ޚަބަރު

ފަސް އަހަރު ފަހުން ނޫނީ ދެވަނަ ފަހަރަށް ހައްޖަށް ނުދެވޭ ގޮތަށް އުސޫލު ބަދަލުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރާއްޖެއިން މިފަހަރު ހައްޖަށް ދިޔަ ބަޔަކު އެއާޕޯޓުގައި މަޑުކޮށްލައިގެން/ ފޮޓޯ: ދެން

ފަސް އަހަރު ފަހުން ނޫނީ ދެވަނަ ފަހަރަށް ހައްޖަށް ނުދެވޭ ގޮތަށް ހައްޖަށް ގެންދިއުމާއި ގުޅޭ ހާއްސަ އުސޫލު މިއަދު ބަދަލުކޮށްފި އެވެ.

Ads by STELCO

ހައްޖު ކިއު ކުޑަކުރުމުގެ ގޮތުން ފައިސާ ދައްކާ ފަރާތްތަކަށް ހައްޖަށް ދިޔުމުގެ ފުރުސަތު ދިނުމުގެ ގޮތުން ސިޔާސަތަށް ބަދަލު ގެނެސް ހައްޖާއި ގުޅޭ މުހިއްމު ކަންކަން ހިމެނޭ އާ އުސޫލު އިސްލާމިކް މިނިސްޓްރީން ގެޒެޓުކޮށް އަމަލުކުރަން ފެށީ މިއަދުން ފެށިގެންނެވެ.

އާ އުސޫލުގައި ބުނީ ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހަކަށް އިތުރު ފުރުސަތެއް ދެވޭނީ، އެންމެ ފަހުން ހައްޖުގެ އަޅުކަން އަދާކުރިތާ ހިޖުރީ ގޮތުން ފަސް އަހަރު ފުރުމުން ކަމަށެވެ.

އާ އުސޫލުގައި ގެނައި މުހިންމު ބަދަލުތައް

• އަލަށް ހައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދިނުން
• ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކުގެ ތެރެއިން އުމުރުން 65 އަހަރުން ފެށިގެން މަތީގެ ފަރާތްތަކަށް ކޮންމެ އަހަރަކު ހައްޖު ކޯޕަރޭޝަނުން ވަކި އިންސައްތައެއް ކަނޑައެޅުން.
• ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ އުމުރުން 75 އަހަރުން ފެށިގެން މަތީގެ މީހުންގެ ތެރެއިން ސިއްހީ ހާލަތަށް ބަލައިހައްޖު ކޯޕަރޭޝަނުގެ ލިސްޓުގައި ހިމެނެ އާއިލާ މީހަކު އެހީތެރިއެއްގެ ގޮތުގައި ގެންދިއުމުގެ ފުރުސަތު ދިނުން

އުސޫލުގައި ބުނެފައިވާ ގޮތުން އެހީތެރިއެއްގެ ގޮތުގައި ގެންދެވޭނީ ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ އަދި ހަައްޖު ކޯޕަރޭޝަނުގެ ލިސްޓުގައި ހިމެނޭ އާއިލާ މީހެކެވެ. އަދި ހައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހެއް އެހީތެރިއެއްގެ ގޮތުގައި ގެންދިއުމުގެ ފުރުސަތު ދޭނީ ހައްޖު ކޯޕަރޭޝަނުގެ ލިސްޓުގައި އާއިލާ މީހަކު ނެތި ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ މީހަކު އޭނާއަށް ލިބެން ނެތް ހާލަތުގައި ކަމަށް ވެސް އުސޫލުގައި ބުނެފައި ވެއެވެ.

އާ އުސޫލާއެކު ހައްޖަށް ދިއުމަށް ޓަކައި އެއްކޮށް ފައިސާ ދެއްކޭ ގޮތަށް ނުވަތަ ބައިބަޔަށް ބަހާލައިގެން ފައިސާ ދެއްކޭނެފަދަ ނިޒާމަކާއި ހައްޖު ކިއު ލިސްޓު ކުޑަކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް ވެސް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

Ads by HDC