ޚަބަރު

ކްރިމިނަލް ކޯޓުގެ ގާޒީން އޭސީސީއަށް ހާޒިރުކުރަން ފަަށައިފި

އަލީ ސަމާޙް ، ދެން އޮންލައިން
އޭސީސީގެ ރައީސް ޝާމިލް/ ފޮޓޯ: އޭސީސީ

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ކްރިިމިނަލް ކޯޓުގެ ގާޒީންތަކަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް، ކްރިމިނަލް ކޯޓުގެ ދެ ގާޒީއަކު ހާޒިރުވާން އަންގާފައިވާކަން އެނގިއްޖެ އެވެ.

ކްރިިމިނަލް ކޯޓުގެ އޮފިޝަލަކު "ދެން" އަށް މިއަދު ވިދާޅުވީ އޭސީސީ އަށް ހާޒިރުވާން އަންގާފައިވަނީ ގާޒީ އިބްރާހިމް ޒިހުނީ އާއި ގާޒީ ސަފްއަތު ހަބީބް އަށް ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ރޭގެ ވަގުތެއްގައި ޒިހުނީ އޭސީސީއަށް ހާޒިރުކޮށް ބަޔާން ނަގާފައިވާ ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި އޭސީސީއަށް ހާޒިރުވާން ގާޒީ ސަފްއަތު އަށް އަންގާފައިވާ ކަމަށެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް ވަނީ ކްރިިމިނަލް ކޯޓުގެ ގާޒީންގެ ބަޔާންތަކެއް ނަގަމުންދާކަން "ދެން" އަށް ޔަގީންކޮށްދީފަ އެވެ. އިތުރު ތަފްސީލެއް ހިއްސާއެއް ނުކުރެ އެވެ.

މަސާޖު ޕާލާއަކުން ހައްޔަރުކުރި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރުކުރި މައްސަލާގައި އޭނާ ދޫކުރަން އަޒްމިރާލްދާ ގާޒީ ސަފްއަތު އަށް ފޯނުން ގުޅައި ނުފޫޒު ފޯރުވިކަމަށްވެ އެވެ. ލަތީފްގެ ބަންދުގެ މައްސަލާގައި ފަނޑިޔާރު މަހާޒު އަލީވެސް ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވިކަމަށް ތުހުމަތު ކުރެވެ އެވެ.

އެ މައްސަލަ ހިމެނޭހެން ޖޭއެސްސީން ދަނީ އަޒްމިރަލްދާއާ މަހާޒުގެ ސުލޫކީ މައްސަލަތަކެއް ބަަލަމުންނެވެ. މައްސަލާގައި މިއަދު މެންދުރު 1 ޖަހާއިރަށް ޖޭއެސްސީއަށް ހާޒިރުވާން ފަނޑިޔާރު މަހާޒު އަށް އަންގާފައިވާއިރު، އަޒްމިރަލްދާ ޖޭއެއްސީއަށް ހާޒިރުވާން ޖެހޭނީ މާދަމާ އެވެ.

Ads by Allied Insurance