ޚަބަރު ވިޔަފާރި

64 މިލިއަން ޑޮލަރުގެ ލޯނެއް ހޯދައި މިފްކޯއިން ބޮޑު ޕްރޮޖެކްޓެއް ފަށަން ތައްޔާރުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މިފްކޯގެ ބޯޓަކަށް މަސް ކިރުވަނީ / ފޮޓޯ:މިފްކޯ

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ގެ 64.65 މިލިއަން ޑޮލަރުގެ ލޯނު ހޯދައި މަސްވެރިކަމުގެ ސިނާއަތް ހަރުދަނާކޮށް ކުރިއެރުވުމުގެ ޕްރޮޖެކްޓެއް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން އިއުލާނުކޮށްފި އެވެ.

Ads by MPL

މިފްކޯއިން މިއަދު ކުރި އިއުލާނެއްގައި ބުނީ އައިޑީބީން ފައިނޭންސިން ފެސިލިޓީއަކަށް އެދުނީ ސަރުކާރުގެ އެހީތެރިކަމާ އެކުގައި ކަމަށެވެ. އައިޑީބީ އާއި ފިނޭންސް މިނިސްޓްރީ އާ ދެމެދު އެގްރިމެންޓުގައި ސޮއިކުރެވި ފައިސާ ހަމަޖެހިފައިވާ ކަމަށް މިފްކޯއިން ބުންޏެވެ.

އިންސްޓޯލްމަންޓް ސޭލް އަދި ގްރާންޓުގެ ގޮތުގައި ހޯދި ފައިސާއިން މިހާރު ފޯރުކޮށްދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށާއި ސިނާއަތާ ގުޅުންހުރި ކަންކަން ކުރިއަރުވަން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ފެސިލިޓީގެ ދަށުން 7 ކަމެއް ކުރުމަށް މިފްކޯއިން ވަނީ ނިންމާފަ އެވެ.

އޭގެ ތެރޭގައި ހިމެނޭ އެއް ކަމަކީ މަހުގެ ކޮލިޓީ ދެމެހެއްޓުމަށް ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމެވެ. އެގޮތުން ހއ. އިހަވަންދޫގައި 1،000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 50 މެޓްރިކް ޓަނުގެ ބްރައިން ފްރީޒިން ސްޓޯރޭޖެއް ގާއިމުކުރާނެ އެވެ. އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި 500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 50 މެޓްރިކް ޓަނުގެ ބްރައިން ފްރީޒިން ސްޓޯރޭޖެއް ތަރައްގީކުރާނެ އެވެ.

ފެސިލިޓީގެ ދަށުން ކަނޑުއޮށްގިރީގެ ޕަވަ ޖެނެރޭޝަން ކެޕޭސިޓީ އިތުރުކޮށް، 35 މެޓްރިކް ޓަނުގެ ފިޝް ޕްރޮސެސިން ޔުނިޓެއް ނުވަތަ ކޭނަރީ ފެސިލިޓީއެއް އަޅާނެ ކަމަށް އިއުލާނުގައި ވަނީ ބުނެފަ އެވެ. އެހެންނަމަވެސް އެ ކުންފުނިން ކަނޑުއޮށްގިރި މިހާރު ދޫކޮށްލާފައިވުމާ އެކު، އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން މަޝްވަރާކޮށްފައި ވަނީ ހުޅުމާލޭގައި ކަމަށް މިފްކޯއިން ބުންޏެވެ.

ޕްރޮޖެކްޓުގެ ތެރެއިން އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށް ފެލިވަރުގައި 250 ޔުނިޓު އަދި ކޫއްޑޫގައި 100 ޔުނިޓު އިމާރާތްކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މިފްކޯއިން ބުނި ގޮތުގައި ފެސިލިޓީގެ ދަށުން އުމްރާނީ ތަރައްގީގެ އިތުރުން މިފްކޯގެ މުވައްޒަފުންނާއި ސްޓޭކްހޯލްޑަރުންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމުތައް ހިންގާނެ ކަމުގަ އެވެ. އަދި ސުޕަވިޝަން އާއި ޕްރޮކިއުމަންޓް އަދި ފައިނޭންޝަލް މެނޭޖްމަންޓުގެ ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގަ އެވެ.

އަގުތައް އުފުލުން ނުވަތަ ދިމާވެދާނެ ކުއްލި ހާލަތަކުން އަރައިގަތުމަށް ކޮންޓިންޖެންސީ އެމަޖެންސީ ރެސްޕޯންސް ކޮމްޕޮނެންޓް (ސީއީއާރުސީ) އަކާއި ޕްލޭނެއް ތައްޔާރު ކުރާނެ ކަމުގަ އެވެ. އަދި ފައިނޭންޝަލް އޮޑިޓެއް އޮޑިޓަ ޖެނެރަލް މެދުވެރިކޮށް ހަދާނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.

Ads by HDC