މަސްތުވާތަކެތީގެ މައްސަލައިގައި ދީޕިކާ އެންސީބީއަށް ހާޒިރުކުރަނީ

ބޮލީވުޑްގެ އެކްޓަރ ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުން ގޮސް، ފެންމަތިވެފައިވާ މަސްތުވާތަކެތީގެ މައްސަލައިގައި ސުވާލު ކުރުމަށް، ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ދީޕިކާ ޕަދުކޯން ވެސް ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އަށް ހާޒިރުކުރަން ނިންމައިފިއެވެ.
އިންޑިއާ ގައި މިވަގުތު ހުރި އެންމެ އަގުބޮޑު އެކްޓްރެސް ދީޕިކާ، އެންސީބީ އަށް ހާޒިރު ކުރަން ނިންމާފައި ވަނީ މިހަފްތާ ތެރޭގައި ކަމަަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.
ޓައިމްސް ނައު ޗެނަލުން ބުނެފައިވާ ގޮތުގައި މަސްތުވާތަކެތި ދެ މީހަކަށް ހޯދައިދިނުމަށް ދީޕިކާ ބުނެފައިވާ ޗެޓުތަކެއް ވަނީ ލީކު ވެފައެވެ. އެޗެޓުގައި، ކްވޯން ގައި މަސައްކަތް ކުރާ "ކަރިޝްމާ" ނަމަކަށް ކިޔާ މީހެއް ގާތު ދީޕިކާ ވަނީ "އެތިކޮޅެއް އެބަހުރިތޯ" ސުވާލު ކޮށްފައެވެ. އޭގެ ޖަވާބުގައި ކަރިޝްމާ ބުނެފައިވަނީ އެބަހުރި ކަމަށާއި ނަމަވެސް އޭނާ އެވަގުތު ހުރީ ގޭގައި ކަމަށެވެ.
ޓައިމްސް ނައު ގެ ރިޕޯޓަރު ނާވިކާ ކުމާރް ބުނެފައިވަނީ މިޗެޓުތަކާއި ގުޅިގެންނާއި މަސްތުވާތަކެތީގެ އެއްވެސް ކަހަަލަ މުޢާމަލާތެއް ދީޕިކާ ހިންގާފައިވޭތޯ ބެލުމަށް މިހަފްތާ ތެރޭގައި ދީޕިކާ އެންސީބީ އަށް ހާޒިރު ކުރާނެ ކަމަަށެވެ.
ދީޕިކާ ގެ އިތުރުން ބޮލީވުޑްގެ ތަރިން ކަމުގައިވާ ސާރާ އަލީ ޚާން އާއި ޝްރަދާ ކަޕޫރު ވެސް ވަނީ މިމައްސަލައިގައި އެންސީބީ ގެ ރާޑަރަށް އަރާފައެވެ.