ފަހު ދިހައިގައި މަސައްކަތަށް ނިކުންނަ މުވައްޒަފުންނަށް އިތުރު އިނާޔަތްތަކެއް ދެނީ

ރޯދަ މަހުގެ ފަހުދިހައިގައި ދައުލަތުގެ އިދާރާތަކުން އާންމުންނަށް ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް ދިނުމަށް މަސައްކަތަށް ނިކުންނަ މުވައްޒަފުންނަށް ހާޒިރީ އެލަވަންސްގެ އިތުރަށް މުސާރައިގެ ވަކި އިންސައްތައެއް ދިނުމަށް ހިމަނައި ދައުލަތުގެ ޕޭ ފްރޭމްވޯކަށް ގެނައި އިސްލާހު ރޭ އާންމުކޮށްފި އެވެ.
ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކަށް ގެނައި 7 ވަނަ އިސްލާހު ދިވެހި ސަރުކާރުގެ ގެޒެޓުގައި ނޭޝަނަލް ޕޭ ކޮމިޝަނުން ވަނީ ޝާއިއުކޮށްފަ އެވެ.
އިސްލާހުގައި ގެނެސްފައިވާ މުހިންމު ބަދަލުތަކުގެ ތެރޭގައި ރޯދަ މަހުގެ ފަހު ދިހައެއްގައި ދައުލަތުގެ އިދާރާތަކުގައި އާންމުންނަށް ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް ދިނުމަށް، އެ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތިން، އެ އިދާރާއިން މަސައްކަތަށް ނިކުންނަން ޖެހޭ ކަމަށް ކަނޑައަޅާ މުވައްޒަފުން މަސައްކަތަށް ނިކުންނަ ހުރިހާ ދުވަހަކަށް ހާޒިރީ އިނާޔަތް ދޭންވާނެ ކަމުގައި ބަޔާންކޮށްފައިވެ އެވެ.
ރޯދަ މަހުގެ ފަހު ދިހައެއްގައި ހިމެނޭ ހުރިހާ ދުވަހަކީ ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ "ރަސްމީ ބަންދު ދުވަސް" ތައް ފަދަ ދުވަސްތަކެއްގެ ގޮތުގައި ބަލައިގެން، ރަސްމީ ބަންދުތަކުގައި މަސައްކަތް ކުރުމުން ލިބޭނެ ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވާ މުސާރައިން ދުވާލަކަށް ޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އިނާޔަތް ދޭން ވާނެ ކަމަށް ބުނެފައިވެ އެވެ. އަދި ރޯދަ މަހުގެ އެ ދުވަސްތަކުގައި އިތުރުގަޑީގެ ފައިސާ ދިނުމުގައި ހިސާބުކުރަން ވާނީ، ރަސްމީ ބަންދު ދުވަސްތަކާ އެއްގޮތަށް ކަމުގައި ވެސް ވަނީ ބަޔާންކޮށްފަ އެވެ.
ޕޭ ފްރޭމްވޯކްގައި ބުނެފައި ވަނީ ރާއްޖޭގެ ރަސްމީ ކަލަންޑަރުގައި ކަނޑައަޅާފައިވާ ބަންދު ދުވަސްތަކުގެ އިތުރުން ރައީސް އޮފީހުގެ ދެންނެވުމަކުން ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާ ދުވަސްތަކަށް އިތުރުގަޑީގެ ފައިސާ ދިނުމުގައި ހިސާބު ކުރާނީ ރަސްމީ ބަންދު ދުވަސްތަކާ އެއްގޮތަށް ކަމަށެވެ. އެގޮތަށް ފައިސާ ދިނުމުގައި މިހާރު ކަނޑައަޅާފައި އޮންނަ 10 އިންސައްތައިގެ ތެރޭގައި އެ ދުވަސްތައް ނުހިމަނައި، އެ ދުވަސްތަކުގައި އިދާރާއިން މުވައްޒަފުން ލައްވާ ކުރުވާ ހުރިހާ މަސައްކަތު ވަގުތުތަކަށް އިތުރުގަޑީގެ ފައިސާ ދެވޭނެ ކަމަށެވެ.
އޭގެ އިތުރުން މަގާމަށް ކަނޑައަޅާފައިވާ މުސާރަ އާއި އިނާޔަތްތަކުގެ މިންގަނޑުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް ރޯދަ މަހުގެ ފަހު ދިހައިގައި ހިމެނޭ ދުވަސްތަކުގެ ތެރެއިން ހުކުރު އަދި ހޮނިހިރު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކަށް، އެ މުވައްޒަފުން އޮފީހަށް ހާޒިރުނުވި ކަމުގައި ވިނަމަވެސް ހާޒިރީ އިނާޔަތް ދޭންވާނެ ކަމުގައި ކަނޑައަޅާފައިވެ އެވެ.
ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކުގެ 7 ވަނަ އިސްލާހަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާނެ އެވެ.