Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ސަރުކާރު

ކޭޝް ވަގުފު ފަންޑަށް މީރާ މެދުވެރިކޮށް މިހާރު ފައިސާ ޖަމާކުރެވޭނެ: ޝަހީމް

ކޭޝް ވަގުފު ފަންޑަށް މީރާ މެދުވެރިކޮށް މިހާރު ފައިސާ ޖަމާކުރެވޭނެ: ޝަހީމް
އިސްލާމިކް މިނިސްޓްރީގެ ވަގުފު ފަންޑު ތަރައްގީކޮށް، ޝަރުއީ އުސޫލުތަކާ އެއްގޮތަށް މިފަހުން ގާއިމުކުރި ކޭޝް ވަގުފު ފަންޑަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ފަސޭހަކަމާ އެކު މިހާރު ފައިސާ ޖަމާކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ. ޝަރުއީ އުސޫލުތަކާ އެއްގޮތަށް ކޭޝް ވަގުފު ކުރެވޭނެ ނިޒާމެއް ގާއިމުކޮށް، ފަންޑުން ހޭދަކުރުމުގެ އުސޫލެއް އެކުލަވާލައި އަމަލުކުރަން ފަށާފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ. ގެނެވުނު ބަދަލަކީ ފަންޑު އުފެދުނުތާ 15 އަަހަރު ފަހުން ގެނެވޭ އެންމެ ހެޔޮ ބަދަލުކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވެފައި ވަނީ ކޭޝް ވަގުފުން އިންވެސްޓްކޮށް، އޭގެ ސާފު ފައިދާއިން އިސްލާމީ ދާއިރާތަކަށް ހޭދަކުރަން ނިންމާފައިވާ ކަމަށެވެ. އެ އާއެކު އާންމުންގެ ތެރެއިން ﷲ ގެ މަގުގައި ނަގުދު ފައިސާ ވަގުފުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. ފަންޑަށް ސަދަގާތާއި ހައިރާތާއި ހިބައިގެ އިތުރުން ވަސިއްޔަތުގެ ގޮތުން ދޭ ހަދިޔާ ވެސް ބަލައިގަންނާނެ ކަަމަށެވެ. އެބައި ފަންޑުގެ ތެރޭގައި ބަލަހައްޓާނީ ކޭޝް ވަގުފާ ވަކިން ހަރުދަނާ ނިޒާމެއްގެ ތެރެއިން ކަމަށް ޝަހީމް ވިދާޅުވި އެވެ. ކޭޝް ވަގުފު ފަންޑު ފަށާނީ 15 މިލިއަން ރުފިޔާ އާ އެކުގައި ކަމަށް ވެސް ފާހަގަކުރައްވާފައިވެ އެވެ. އިސްލާމިކް މިނިސްޓަރު މިއަދު މީޑިއާތަކާ ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ ދެމި ހުރި ސޮދަގާތެއް ގާއިމުކުރުމަކީ އާހިރަތުގައި ނުހަނު މަތިވެރި ސަވާބު ހުރި ކަމެެއް ކަަމަށެވެ. މުދާ ވަގުފު ކުރުމަކީ ދެމިހުރި ސޮދަގާތުގެ ތެރޭގައި ހިމެނޭ ކަމެެއް ކަަމަށެވެ. ހަރު މުދަލާއި ފައިސާ ﷲ އަށް ޓަކައި ވަގުފު ކުރެވިދާނެ ކަމަށެވެ. ފައިސާގެ ކިތަންމެ ކުޑަ މިންވަރެއް ވެސް ވަގުފު ކުރެވިދާނެ ކަމަށެވެ. އެގޮތުން އަމިއްލަ ނަފްސާއި އާއިލާ އާއި މައިންބަފައިންނަށް ޓަކައި ވަގުފު ކުރެވިދާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ. ވަގުފު ކުރެވޭ ފައިސާއަކީ، އެ ފައިސާ ބަލަހައްޓާ ފަރާތުން އިންވެސްޓްކޮށް، ވުނަކޮށް، އޭގެ ސާފު ފައިދާއިން ﷲ ރުހިވޮޑިގަންނަވާ ހެޔޮ ކަންކަމަށް ހޭދަކުރެވޭ އެއްޗެއް ކަމަށާއި އެއީ ދެމިގެންވާ ސޮދަގާތެއް ކަމަށެވެ. ޝަހީމް ވިދާޅުވި ގޮތުގައި ވަގުފު ފަންޑަށް ފައިސާ ވަގުފު ކުރެވޭނެ ފުރިހަމަ ނިޒާމެއް ގާއިމުކޮށްފައިވާއިރު، މީރާގެ ވާރުޕޭ މެދުވެެރިކޮށް ކޭޝް ވަގުފު ފަންޑަށް މިހާރު ފަސޭހަކަމާ އެކު ފައިސާ ޖަމާކުރެވޭނެ ކަމުގަ އެވެ. ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަގުފު ފަންޑުން ހޭދަކުރުމުގެ އުސޫލުގައިވާ ގޮތުން ވަގުފު ފަންޑު ބެލެހެއްޓުމާ ހަވާލުވާ ފަރާތަކީ އިސްލާމިކް މިނިސްޓަރެވެ. އަދި ހުރިހާ ހާލަތެއްގައި ވެސް ވަގުފު ފަންޑަށް ޒިންމާވާން ޖެހޭ އެންމެ އިސް ފަރާތަކީ، އިސްލާމިކް މިނިސްޓްރީ އެވެ. އުސޫލުގައި އިތުރަށް ބުނެފައިވާ ގޮތުން:
  • ފަންޑުގެ މަގުސަދުތައް ހާސިލު ކުރުމަށް ޓަކައި ސިޔާސަތުތައް ކަނޑައެޅުމަށާއި ނިންމުންތައް ނިންމުމަށް، ޓްރަސްޓް ސްޓޭޓްމަންޓުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަތް މެމްބަރުން ހިމެނޭ ފަންޑު ކޮމިޓީއެއް އުފައްދަން ޖެހޭ
  • ފަންޑު ކޮމިޓީގެ ސިޔާސަތުތަކާއި ނިންމުންތައް ތަންފީޒުކުރުމަށާއި ފަންޑާ ގުޅޭ އެހެނިހެން މަސައްކަތްތައް ކުރުމަށް ފަންޑު މެނޭޖަރެއް ކަނޑައަޅަން ޖެހޭ
  • އަަހަރުން އަހަރުން ފަންޑު އޮޑިޓްކޮށް އަހަރީ ރިޕޯޓު ނެރެން ޖެހޭ
  • ފަންޑު އުވާލަން ޖެހިއްޖެ ނަމަ، ފަންޑުގައިވާ ވަގުފު މުދަލާއި ފައިސާ، ޝަރުއީ ލަފާދޭ ކޮމިޓީގެ ލަފާގެ މަތިން އެހެން ވަގުފަކަށް ނުވަތަ ވަގުފު ފަންޑަކަށް ބަދަލުކުރަން ޖެހޭ

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް