށް ތަބައަވެގެން ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ.
