ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ އަލުން ހުޅުވާލައިފި އެވެ.
ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހޯމަ ދުވަހު ދިން ދެ ދުވަހުގެ މުއްދަތު މިއަދުގެ 11:00 އަށް ވަނީ ހަމަވެފަ އެވެ. އެ ކޮމިޝަނުން މިރޭ ބުނީ އެ މުއްދަތު މި މަހުގެ 15 ވަނަ ދުވަހާ ހަމަޔަށް އިތުރުކޮށްފައިވާ ކަމަށެވެ.
މުއްދަތު އިތުރުކުރީ ސުންގަޑި ހަމަވިއިރު އެކަށީގެންވާ ވަރަށް އެޕްލިކޭޝަން ލިބިފައިނުވާތީ ކަމަށް ޖޭއެސްސީން ބުންޏެވެ.
އެނގިފައިވާ ގޮތުން ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރަން ނިންމީ މިރޭ 10 ޖެހިހާއިރު ޖޭއެސްސީން ބޭއްވި ކުއްލި ބައްދަލުވުމެއްގަ އެވެ.
ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލް މަރިޔަމް ނިހާޔަތު ފިޔަވާ އެހެން ބޭފުޅަކު ކުރިމަތިނުލައްވަ އެވެ.
ފަނޑިޔާރު ކަމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި:
- 30 އަހަރުވެފައި ވުން
- އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުން
- ފަނޑިޔާރު/ގާނޫނީ ވަކީލު ކަމުގައި މަދުވެގެން ހަތް އަހަރުގެ ތަޖުރިބާ ހުރުން
- ސިޔާސީ ޕާޓީއެެއްގަ އާއި ސިޔާސީ މަގާމެއްގައި ހުރި މީހަކަށް ނުވުން
- ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައި ނުވުން
ފަނޑިޔާރުކަމުގެ އެޕްލިކޭޝަން ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް ޖޭއެސްސީން ވަނީ އެދިފަ އެވެ.
ސުޕްރީމް ކޯޓުގެ ބެންޗު 7 ފަނޑިޔާރުންގެ މައްޗަށް އެކުލެވިގެންވާއިރު، ފަނޑިޔާރެއްގެ މަގާމު ހުސްވީ ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުންނެވެ. ޖޭއެސްސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި މަހާޒު އަލީ ތިއްބެވީ ސަސްޕެންޝަނުގަ އެވެ.
އެ ކޯޓުގައި ބާކީ ތިއްބެވި ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން، ޑރ. މުހައްމަދު އިބްރާހިމް، އަލީ ރަޝީދު ހުސައިންގެ އިތުރުން އާއިޝާ ޝުޖޫން މުހައްމަދެވެ.