ޕީސީބީގެ ރައީސަކަށް ފިނޭންސުގެ ނައިބަަކަށް ހުރި އަނަސް

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) ގެ ރައީސްކަމުގެ މަގާމަށް މި ސަރުކާރުގައި ފިނޭންސް މިނިސްޓްރީގެ ނައިބަކަށް ހުރި މުހައްމަދު އަނަސް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން މިއަދު އެ މަގާމަށް އަނަސް އައްޔަންކޮށްފައިވާ ކަމަށެވެ.
ރާއްޖޭގެ ގައުމީ ޔުނިވސިޓީން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ އަނަސް މީގެ ކުރިން އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އޮޑިޓް މެނޭޖަރުކަމާއި މޯލްޑިވްސް ބިޒްނަސް ސްކޫލުގެ އެސޯސިއޭޓް ޕްރޮފެސާކަމުގެ މަގާމު ވެސް ހިމެނެ އެވެ.
ޕީސީބީގެ ރައީސަކަށް އައްޔަންކޮށްފައިވާއިރު، އެ މަގާމުގައި ކުރިން ހުންނެވި ހަމްދީ އަގީލް 13 ފެބްރުއަރީ، 2025 ވަނީ މަގާމުން ވަކިކޮށްފަ އެވެ.
