ސްކޮލާޝިޕް ދަރިވަރުންނަށް ސްޓައިޕެންޑް ފޯރުކޮށްދިނުން އަވަސްކުރުމަށް ޕޯޓަލެއް

ސަރުކާރު ސްކޮލާޝިޕް އަދި ލޯނު އެހީގައި ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދޭން ޖެހޭ ސްޓައިޕެންޑް ލިބުން އަވަސްކުރުމަށް ހަޔާ އެޑިއުކޭޝަން މެނޭޖްމަންޓް ސިސްޓަމްސް (ހެމްސް) ނަމުގައި ޕޯޓަލްއެއް ތައްޔާރު ކުރަމުންދާ ކަމަށް ހަޔާ އެޑިއުކޭޝަން، ލޭބަ އެންްޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އެހެން ވިދާޅުވީ ދޭތެރެއިން ރާއްޖެއިން ބޭރުގައި ކިޔަވާ ސަރުކާރުން ސްޕޮންސަކުރި ދަރިވަރުންނަށް ސްޓައިޕެންޑް ލިބުމުގައި ލަސްތަކެއް ދިމާވާ މައްސަލަ އާ ބެހޭގޮތުން "ދެން" ގެ އެކްސްލޫސިވްގައި ވާހަކަ ދައްކަވަމުންނެވެ.
"އަޅުގަނޑުމެންނަށް މިހާރު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަނގަޅު ނިޒާމެއް އަދި އުފެދިފައި ނެތީމާ. ރަނގަޅު ޕޯޓަލްއެއް އަޅުގަނޑުމެން ހަޔާ އެޑިކޭޝަން މެނޭޖްމަންޓް ސިސްޓަމްސް ހެމްސް ކިޔާފައި އެބަ ތައްޔާރު ކުރަން. ތައްޔާރުކޮށް ނިމުނީމާ އަޅުގަނޑުމެންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ،" ހައިދަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ސްކޮލާޝިޕް އަދި ލޯނުގެ އެހީގައި ކިޔަވާ ދަރިވަރުންގެ ސްޓައިޕެންޑް ފޮނުވަން ޖެހެނީ މެނުއަލްކޮށް ކަމަށާއި ލަސްތަކެއް ދިމާވަނީ އެ ސަބަބާ ހުރެ ކަމަށެވެ.
"މިހާރު މި ވާގޮތަކީ ތަންކޮޅެއް މެނުއަލްކޮށް ވީމަ، ވަރަށް ގިނަ ވަގުތު ނަގައިގެން ކުރަން ޖެހޭ މަސައްކަތްތަކެއްގެ ގޮތަށް ވާތީ ޑިލޭތަކެއް އަންނަނީ. އެހެންނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި ގިނަ ދުވަސްތަކެއް ނުވެ އަޅުގަނޑުމެންނަށް އެ އާ ނިޒާމު [ޕޯޓަލް] ތައާރަފު ކުރެވުނީމަ ވަރަށް ބޮޑަށް އަވަސްވެގެންދާނެ ދިމާވާ ދަތިތަކަށް ހައްލު ހޯދުމުގައި،" ހައިދަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މިކަމަކީ ފައިސާ ހިމެނޭ މުއާމަލާތްތަކެއް ކަމަށް ވާތީ މަސައްކަތް ކުރަން ޖެހެނީ ފިނޭންސް މިނިސްޓްރީ އާ ވެސް ގުޅިގެން ކަމަށެވެ. އެހެންކަމުން ބައެއް ފަހަރު ޑިލޭތައް އަންނަ ކަމަށެވެ. ނަމަވެސް ދަރިވަރުން ވެސް ދުރާލާ މައްސަލަ ހުށަހަޅައިފި ނަމަ، މައްސަލަތައް އަވަހަށް ހައްލުވާނެ ކަމުގައި ފާހަގަކުރެއްވި އެވެ.
"އަޅުގަނޑަށް ކަންތައްތައް ހަމަޖެއްސުމުގައި ވަގުތުން ހަމަޖައްސަން ނުކުރެވޭ ކަންތައްތައް ހުންނާނެ. އެހެންވީމާ ވަގުތުކޮޅެއް ނަގައިގެން ކުރަން ޖެހޭ ކަންތައްތަކުގައި އަޅުގަނޑުމެންނަށް ވަގުތު ލިބޭ ގޮތަކަށް ކަންތައްތައް ކުރެއްވިއްޔާ އަޅުގަނޑުމެންނަށް ފަސޭހަވާނެކަން އަޅުގަނޑު ދަންނަވާލަން. އެހެންވީމާ އެކަމާ ސަމާލު ވެލެއްވުމަށް ހުރިހާ ދަރިވަރުންނަށް އަޅުގަނޑު އިލްތިމާސް ކުރަން." ހައިދަރު ވިދާޅުވި އެވެ.
ބޭރުގައި ކިޔަވަން ތިބި ދަރިވަރުންގެ މައުލޫމާތު ފުރިހަމަކޮށްފައި އެޕްލިކޭޝަން ހުށަހެޅުމުން ދެ ހަފުތާގެ ތެރޭގައި ސަރުކާރުން ފައިސާ ދޫކުރާނެ ކަމަށް މީގެކުރިން މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
