ޚަބަރު

އެގްރޯ ނެޓްގެ މަސައްކަތް އަލުން ފަށަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އެގްރޯ ނެޓުގެ މަސައްކަތް އަލުން ފެށުމަށް މަޝްވަރާކުރުން--

އެގްރިކަލްޗާ މިނިސްޓްރީން ވިލަރެސްކޮށް، ޓާގެޓްތައް ކަނޑައަޅާ ގޮތަށް އެގްރޯ ނެޓްގެ މަސައްކަތްތައް އަލުން ފަށަން ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.

Ads by STELCO

ދަނޑުވެރިންގެ އަތުން ކާބޯތަކެތި ގަނެ، އަގު އެއްކޮށްގެން މާކެޓުކުރަން މިދިޔަ ސަރުކާރުގައި އުފެއްދި ކުންފުނި އެގްރޯ ނެޓް އުވާލުމަށްފަހު، އެ ކުންފުނީގެ އެންމެހައި މަސައްކަތްތައް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑާ ހަވާލުކުރުމަށް މި ސަރުކާރުން ކުރިން އޮތީ ނިންމައިފަ އެވެ.

އެހެން ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ފަހުން ވަނީ ކެބިނެޓުގައި މަޝްވަރާކުރެއްވުމަށް ފަހު އެގްރޯނެޓް އަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑުގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ނިންމަވައިފަ އެވެ.

ނަމަވެސް އެއީ އެގްރިކަލްޗާ މިނިސްޓްރީން ވިލަރެސްކޮށް ޓާގެޓްތައް ކަނޑައަޅާ ގޮތަށެވެ.

އެގްރިކަލްޗާ މިނިސްޓްރީން ވެސް މިއަދު ބުނީ އެގްރޯ ނެޓްގެ މަސައްކަތްތައް އަލުން ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެއެވެ.

އެ މިނިސްޓްރީން ބުނީ ވިލަރެސްކޮށްގެން އެގްރޯނެޓްގެ މަސައްކަތް ކުރިއަށް ގެންދަން ނިންމީ ދަނޑުވެރިކަމުގެ ސިނާއަތުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ދަނޑުވެރިން ހައްދާތަކެތި ވިއްކޭނެ އިތުރު މަގުތައް ފަހިކޮށް، ދަނޑުވެރިކަމުން އިތުރު އާމްދަނީ ހޯދޭނެ ގޮތްތައް ފަހިކުރުމުގެ ގޮތުން ކަމަށެވެ.

އެގްރޯ ނެޓް އޮފެއްދީ 2020 ވަނަ އަހަރު އެވެ. އަދި އެ ކުންފުނީގެ މަސައްކަތްތައް މިދިޔަ އަހަރު ޑިސެމްބަރު މަހު އޮތީ ހުއްޓާލައިފަ އެވެ.

Ads by Ooredoo