ޚަބަރު

އަޒްމިރާލްދާ ޖޭއެސްސީއަށް ހާޒިރުކުުރުން ހޯމަ އަށް ފަސްކޮށްފި

އަލީ ސަމާޙް ، ދެން އޮންލައިން
ޖުޑިޝަރީ ކޮންފަރެންސެއްގައި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އަށް މާދަމާ ހާޒިރުކުރަން އޮތް އޮތުން ހޯމަ ދުވަހަށް ބަދަލުކޮށްފި އެވެ.

Ads by MPL

ޖޭއެސްސީ އަށް އަޒްމިރާލްދާ ހާޒިރުކުރަނީ މަސާޖު ޕާލާއަކުން ހައްޔަރުކުރި އޭނާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުގެ މައްސަލަ އަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގަ އެވެ.

ކުރިން އަޒްމިރާލްދާ، ޖޭއެސްސީއަށް ހާޒިރުވާން މާދަމާ 11 ޖަހާއިރަށް އޮތަސް މިހާރު ހޯމަ ދުވަހަށް ބަދަލުކޮށްފައިވާ ކަމަށް އޭނާގެ ވަކީލު އިބްރާހިމް ޝަމީލް ވަނީ "ދެން" އަށް ޔަގީންކޮށްދީފަ އެވެ.

ޝަމީލު ވިދާޅުވީ ޖޭއެސްސީން އެކަން ފޯނުން އަންގާފައިވާ ކަމަށާއި އެކަމަކު ވަކި ގަޑިއެއް ނުބުނާ ކަމަށެވެ.

ލަތީފްގެ ބަންދުގެ މައްސަލާގައި މާދަމާ މެންދުރު 1 ޖަހާއިރަށް ޖޭއެސްސީއަށް ހާޒިރުވާން ފަނޑިޔާރު މަހާޒު އަލީ އަށްވެސް ވަނީ އަންގާފަ އެވެ. މަހާޒު ހާޒިރުކުރާ ގަޑި އަދި މިހާތަނަށް ބަދަލެއް އައިސްފައިނުވާ ކަމަށް އޭނާގެ ފަރާތުން "ދެން" އާ ވާހަކަ ދެއްކި މީހަކު ވަނީ މައުލޫމާތު ދީފަ އެވެ.

މި ދެ ފަނޑިޔާރުންގެ އިތުރު މައްސަލައެއްވެސް ޖޭއެސްސީގައި އެބައޮތެވެ. އެއީ ހައި ކޯޓުގެ އެސިސެންޓް ރެޖިސްޓްރާ ހުސެން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ހުސްނުއްސުއޫދު ހުތުރު ބަހުން މުއާމަލާތްކުރެއްވި ތަނެއްގައި އަޒްމިރާލްދާ އާއި މަހާޒު ވެސް އިންނެވި މައްސަލަ އެވެ.

ފަނޑިޔާރުކަމުގެ މަގާމުން ސަސްޕެންޑްކޮށްފައި ވަނިކޮށް ސުއޫދު ވަނީ މިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވާފަ އެވެ. އިސްތިއުފާ ދެއްވަން ޖޭއެސްސީ އަށް ފޮނުއްވި ސިޓީގައި ސުއޫދު ވަނީ ސަރުކާރާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!