ފްލެޓް ލިސްޓަށް ޝަކުވާ ހުށަހަޅަން އޭޕްރީލް 15އަށް މުއްދަތު އިތުރުކޮށްފި

ކުރީގެ ސަރުކާރުން ހިންގި 'ގެދޮރުވެރިޔާ' ސްކީމްގެ ފްލެޓް ލިސްޓަށް ޝަކުވާ ހުށަހަޅަން އޭޕްރީލް 15އަށް މުއްދަތު އިތުރުކޮށްފި އެވެ.
މި ސަރުކާރުން މިދިޔަ މަހު ފަހު ދުވަހު އާންމު ކުރި ފްލެޓް ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލީ މި މަހުގެ ނިޔަލަށެވެ.
މާދަމާއިން ފެށިގެން ގާތްގަނޑަކަށް ދެ ހަފުތާއަށް ސަރުކާރު ބަންދުވާއިރު ފްލެޓް ލިސްޓަށް ޝަކުވާ ހުށަހަޅަން އިތުރު 15 ދުވަސް ހިމަނައި އޭޕްރީލް 15 އަށް މުއްދަތު އިތުރުކުރި ކަމަށް ހައުސިން މިނިސްޓްރީން އެކްސްގައި ޕޯސްޓް ކުރި އެވެ.
މިދިޔަ ސަރުކާރުން ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމުކުރުމުން ބައެއް މީހުން ވަނީ އެ ފްލެޓު ހަވާލުކުރުމުގެ ކަންކަމުގައި ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ޝަކުވާ ހުށަހަޅާފަ އެވެ.
ފްލެޓް ލިސްޓް މި ސަރުކާރުން މުރާޖާކުރީ އޭސީސީން ދިން އިރުޝާދުތަކަށް ފަހުގަ އެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި ގޮތުގައި 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓުން ފްލެޓަށް ޝަރުތު ހަމަވާ ކަމަށް މިހާތަނަށް ކަށަވަރު ކުރެވިފައި ވަނީ 1،820 މީހުންނަށް ކަމަށެވެ.
ވެރިފިކޭޝަން މަރުހަލާ ނިމުނުއިރު، 3 ކޮޓަރީގެ ލިސްޓުގައި ހިމެނޭ 3،721 ފަރާތުގެ ތެރެއިން ޝަރުތު ހަމަވެ، 75 ޕޮއިންޓަށް ވުރެން މަތިން ޕޮއިންޓް ލިބިފައި ވަނީ 1،423 ފަރާތަކަށް ކަމުގަ އެވެ. ދެ ކޮޓަރީގެ ލިސްޓުގައި ހިމެނޭ 1،218 ފަރާތުގެ ތެރެއިން ޝަރުތު ހަމަވެ، 73 ޕޮއިންޓަށް ވުރެ މަތިން ޕޮއިންޓް ލިބިފައި ވަނީ 397 ފަރާތަކަށް ކަމުގައި މުއްތޮލިބު ވިދާޅުވި އެވެ.