ދައުލަތުގެ ހަރަދުގައި މި އަހަރު ހައްޖަށް ފޮނުވާ 50 މީހުން ހޮވައިފި

މި ދައުރުގެ ތެރޭގައި ސަރުކާރުގެ ހަރަދުގައި 1،000 ފަގީރުން ހިލޭ ހައްޖަށް ފޮނުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން މި އަހަރު ހައްޖަށް ފޮނުވުމަށް ހަމަޖެހިފައިވާ 50 މީހުން ކަނޑައެޅުމަށް ގުރުއަތުލުން މިއަދު ބާއްވައިފި އެވެ.
ރިޔާސީ ފުރަތަމަ ދައުރުގައި 1،000 ފަގީރުން ހައްޖަށް ފޮނުއްވާނެކަން ރައީސް އިއުލާނުކުރެއްވީ 2023 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 18 ވަނަ ދުވަހުގެ ރޭ، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕޭނުގައި، މ. މުލަކު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
އެ ވައުދުފުޅާ އެއްގޮތަށް މިދިޔަ އަހަރުގެ ހައްޖު މޫސުމުގައި ދައުލަތުގެ ހަރަދުގައި 50 ފަގީރުން ވަނީ ހައްޖަށް ފޮނުވާފަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ފަގީރުންގެ ދަފުތަރުގެ ތެރެއިން ހިލޭ ހައްޖަށް މީހުން ފޮނުވުމާ ގުޅޭ އުސޫލުގެ ދަށުން ޝަރުތު ހަމަވާ 302 މީހުންގެ މެދުގައި ނެގުނު ގުރުއަތުން ހައްޖަށް ފޮނުވާނެ 50 މީހުން ހޮވާފައިވާ ކަމަށެވެ.
އޭގެ އިތުރުން އެއްވެސް ސަބަބަކާ ހުރެ ހައްޖު ދަތުރުގައި ބައިވެރިނުވެވޭ ހާލަތެއް ގުރުއަތުން ހޮވޭ ފަރާތަކަށް މެދުވެރިވެއްޖެ ނަމަ، އެ މީހުންގެ ބަދަލުގައި ފޮނުވާނެ 10 މީހުން ވެސް ވަނީ ގުރުއަތުން ހޮވާފަ އެވެ.
ދައުލަތުގެ ހަރަދުގައި ހައްޖަށް ދާނެ މީހުން ކަނޑައެޅުމަށް ގުރުއަތު ނަގާފައި ވަނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ފަގީރުންގެ ދަފުތަރަށް ބަލައިގެންނެވެ. މި ދަފުތަރަކީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޒަކާތު ހައުސްއިން ރިވިއުކޮށްފައިވާ ދަފުތަރެކެވެ.