މާލެ ސިޓީ ކައުންސިލުން އިތުރު ދެ ޕަމްޕު ގެންނަނީ

ބޯކޮށް ވަރޭވެހޭ ދުވަސްވަރު މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް، އިތުރު ގްލޯބަލް ދެ ޕަމްޕު ގެނައުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.
ކައުންސިލުން، އިތުރު 2 ޕަމްޕު ގެންނަން ނިންމީ މިއަދު ކުރިއަށް ދިޔަ ކައުންސިލްގެ ޖަލްސާގަ އެވެ.
މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، އަލަށް ގެނައުމަށް ނިންމާފައިވާ ޕަމްޕުތައް ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ، ހެންވޭރު ކޮޅުގައި ކަމަށެވެ. ހިތް ފަސޭހަ ސިޓީއެއްގެ ގޮތުގައި މާލެ ބޭވުމަކީ، ކައުންސިލުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ އެއް މަސައްކަތް ކަމަށް ވެސް، މޭޔަރު ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ، ކައުންސިލުން އެންމެ ފުރަތަމަ ގެނައި ދެ ޕަމްޕު މިހާރު ވަނީ އޮޕަރޭޓްކޮށް މެއިންޓެއިންސްގެ ކަންކަން ބެލެހެޓުމަށް، އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އާ ހަވާލުކޮށްފައި ކަމަށާއި އެ ދެ ޕަމްޕު ބޮޑަށް ބޭނުން ކުރަމުން އަންނަނީ، މާލޭގައި އެންމެ ބޮޑަށް ފެން ބޮޑުވާ، މާފަންނު ކޮޅުގައި ކަމަށް އާޒިމް ވިދާޅުވި އެވެ.
މާލޭގައި ފެން ބޮޑުމުގެ މައްސަލަ ކުރިމަތިވަމުން އަންނަތާ 20، 30 އަހަރު ވެއްޖެ. މި ކަންހައްލު ނުވެ، މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ، އެތަކެއް ރައްޔިތުންނަށް މިކަމުގެ ސަބަބުން ގެއްލުން ލިބޭ
އެންމެ ފުރަތަމަ ސިޓީ ކައުންސިލުން ގެނައި ދެ ޕަމްޕަކީ ވެސް، ކައުންސިލްގެ ޓެކްނިކަލް ޓީމަކުން ހާއްސަ ދިރާސާތަކެއް ހެދުމަށް ފަހު، ގެނައި ޕަމްޕު ތަކެކެވެ. މިހާރު މާލޭގައި ފެން ހިންދުމަށް ބޭނުންކުރާ ޕަމްޕުތަކަށް ވުރެ 10 ގުނަ ބާރު މިނުގައި، މިއިން ކޮންމެ ޕަންޕަކުން ވެސް ފެން ހިންދަ އެވެ.
ކައުންސިލުން ފެންހިންދުމަށް މި އަހަރުގެ ކުރީ ކޮޅު ރާއްޖެ ގެނައި 2 ޕަންޕަކީ، ފެން ގަނގު ތެރޭގައި ހުންނަ، ތިން އިންޗި ފުޅާމިނުގެ ސޮލިޑް، ހޮޅިތެރެއިން ބޭރު ކޮށްލެވޭ ޕަމްޕެއް ކަމަށާއި، މި ޕަމްފުން މިނެޓަކު 11356.24 ލީޓަރުގެ ފެން ބޭރު ކޮށްލެވޭނެ ކަމަށް ވެސް، އާޒިމް ވިދާޅުވި އެވެ. އަދި މީގެ ކުރިން މާލޭގައި ފެންހިންދުމަށް ބޭނުން ކުރަމުން އައީ މިނެޓަކު 1300 ލީޓަރާއި 900 ލީޓަރުގެ ފެން ބޭރުކުރާ ޕަމްޕުތައް ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.
މާލޭގައި މީގެ ކުރިން ފެން ހިންދަމުން އައީ ދޯނިފަހަރުގައި، ދިޔަހިއްކުމަށް ބޭނުންކުރާ ކަހަލަ ޕަމްޕު ތަކުންނެވެ.
