11.9 މިލިއަނަށް ތުލުސްދޫގައި އާ އިންޖީނުގެއެއް އިމާރާތްކުރަން ހަވާލުކޮށްފި

ކ. ތުލުސްދޫގައި އަލަށް ގާއިމުކުރަން ނިންމާފައިވާ އިންޖީނުގެ އާއި ކަސްޓަމާ ސާވިސް ބިލްޑިން އަދި އިންޖީނުގޭގެ ވަށާފާރު ރޭނުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ތުލުސްދޫގައި އިންޖީނުގެއަކާއި ކަސްޓަމާ ސާވިސް ބިލްޑިންއެއް އިމާރާތްކޮށް، އިންޖީނުގޭގެ ވަށާފާރު ރޭނުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އާދިއްތަ ސްޓެލްކޯގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އެ މަސައްކަތްތައް ކުރުމަށް ސްޓެލްކޯއިން ހަވާލުކުރީ ސަންވިލް ޕްރައިވެޓް ލިމިޓެޑާ އެވެ. މަސައްކަތުގެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެވެ. ސަންވިލްގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރާފިއު އެވެ.
ސަންވިލް އާ މަސައްކަތް ހަވާލުކޮށްފައި ވަނީ 11.9 މިލިއަން ރުފިޔާއަށެވެ. އެއީ 175 ދުވަހުގެ ތެރޭގައި މަސައްކަތްތައް ނިންމާ ގޮތަށެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމާއި ރަށު ކައުންސިލުގެ ރައީސް އަސްލަމް މޫސާގެ އިތުރުން ސްޓެލްކޯގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.