ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފުރައްސާރަކޮށް ކޮންޓެންޓް ގެނެސްދޭނަމަ ހަރުކަށި ފިޔަވަޅު އަޅާނަން: ބްރޯޑްކޮމް

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފުރައްސާރަކޮށް ކޮންޓެންޓް ގެނެސްދޭނަމަ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ބްރޯޑްކާސްޓިން ކޮމިޝަން(ބްރޯޑްކޮމް)އިން މިރޭ ދީފި އެވެ.
ބްރޯޑްކޮމްއިން މިރޭ ނެރުނު ބަޔާނުގައި ބުނީ ކުޑަކުދިންނާއި ޅަފުރައިގެ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ރައްކާތެރިކަން ގާނޫނު އަސާސީގެ 35ވަނަ މާއްދާގެ ދަށުން ލިބޭ ކަމަށެވެ.
އަދި އެކަން އެހެން އޮތްއިރު ބްރޯޑްކާސްޓްކުރުމުގެ 37 ވަނަ މާއްދާގެ ދަށުން އެކުލަވާލައިފައިވާ ކޯޑް އޮފް ޕްރެކްޓިސްއާއި ގައިޑްލައިންތަކާއި ތައާރަޒުވާ ކޮންޓެންޓް ބްރޯޑްކާސްޓްކުރާ މައްްސަލަަ ސަމާލުކަމަށް ވެސް އައިސްފައިވާ ކަމަށް އެ ކޮމިޝަންއިން ބުންޏެވެ.
އެހެންވެ އެފަދަ ކޮންޓެންޓްގެ މައްސަލަތައް ތަހުގީގުކޮށް އެކަންކަން ރަނގަޅުކުރުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން ކުރުމުގެ އިހުތިސޯސް އެ ކޮމިޝަންއަށް ލިބިގެންވާކަމަށް ބްރޯޑްކޮމްއިން ބުންޏެވެ.
"ކޮމިޝަންގެ ސަމާލުކަމަށް އަންނަ އަދި ހުށަހެޅޭ މިފަދަ ކޮންޓެންޓް ބަލައި ގާނޫނުން ޖާގަދޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ވާހަކަ އެންމެހާ ބްރޯޑްކާސްޓަރުންނަށް އަންގަމެވެ" ބްރޯޑްކޮމްއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފުރައްސާރަކުރާ މައްސަލަައިގައި ބްރޯޑްކޮމްއިން މިރޭ ބަޔާން ނެރުނުއިރު ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ (ޕާޕާ ފަޔާޒް) އާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ރާއްޖޭގެ ޓީވީއަކުން ގެނެސްދިން ޕްރޮގްރާމެއްގައި ވަނީ އި އޯޓިޒަމްއާއި ޑައުންސިންޑްރޮމް ހުންނަ މީހުންނަށް ހަޖޫ ޖަހައިފަ އެވެ.
އެގޮތުން ޕާޕާ ވިދާޅުވެފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގައުމު "އޮޕަރޭޓްކުރާ" ގޮތުން އެމަނިކުފާނު "އޯޓިސްޓިކް" ގޮތެއް ހުންނަވާކަން ހީވާ ކަމަށެވެ. އަދި މޮސްޓާ ވަނީ ޕާޕާގެ ވާހަކައާ އެއްބައިވެލައްވައި ރައީސް މުއިއްޒު "ޑައުންސިންޑްރޮމް"ހުންނަހެން ވެސް ހީވާ ކަމަށެވެ.